24 މެއި 2010
ގުއަންޓަނާމޯބޭ ޖަލުގެ ގައިދުގައިވާ ކުށެއްނެތް މުސްލިމަކަށް ހިމާޔަތް ދިނުމާބެހޭ
ގުއަންޓަނާމޯބޭ ޖަލަކީ “ކުށެއްނެތް އެތައްބަޔަކަށް ޙައްޤަކާއިނުލާ އަދަބުދޭ ތަނެއް” ކަމަށްބުނެ ބައިނަލް އަޤްވާމީ މުޖުތަމަޢު އެކަމާއި ނުރުހުން ފާޅުކޮށް، އެޖަލު ބަންދުކުރުމަށް ކުރާ މަސައްކަތަށް ހިތްވަރުދީ އެކަމުގައި ވެވުނުވަރަކުން އެހީވުމަކީ އަޅުގަނޑުމެންފަދަ ސައްތައިން ސައްތަ މުސްލިމުން އުޅޭ ޤައުމަކުން ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް މިދާއިރާއިން ދެކޭހިނދު،
ގުއަންޓަނާމޯބޭ ޖަލުގައި ބަންދުކުރެވިފައިވާ ގިނަމީހުންނަކީ އެހީތެރިކަން ބޭނުންވެފައިވާ މުސްލިމުންނަށްވެފައި އެއީ އަޅުގަނޑުމެންގެ އަޚުން ކަމުގައިދެކި އެއްމުސްލިމަކު އަނެއްމުސްލިމަކަށް އެހީވުމަކީ ދީނަށާއި އިންސާނިއްޔަތަށްޓަކައި ކުރެވޭ ވަރަށްބޮޑު ހެޔޮކަމެއް ކަމުގައި މިދާއިރާއިން ދެކޭހިނދު،
ދިވެހިން “ފަޚުރުވެރި ދިވެހިން”ނަށްވަނީ ހަމައެކަނި ވަކިވަކި ރަށްތަކެއްގައި ދިރިއުޅޭ މީސްކޮޅުމަދު ޤައުމަކަށް ވީތީނޫންކަމަށް މިދާއިރާއިން ދެކޭހިނދު، ދިވެހިން “ފަޚުރުވެރި ދިވެހިން”ނަށްވަނީ މެހްމާންދާރީ އަދާކުރުމާއި އެކަކު އަނެކަކަށް އެހީތެރިވުމުގައި ނަމޫނާބައެއްގެ ގޮތުގައިކަމަށް މިދާއިރާއިން ދެކޭހިނދު،
ގުއަންޓަނާމޯބޭ ޖަލުން ދެ މުސްލިމަކު ދިވެހިރާއްޖެއަށް ގެނައުމަކީ މިދާއިރާގެ ރައްޔިތުން އިންތިޙާއަށް ބޭނުންވާ ކަމެކެވެ. އަޅުގަނޑުމެންގެ އަޚުންނަށް ފުރިހަމައަށް މަރުޙަބާކިޔައި ޙާލުގައި ޖެހިފައިވާ އެ މުސްލިމުންނަށް މެހްމާންދާރީ އަދާކޮށް އެމީހުން އަޅުގަނޑުމެންގެ ދާއިރާގައި ވަޒަންވެރިކޮށް ދިރިއުޅުމެއް ހޯދައި ދިނުމަކީ، ޝައްކެއްނެތްގޮތުގައި މި ކުޑަކުޑަ ދާއިރާއަށް ލިބޭނެ ވަރަށްބޮޑު ފަޚުރެކެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ވ.ދާއިރާ