24 މެއި 2010
އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެދަށުން ތައިލޭންޑްގެ ޕްރުކްސާއާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުނި، ޕްރުކްސާ – އެޗްޑީސީން އަލަށް ތަރައްޤީކުރާ ފްލެޓްތަކުގެ 50 އިންސައްތަ ޑައުންޕޭމަންޓް ސަރުކާރުން ދައްކަން ހަމަޖެހިފައިވާ ކަމަށް އެންސްޕާގެ ޗެއަރމަން އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.
އިއްޔެ މެންދުރުފަހު ޓީވީއެމްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި އިބްރާހީމް ވަޙީދު ވިދާޅުވީ މިކަމަށް ޝަރުޠުހަމަވާ މީހުންނަށް އެޑްވާންސް ފައިސާ ދައްކައިދިނުމުގެއިތުރުން ގޭގެކުލިން އިތުރުވާބައިވެސް ދައްކައިދޭނީ ސަރުކާރުން އެންސްޕާ މެދުވެރިކޮށް ހިންގަމުން ގެންދާ މަދަނަ ޕްރޮގްރާމްގެދަށުން ކަމަށެވެ.
ޕްރެކްސާ އެޗްޑީސީ އިން އަޅަމުންގެންދާ 178 ފްލެޓުގެ އަގުތައް އުޅެނީ މަހަކު 9060 ރުފިޔާއާއި 15،180 ރުފިޔާއާއި ދެމެދުގެ އަގުތަކަށެވެ. ފްލެޓެއްގެ އަގު އުޅެނީ 955،948 ރުފިޔާ އާއި 1،602،460 ރުފިޔާ އާއި ދެމެދުގައެވެ. މީގެތެރެއިންވެސް ދެބައިކުޅަ އެއްބައި ފްލެޓުތަކަށް ސަރުކާރުން ޑައުން ޕޭމަންޓް ދައްކައިދީ އަދި ކުލިން އިތުރުވާބައިވެސް ސަރުކާރުން ކުރިއަށްގެންދާ މަދަނަ ޕްރޮގްރާމްގެތެރެއިން ދައްކައިދީގެން ނިކަމެތިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް އިބްރާހީމް ވަޙީދު ވިދާޅުވިއެވެ.
ފްލެޓުތަކުގެ ކުލިން ސަރުކާރުން ދައްކައިދޭބައި ކަނޑައަޅަން ހަމަޖެހިފައިވަނީ އެގެއެއްގައި ދިރިއުޅޭ ބަޔަކަށް ލިބޭ އާމްދަނީއަށް ބަލައި އާމްދަނީގެ ވަކި ނިޞްބަތަކަށްވުރެ އިތުރުވާބައިކަމަށް ރައީސް ނަޝީދުވަނީ މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވަމުންވެސް ވިދާޅުވެފައެވެ.
ދިވެހި ރައްޔިތުންނަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެދަށުން، މާލެއާއި ހުޅުމާލޭގެ އިތުރުން އެހެން ޕްރޮވިންސް ތަކުގައި އަޅާ ފްލެޓްތަކުގެ 50 އިންސައްތަ ދޫކުރުމަށް ހަމަޖެހިފައިވަނީ ނިކަމެތިންނަށް ކަމަށް އެންސްޕާގެ ޗެއަރމަން އިބްރާހީމް ވަޙީދު ވިދާޅުވިއެވެ. އަދި މިހައުސިންގ ޔުނިޓްތަކާއި ފްލެޓްތަކުގެ ޑައުންޕޭމަންޓްގެ 50 އިންސައްތަ ދެއްކުމުގެ އިތުރުން މަހުކުލިން ބައެއް ދައްކައިދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.