ފުނަމާ
ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމުގައި ގާނޫނުއަސާސީގައި އެވަނީ ކަނޑައަޅާފައެވެ. ކީއްވެގެން ހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. އެހެނީ ދިވެހި އެންމެހާ ރައްޔިތުން އެދެނީ އެގޮތެވެ. މިކަމާ އިންކާރު ކުރާނެ މީހަކު މިގައުމުގައި ހުންނާނެ ކަމުގައި ބުނާކަށް ނެތީމެވެ. ހަމަ އެހެންމެ ރާއްޖޭގައި އޮންނާން ފެންނަނީ ރިޔާސީ ނިޒާމެއް ކަމުގައި ގާނޫނުގައި ކަނޑައަޅާފައި އެވަނީ ރައްޔިތުންގެ ކައިރީގައި އަހައި ގިނަމީހުން އެގޮތަށް އެއްބަސްވެގެންނެވެ. ނަމަވެސް މިނޫންގޮތަކަށް ގަބޫލުކުރާ މީހުން އެބަތިބި ކަމުގައި ކަނޑައެޅިގެން ދަންނަވަން ކެރިދާނެއެވެ. އެހެނަސް އާންމު އުސޫލެއްގެ ގޮތުން ރައްޔިތުންގެ ނިންމުމަށް ގާނޫނީ ބާރުވެރިކަން މިކަމުގައި ދީފައިއެވަނީ ރައްޔިތުންގެ އާންމު ޚީޔާލުގެ މައްޗަށް ބިނާކޮށް އެހެންވެސް ގައުމުތަކުގައި މިކަންކުރާ ގޮތަށެވެ. އެހެންކަމުން މިއަދު ރާއްޖޭގައި އޮންނާންޖެހޭނީ ރިޔާސީ ނިޒާމުނޫން ކަމުގައި އެއްވެސް މީހަކަށް ގާނޫނީ ހަމަޔަކުން ކަނޑަނޭޅޭނެކަމީ ގަބޫލުކުރާން ޖެހޭނެ ކަމެކެވެ. ގާނޫނުއަސާސީ ބަދަލުކޮށްގެން ނުވަތަ ކަމާގުޅޭ މާއްދާ ބަދަލުކުރާން އޮންނަ ހަމަޔަކުން ބަދަލުކޮށްގެން މެނުވީއެވެ. ހަމައެހެންމެ މަލްޓިޕާޓީ ޑިމޮކްރަސީއެއް ރާއްޖޭގައި އޮތުމަށް ރައްޔިތުން ގަބޫލުކުރާތީވެ އެކަމަށް މިއަދުމިވަނީ ގާނޫނުން މަގުފަހި ކޮށްދީފައެވެ. ރައްޔިތުންގެ ވިސްނުމާ އެންމެބޮޑަށް ގުޅިގެން ހެދޭ ގާނޫނުތަކާއި ގަވާއިދުތަކަށް ކޮންމެ ގައުމެއްގެ ރައްޔިތުންވެސް އިޙްތިރާމުކުރާ ފަދައިން މިކަންކަމަށް ދިވެހީންވެސް އިހުތިރާމުކޮށް ބޯލަނބާން ޖެހޭނެއެވެ. އެހެން ނަމަވެސް އަޅުގަނޑުމެން މިއަދުމިތިބީ އަޅުގަނޑުމެން އެދޭ ކަންކަމާ ތައާރަޟުވާ އުސޫލުތަކަށް ތަރުހީބު ދިނުމުގެ ސަބަބުން އެއަކުނުވެ ، މިއަކުނުވެ ކަންކަން ހިނގަމުންދާތަން ބަލާންޖެހޭފަދަ ގޮތަކަށް ކަންކަން ނިންމައިގެންނެވެ. މީގޭން އެނގެނީ އަޅުގަނޑުމެން ކިތަންމެ ބާރަށް ކަންކަމާ ވާހަކަދައްކައި ބަދަލުތަކެއް ގެންނާން އުޅުނަސް އަޅުގަނޑުމެންނަށް އެކަންކަން މިކުރެވެނީ އެންމެ ރަނގަޅަށް އެކަންކަމަށް ތަސައްރަފު ފުދިގެން ނޫންކަމެވެ. އެގޮތުން މަލްޓިޕާޓީ ސިސްޓަމެއްގެ ތެރެއިން އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހެން އިންތިޚާބުކުރިއިރު ސިޔާސީ ޕާޓީތަކުގައި ނުހިމެނޭ އަމިއްލަ މެންބަރުންތަކެއް އިންތިޚާބު ކޮށްފީމުއެވެ. އޭގެ ސަބަބުން އަޅުގަނޑުމެން އެކުލަވާލި ނިޒާމުގެ ތެރެއިން ހެދިފައިވާ ގާނޫނުތަކާއި ގަވާއިދު ތަކާ ކިތަންމެތަނަކުން ފުށުއަރާ ކަންތައްތަކެއް އެބަ ކުރިމަތި ވެއެވެ. މިސާލެއް ކިޔަމާތޯއެވެ. ރައްޔިތުންގެ މަޖިލީހުގެ 77 ގޮނޑީގެ ތެރެއިން 57 ގޮނޑި އަމިއްލަ މެންބަރުން ކާމިޔާބު ކޮށްފައި ބާކީ ހުރި ވިހިގޮނޑީގެ ތެރެއިން 11 ގޮނޑި ވަކިޕާޓީއަކަށް އަދި ،އަނެއް 9 ގޮނޑި އެހެން ޕާޓީއަކަށް ލިބިއްޖެނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީއާއި މައިނޯރިޓީ ޕާޓީގެ ގޮތުގައި މިޕާޓީތައް ކަނޑަނާޅައި ފަރުޖެއްސޭނެބާވައެވެ؟ އެކަމަކު އެއިރުން ހެދިފައިވާ މަޖިލީހުގެ ގަވާއިދުތަކަށް ބަލާލާއިރު އަމިއްލަ މެންބަރުންގެ ހައްގުތައް އޮންނާނީ ކޮންތާކުބާވައޭ ސުވާލު އުފެދެއެވެ. މެޖޯރިޓީ ލީޑަރާ މައިނޯރިޓީ ލީޑަރާ މަޖިލީހުގެ ރައީސްގެ އަތްމައްޗަށް އަމިއްލަ މެންބަރުންގެ ކަންކަން ދޫކޮށްގެން ތިބެން އެމެންބަރުން ދޫކުރާނެ ހެއްޔެވެ؟ އެހެންކަމުން މިފަދަ މައްސަލަތައް ނުނިކުންނާނޭ ގޮތަކަށް ކަންކަން ކުރުމަށް އެކަން ކަނޑައަޅައިދޭންތިބި އާންމު ރައްޔިތުން ވިސްނާންޖެހެއެވެ. މަލްޓިޕާޓީ ޑިމޮކްރަަސީއެއް ކާމިޔާބުކުރާން ބޭނުންނަމަ އެސިސްޓަމަށް ކަންކުރާން އެބަޖެހެއެވެ. ނޫންނަމަ ގާނޫނަކުން އެކަން ކަނޑައަޅައިގެން ރައްޔިތުން ލައްވައި ކުރުވާން އެބަޖެހެއެވެ. ނޫންނަމަ މިނިޒާމު ހަމަ ބޭނުންތޯ ރައްޔިތުންގާތު އަހާން އެބަޖެހެއެވެ. މިއަދު އަޅުގަނޑުމެންގެ މަޖިލީހުގެ ތެރެއިން މިފެންނަ މަންޒަރުތައް ފެންނަމުން މިދަނީ މިފަދަ ދޯދިޔާ ނިންމުންތަކަށް ފުރުސަތު ދެވިފައި އޮތުމުންނެވެ. ރިޔާސީ ނިޒާމެއްގައި ކޯލިޝަން ހަދައިގެން މަޖިލީހުގެ މެޖޯރިޓީ ހޯދުމުގެ ފުރުސަތު މިއޮތީ ރަސްމީ ކޮށްފައެވެ. ރިޔާސީ ނިޒާމަކާ ފުށުއަރާ ކިތަންމެ ގާނޫނުތަކެއް ހެދިފައި