ސަރުކާރުގެ ޓެކްސްބިލްތައް މަޖިލީހުގެ ތަނަވަސް އަޤްލަބިއްޔަތުން ބަލައިގަތުމަށް ފާސްވަމުން ދިއުމާ ގުޅިގެން މަޖިލިސް މެންބަރުންނަށް އެމްޑީޕީން ޝުކުރުއަދާކޮށްފި،

– ސަރުކާރަށާއި، ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ވެސް އެމްޑީޕީގެ ޗެއަރޕާސަން މަރުހަބާ ވިދާޅުވި

އިބްރާހީމް ރާމިޒް

-majlis

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޤްތިޞާދީ ބިލްތައް މަޖިލީހުގެ ތަނަވަސް އަޤްލަބިއްޔަތުން ބަލައިގަންނަމުންދަނީ އެ ބިލްތަކަށް މަޖިލީހުގެ ފުރިހަމަ ތާޢީދު އޮތުމުން ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެ ކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޝުކުރުއަދާކުރައްވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ވެބްސައިޓަށް މީގެ ކުޑައިރުކޮޅެއް ކުރިން ދެއްވި ބަސްދީގަތުމެއްގައި، މޫސަ ވިދާޅުވީ، ” މިއަދު މަޖިލީހުން ސަރުކާރުގެ ޓެކްސް ބިލްތައް ތަނަވަސް އަޤްލަބިއްޔަތަކުން ބަލައިގަންނަމުން އެދަނީ އެ ބިލްތަކަށް މަޖިލީހުގެ ފުރިހަމަ ތާޢީދު އޮތުމުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އެކަމަށްޓަކައި މަޖިލީހުގެ ހުރިހާ މެންބަރުންނަށް ވަރަށް ޚާއްސަ ޝުކުރެއްދަންނަވަން.” ކަމަށާއި، އަދި ސަރުކާރަށާއި، ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
ސަރުކާރުން ދައުލަތުގެ އާމްދަނީ އިތުރުކޮށް، އާންމު ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް މިކުރާ މަސައްކަތުގައި މަޖިލީހުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، މިފަދަ ޓެކްސްތަކެއް ތަޢާރަފްކޮށް، އިޤްތިޞާދު ޒަމާނީ ކުރުމަކީ، ފުދުންތެރިންނަށް ލިބޭ އެއްޗަކުން ފުދުންތެރިކަން ނެތް މީހުންނަށް ޚަރަދުކޮށް، ދުޅަހެޔޮ އިޤްތިޞާދެއް ބިނާކުރުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި މޫސަ ވިދާޅުވިއެވެ.
ބޭރު ފައިސާގެ އަގު ކޮންޓްރޯލްކުރެވި، ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ މުހުތާދުތައް އަތްފޯރާ ފަށަށް ގެނެވޭނީ ޓެކްސްގެ ނިޒާމުގެ ދަށުން ޒަމާނީ އިޤްތިޞާދެއް ބިނާކޮށް، ދައުލަތުގެ އާމްދަނީ އިތުރުކުރެވިގެން ކަމަށް މޫސަ ވިދާޅުވިއެވެ. އެހެން ކަމުން ދިވެހި ގައުމަށްޓަކައި މަޖިލީހުން މިއަދު އެ ކޮށްދެނީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާއި، މި ބިލުތައް ފާސްވެ ޤާނޫނުތަކަށް ވުމުން، މިކަމުގެ ފައިދާ މުޅި ދިވެހި މުޖުތަމަޢަށް ކުރާނޭ ކަމަށް މޫސަ ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދީ ނިޒާމް އިސްލާޙްކުރުމަށް ސަރުކާރުން ފަށާފައިވާ، އިޤްތިޞާދު އިސްލާޙްކޮށް، ޒަމާނީ ކުރުމުގެ އެޖެންޑާގެ ދަށުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިޤްތިޞާދާ ގުޅޭ 14 ބިލެއް ހުށަހަޅުއްވާފައިވެއެވެ.
ސަރުކާރުން ހުށަހެޅުއްވި 4 ބިލެއް މިއަދު މަޖިލީހަށް ބަލައިގަތުމަށް ވަނީ ފާސްވެފައެވެ. އެއީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލާއި، ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި، ވިޔަފާރި ފައިދާ އިން ޓެކްސް ނެގުމުގެ ބިލުގެ އިތުރުން އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލެވެ.