އެމްޑީޕީގެ މެންބަރުންނަކީ ޕާޓީ ދެކެ ވަރަށް ލޯބިވާ ބައެއްކަން ހާމަވެގެން ހިނގައްޖެ – މޫސަ

– މި ރާއްޖެ މިއަދު މިދެކޭ ޑިމޮކްރަސީގެ މާލިމީ އަކީ ރައީސް ނަޝީދު ކަމަށް ވެސް މޫސަ ވިދާޅުވި

އިބްރާހީމް ރާމިޒް

male-dhaairaa-raisun-badhalavun-18-07-2011-12-450-x-301

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުންނަކީ އެ ޕާޓީ ދެކެ ވަރަށް ލޯބިވާ، ކޮންމެ ކަމަކަށް ގޮވާލިޔަސް އުފަލާއެކު ޕާޓީއަށް ޚިދުމަތްކޮށްދިނުމަށް ތައްޔާރަށް ތިބޭ ބައެއްކަން ހާމަވެގެން ހިނގައްޖެ ކަމުގައި، އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސަ މިހެން ވިދާޅުވީ އެމްޑީޕީން މިހާރު ފަށައިގެން އުޅޭ ދާއިރާތަކާއި، ގޮފިތަކުގެ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާލެ ސިޓީގެ ދާއިރާތަކާއި، ގޮފިތަކުގެ ރައީސުންނަށް ޚާއްޞަކޮށްގެން ރޭ ނަސަންދުރަ ޕެލޭސް ހޮޓެލްގެ އަބާރަނަ މާލަމުގައި ބޭއްވި މަސައްކަތު ބައްދަލުވުން ނިންމާލުމުގެ ގޮތުން ދެެއްކެވި ވާހަކަފުޅުގައެވެ.
މޫސަ ވިދާޅުވީ މާލެސިޓީގެ އެމްޑީޕީގެ އިސް ޙަރަކާތްތެރިންނަށް ދެއްވި ދައުވަތު ގަބޫލުކުރައްވައި ގިނަ އަދަދެއްގެ ބަޔަކު ރޭގެ މަސައްކަތު ބައްދަލުވުމަށް ވަޑައިގެން ދެއްވި ކަމީ ޕާޓީއާ މެދު އެބޭފުޅުން ބަހައްޓަވާ ގާތްކަން ހާމަވެގެން ދިޔަކަމެއް ކަމަށެވެ.
މީގެ އިތުރުން މޫސަ ވިދާޅުވީ އެމްޑީޕީގެ މެންބަރުން މިފަދަ ނުގުޑާ ފަދަ އަޒުމެއްގައި ޕާޓީ ވަރުގަދަކުރުމަށް މަސައްކަތްކުރުންމަތީ ދެމި ތިބޭހާ ދުވަހަކު މި ރާއްޖޭގެ ވެރިކަމަށް އެހެން އެއްވެސް ޕާޓީ އަކަށް ނާދެވޭނޭ ކަމަށާއި، “އެމްޑީޕީގެ ބާނީ” ކަމަށް އެމަނިކުފާނު ގަބޫލުކުރައްވާ މާލިމީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އާރުކާޓީ ކަމުގެ ދަށުން ޕާޓީގެ އިދާރީ ހިންގުން އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުމަށް ޗެއަރޕާސަންގެ ހައިސިއްޔަތުން ފައްޓަވާފައިވާ މަސައްކަތްތަކަށް އެމްޑީޕީގެ މެންބަރުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.
” އަޅުގަނޑު ގަބޫލުކުރާ ގޮތުން މި ރާއްޖެ މިއަދު މިދެކޭ ޑިމޮކްރަސީގެ މާލިމީ އަކީ ރައީސް ނަޝީދު. އެމަނިކުފާނު ވަރަށް އިސްކަންދެއްވާ މި ޕާޓީ ވަރުގަދަކޮށް، ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް. އަޅުގަނޑު އިރާދަކުރެއްވިއްޔާ އެމަނިކުފާނުގެ ލަފާފުޅާއި، ޕާޓީގެ މެންބަރުންގެ އެހީތެރިކަމާއެކު މި ޕާޓީގެ އިދާރީ ހިންގުން ހަރުދަނާކޮށް، މި ޕާޓީއަކީ އަބަދުވެސް އެންމެ ވަރުގަދަ، އެންމެ މެންބަރުން ގިނަ ޕާޓީގެ ގޮތުގައި ބޭއްވުމަށް މަސައްކަތްކުރާނަން. މި ސަރުކާރު ދެމި އޮންނަނީ މި ޕާޓީގެ ސަބަބުން. އެހެން ކަމުން ސަރުކާރު ދިފާޢޫކޮށް، މި ސަރުކާރު ދެމެހެއްޓުމަށް، މި އެމްޑީޕީ ވަރުގަދަވުމަކީ ވަރަށް މުހިންމު ކަމެއް.” މޫސަ ވިދާޅުވިއެވެ.
އެމްޑީޕީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ކުރެވެންހުރި ކަންތައްތައް ދެނެގަތުމަށް، މަޝްވަރާކުރުމުގެ ގޮތުން އެމްޑީޕީން ރޭ ބޭއްވި ޖަލްސާ ގައި، މާލެ ސިޓީގައި ރަޖިސްޓްރީ ކުރެވިފައިވާ 93 ގޮފީގެ ތެރެއިން ގިނަ ގޮފިތަކުން މަންދޫބުން ބައިވެރިވެ، ބިނާކުރަނިވި މަޝްވަރާތަކެއް ބަދަލުކުރެވުނެވެ. އެގޮތުން ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އެމްޑީޕީގެ ރަސްމީ އިދާރާއެއް މާލެ ސިޓީގެ ކޮންމެ ދާއިރާއެއްގައި އިފްތިތާޙްކުރުމާއި، ރެޖިސްޓްރޭޝަންގެ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނޭ ކަންތައްތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.