އެބަހުއްޓެވެ. އެއްޕާޓީއެއްގެ އެތެރޭގެ ކޯޅުންތަކުގެ އަސަރު މަޖިލީހަށް ކުރުވައިގެން އެމަޖިލީހުގައި ނުރަސްމީ ޕާޓީއެއްގެ ގޮތުގައި ނަންކިޔައި ހަރަކާތްތެރިވެ މަޖިލީހުގައި މަރުތަޅު އަޅުވާއިރު ރައްޔިތުން މިތިބޭން ޖެހެނީ ކަރުނަގައިގެން ބަލާށެވެ. މެންބަރުންގެ އިއްޒަތްތެރިކަަން ބޮޑުކަމުން އަހަރެމެންދިން ގޮނޑި އަނބުރައި އަތުލެވޭކަށްވެސް ނެތެވެ. މަޖިލީހުގެ ތެރޭގައި ރައީސްގެ އަމުރަށް ކިޔަމަންނުވުމުން މަޖިލީހުން މެންބަރަކު ނެރުމުގައި ގެއްލުވާލަން ނުޖެހެނީ މަޖިލީހުގެ ކަރާމާތްކަމެއް ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތި މެންބަރުގެ ކަރާމާތްކަމެއް ނޭނގެއެވެ. ގަވާއިދު ބުނަނީ މަޖިލީހުގެ ކަރާމާތަށް ގެއްލުން ނުލިބޭ ގޮތަށް ނެރުމަށެވެ. މަޖިލީހުގެ ކަރާމާތް ކޯޓަކުން މާނަކުރާނީ އެމަޖިލީހުގެ މެންބަރުން ބޭނުންކުރައްވާ ފާހާނާ ތަށިތައްވެސް ހިމަނައިގެން ނޫންކަމެއް ނޭނގެއެވެ. މިފެންވަރުގައި ގަވާއިދުތަކާއި ގާނޫނުތައް ހަދައިގެން މާނައަރާރުން ކުރުވަމުން ގެންދާއިރު ރައްޔިތުންގެ ވިސްނުން ފިސާރި ރަނގަޅަށް މިކަންކަމަށް ހުޅުވައި ނިންމުންތައް ނިންމާން އެބަޖެހެއެވެ. ނޫންނަމަ އަޅުގަނޑުމެން މިއެދޭ އެއްވެސް ކަމެއް އަޅުގަނޑުމެން އެދޭ ގޮތަށް ނިންމުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މާދަމާ ވަކިޕާޓީއެއްގައި ތިބި ބަޔަކު އެޕާޓީން ނުކެނޑި ތިމަންނާމެން މިތިބީ މިހާރު އެހެން ގުރޫޕެއް ހަދައިގެން މަޖިލީހުގެ އެހެން ގުރޫޕަކާ ނުވަތަ ޕާޓީއަކާ ގުޅިގެންނޭ ބުނެ ނުކުމެ ޕާޓީތަކަށް ލިބިފައި އޮންނަ ފުރުސަތުތައް ހޯދަން ދައުވާކުރާ އަޑުއިވުނީމައި ކަންކުރާނީ ކިހިނެއްކަމެއް ނޭނގެއެވެ. އަނެއްކާވެސް މަރުތަޅުއެޅި މިހާރުވެސް މަޖިލީހުގެ ތެރޭގައި މަކުނުވާ ފުރާފައި އެހެރަ ރައްޔިތުންނާއި ގުޅޭ މުހިންމު ބިލްތައް ކަތުރުފަނި ކާން ބަހައްޓާނީ ހެއްޔެވެ؟ ރައްޔިތުން އެމީހުން ހަވާލުކުރި ޒިންމާ އެމެންބަރުން އަދާކުރޭތޯ ނުބަލައި ހަމަ ދެފަރާތަށް ދެކަންނެޔޮ ލައިގެން ނިދާން ގޭގައި ތިބޭނީ ހެއްޔެވެ؟ މިކަންކަމާމެދު ރައްޔިތުން މިހާރަށްވުރެ ބޮޑަށް ވިސްނާކަށް ނުޖެހޭތޯއެވެ؟