ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ އާ ގޮފިތަކުގެ އިންތިޚާބު ބާއްވައިފި

އިބްރާހީމް ރާމިޒް

މާލެ ސިޓީގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ އާ ގޮފިތަކުގެ އިންތިޚާބު ރޭ ބާއްވައިފިއެވެ.
ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ އޮފީހުގައި ރޭ ބޭއްވި މި އިންތިޚާބުގައި އެ ދާއިރާގެ އެމްޑީޕީގެ މުޅިން އާ 3 ގޮފިކަމަށްވާ “ކުރިމަގު ގޮފި”، ދަރުބާރު ގޮފި” އަދި “ޖަގަހަ” ގޮފީގެ ރައީސް އާއި ނާއިބު ރައީސް ކަމަށް މެންބަރުން އިންތިޚާބުކުރެވިފައިވެއެވެ.
ރޭގެ އިންތިޚާބުގައި މިހުރިހާ ގޮތްޕެއްގެ ވެސް ހިންގާ ކޮމިޓީއަށް ހޮވިފައިވަނީ އަންހެން ބޭފުޅުންނެވެ. އެގޮތުން ކުރިމަގު ގޮފީގެ ރައީސާ އަކަށް މަރިޔަމް ނަޒީހާ އިންތިޚާބު ވެފައިވާ އިރު، އެ ގޮފީގެ ނައިބު ރައީސާ އަކަށް އިންތިޚާބުވެފައިވަނީ އާމިނަތު ވަހީދާއެވެ. ދަރުބާރު ގޮފީގެ ރައީސާ އަކަށް އިންތިޚާބުވެފައިވަނީ މަރިޔަމް ޒުހުދާ އެވެ. އެ ގޮފީގެ ނައިބު ރައީސާ އަކަށް އިންތިޚާބު ވެފައިވަނީ ޒުލްފާ އިބްރާހީމް އެވެ. ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ އަނެއް ގޮފި ކަމަށްވާ ޖަގަހަ ގޮފީގެ ރައީސާ އަކަށް ޢާއިޝަތު ނާދިޔާ އިންތިޚާބުވެފައިވާ އިރު، އެ ގޮފީގެ ނާއިބު ރައީސާއަކަށް ހޮވިފައިވަނީ ފާތުމަތު ސަޢީދާއެވެ.
މި އިންތިޚާބާ ބެހޭ މަޢުލޫމާތު އެމްޑީޕީ ވެބްސައިޓަށް ދެއްވަމުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ ރައީސް ހުސައިން ޝަހީމް ވިދާޅުވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ ގޮފިތަކުގެ ހިންގާ ކޮމިޓީއަށް އަންހެން ބޭފުޅުން ހޮވިފައިވަނީ އެދާއިރާގައި އަންހެނުންގެ ދައުރު ފުޅާވުމުގެ ސަބަބުން ކަމަށެވެ.