އެމްޑީޕީގެ މާލެ ސިޓީގެ ދާއިރާ ރައީސުންނާއި ގޮފިތަކުގެ ރައީސުންނަށް ބާއްވާ ބައްދަލުވުމެއް ހޯމަ ދުވަހުގެރޭ އޮންނާނެ

އިބްރާހީމް ރާމިޒް

އެމްޑީޕީގެ މާލެ ސިޓީގެ ދާއިރާ ރައީސުންނާއި ގޮފިތަކުގެ ރައީސުންނަށް ބާއްވާ ބައްދަލުވުމެއް ހޯމަ ދުވަހުގެރޭ އޮންނާނޭ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީޕީ ވެބްސައިޓަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ މި މަސައްކަތު ބައްދަލުވުމަކީ އެމްޑީޕީގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެ ޕާޓީން މިހާރު ސިލްސިލާކޮށް ބާއްވަމުންދާ މަސައްކަތު ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް ކަމަށާއި މާލެ ސިޓީގައި ރަޖިސްޓްރީ ކުރެވިފައިވާ އެމްޑީޕީގެ ހުރިހާ ގޮފިތަކެއްގެ ރައީސުންނާއި، މާލެ ސިޓީގެ ދާއިރާތަކުގެ ރައީސުން މި މަސައްކަތު ބައްދަލުވުމަށް ހާޒިރުވެދެއްވުމަށް އެމްޑީޕީން އެދެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ކަމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އެ މަގާމާއި، ހަވާލުވެވަޑައިގެންނެވި ފަހުން މި ފަދަ 3 މަސައްކަތު ބައްދަލުވުމެއް މިހާރު ވަނީ ބާއްވާފައެވެ. އެއީ ހއ. ދިއްދޫ، ހދ.ކުޅުދުއްފުށި އަދި ލ. ގަމު ގައެވެ.
މާލެ ސިޓީގެ އެމްޑީޕީގެ އިސް ޙަރަކާތްތެރިންނަށް އަމާޒުކޮށްގެން ބާއްވާ ބައްދަލުވުން އޮންނާނީ 18 ޖުލައި 2011 ވާ ހޯމަ ދުވަހުގެރޭ 8.00 ގައި ނަސަންދުރަ ޕެލޭސް ހޮޓަލުގެ އަބާރަނަ މާލަމުގައެވެ. މި މަސައްކަތު ބައްދަލުވުމުގައި ވެސް އެމްޑީޕީގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަންހުރި މަސައްކަތްތަކާއި، ޕާޓީގެ މައި އޮފިހާއި މެންބަރުންގެ ގުޅުން އިތުރުކުރުމާއި، މެންބަރޝިޕް ފޯމުތަކުގެ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެއެވެ.
މި ބައްދަލުވުން ކުރިން ބާއްވާ ގޮތަށް ހަމަޖެއްސީ މިދިޔަ ބުދަ ދުވަހުގެރޭ ގައެވެ. އެހެން ނަމަވެސް މަޖިލިސް ހަލަބޮލިވުމުގެ ސަބަބުން އެރޭ މި ބައްދަލުވުން ބޭއްވޭ ގޮތް ވަނީ ނުވެފައެވެ.