23 މެއި 2010
ކަރަންޓް ޔުނިޓަކުން ކުރީގެ ސަރުކާރުން ނެގި އަދަދަށް ވުރެ ދިހަ ލާރި އަގުހެޔޮކޮށް، ހަތަރު ސަތޭކަ ޔުނިޓާ ހަމަޔަށް ސްޓެލްކޯގެ ކަރަންޓު ބޭނުންކުރާ ފަރާތްތަކަށް ތެލުގެ ސާޗާޖުގެ އިތުރުން މިމެއި މަހުން ފެށިގެން ފަސްމަސް ދުވަސް ވަންދެން ސަބްސިޑީ ދެމުން ގެންދާ ގޮތަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހަމަޖައްސައިފިއެވެ.
މިއަދު މެންދުރު ބޭއްވި ނޫސް ކޮންފަރެންސް އެއްގައި އެންސްޕާގެ ޗެއަރމަން އިބްރާހީމް ވަހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ތާރީޚީ ދުވަސްކަމަށްވާ 11 ނޮވެމްބަރު 2008ވީ އަންގާރަ ދުވަހާ ހަމައަށް ސްޓެލްކޯ އިން ދެމުންއައި ކަރަންޓް ޔުނިޓަކަށް 1.60 ރުފިޔާ ދައްކަމުން އައި ފަރާތްތަކުން ސަބްސިޑީގެ އެހީއާއެކު މިހާރު ދައްކަން ޖެހެނީ 1.50 ރުފިޔާ ކަމުގައެވެ. މިއީ ކުރީގެ ސަރުކާރަށްވުރެ ޔުނިޓަކުން 10 ލާރި ހެޔޮ އަދަދެކެވެ.
ކަރަންޓުގެ އަގަށް ރައްޔިތުން އެދޭ ފަދަ ހެޔޮ ބަދަލެއް ސަރުކާރުން މިގެނައީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޭ ސަބްސިޑީގެ މަސައްކަތަށް އެހީތެރިވެދިނުމަށާއި، ހަލުވިކަމާއެކު އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޚާއްޞަ ޓާސްކް ފޯހުން ކުރި ދިރާސާތަކަކަށް ފަހުގައެވެ.
މި ޓާސްކް ފޯހުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބު މުޙައްމަދު ފިރާޤު، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓެރީ ޑޮކްޓަރ ޙުސައިން ނިޔާޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓެރީ ޝުޢައިބު ޢަލީ، ސްޓޭޓް އިލްކެޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޗެއަރމަން ޙަސަން ޒާހިރު، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު އާދަމް ޢަބްދުލްޣަފޫރު، ރ. އަތޮޅުގެ ކުރީގެ މެންބަރު ރ.ކަނދޮޅުދޫ ފިނިފެންމާގޭ ޢަލީ ވަޙީދު އަދި ގ. ޒަމާނީގުލްޝަން މުޙަންމަދު ޢަބްދުﷲ އެވެ.