މާލެސިޓީގެ މޭޔަރުކަމަށް މައިޒާން އަލިބެ ހޮވައިފި

އިބްރާހީމް ރާމިޒް

maizan-alibe

މާލެ ސިޓީގެ މޭޔަރުކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު، ހ. އިސްދޫ، މައިޒާން އަލިމަނިކު (އަލިބެ) މިއަދު ހޮވައިފިއެވެ.
މިއަދު އޮތް މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި އަލިބެ އެމަޤާމަށް ހޮވިވަޑައިގެންނެވީ، އެ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުގައި 10 ވޯޓުލިބިވަޑައިގެންނެވެ.
މާލެ ސިޓީގެ ކުރީގެ މޭޔަރު އަދި މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ސަރަނގު އާދަމް މަނިކު އެ މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެން، އެ ކަމަށް ކުރިމަތިލެއްވީ ވެސް އަލިބެ އެކަންޏެވެ.
މާލޭގެ މޭޔަރު ކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން އެމްޑީޕީ ވެބްސައިޓަށް ދެންމެ ދެއްވި ބަސްދީ ގަތުމެއްގައި އަލިބެ ވިދާޅުވީ “އަޅުގަނޑު އެންމެ އިސްކަމެއްދޭނީ މާލެ ސިޓީ ކައުންސިލުން މިހާރުވެސް ކުރަން ރާވާފައިހުރި ކަންތައް ބާރަށް ކުރިޔަށް ގެންދިއުމަށް. މާލެ ސިޓީ މިހާރު މި އޮތް ހާލަތުން، މާ އުފާވެރި މާފާގަތި ހާލަތަކަށް ބަދަލުކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އަދި ހަމަ މިއާއެކު ފާހަގަކޮށްލަން އަޅުގަނޑުމެންގެ އެންމެ މުހިންމު ޒިންމާ އަކީ އެމްޑީޕީގެ 5 ވަޢުދު ފުއްދުމަށް ސަރުކާރަށް އެއްބާރުލުން ދިނުން ކަން.”
އަލިބެ މާލެ ސިޓީގެ މޭޔަރަކަށް ހުންނަވަން ފެނޭތޯ ބެލުމަށް މިއަދު ނެގި ސިއްރު ވޯޓުގައި، 1 ވޯޓު ބާޠިލްވެފައިވާ ކަމަށް މާލެސިޓީ ކައުންސިލުން ބުނެއެވެ.