ދީނުގެ މަގަކީ އެއްބައެއް ވަންތަކަމުގެ މަގުކަން ކަށަވަރެވެ

ލިޔުއްވީ: އަލްޙާފިޒް އަޙުމަދު ޒަކީ – އެމްޑީޕީގެ އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް

kaubathulla-gefulhu

އިސްލާމީ އުއްމަތާ ބެހޭ ގޮތުން ދީނުގައި އެންމެ ބޮޑަށް ބާރުއަޅުއްވާފައިވާ ކަމަކީ އެ އުއްމަތުގެ އެއްބައެއްވަންތަކަން ހިފަހައްޓައި ދެމެހެއްޓުމެވެ.
އެންމެން އެކަތިގަނޑަކަށްވެގެން ތިބޭ އަދި އެންމެންނަށް އެ އުންމަތުގެ ޙިމާޔަތާއި، ހިޔާވަހިކަން ލިބޭ އުއްމަތެއްގެ ތަޞްއަވުރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދިނީ ހަމަ އިސްލާމްދީނެވެ.
އިސްލާމްދީނުގެ ކުރިން ބާވައިލެއްވި 2 ދީން ކަމުގައިވާ، ޔަހޫދީންނާއި، ނަޞްރާނީ ދީނުގައި ވެސް، އުންމަތުގެ ތަޞައްވުރެއްވެއެވެ. ނަމަވެސް އެ ދީންތަކުގައި ހަޔާތުގެ ހުރިހާ ދާއިރާތަކާބެހޭ ނިޒާމްތަކާއި، ގަވާއިދުތައް އިސްލާމްދީނުގައިވާ ފަދަ ފުރިހަމަ ގޮތަކަށް ނެތުމާއެކު އެއިން އެއްވެސް ޝަރީޢަތެއްގައި އުންމަތުގެ ޝްޚްސިއްޔަތު މާ ބޮޑަކަށް ހާމަވެފައެއް ނެތެވެ. އެއާއި ޚިލާފަށް، އިސްލާމްދީނުގައި ވަނީ އުންމަތުގެ ޝަޚްސިއްޔަތު ވަރަށް ބާރުހުރި ގޮތެއްގައި ފާޅުކުރައްވާފައެވެ. އަފްރާދުންނާއި އުންމަތާއި ދޭތެރޭގައިވާ ގުޅުން ބަޔާންކުރައްވާފައެވެ. އަފްރާދުންގެ ޙައްގުތަކާއި ވާޖިބުތައް އަދި އުންމަތުގެ ހައްގުތަކާއި، ވާޖިބުތައް އޮޅުމެއްނެތް ގޮތުގައި ހާމަކުރައްވާފައެވެ.
އުންމަތުގެ ވާޖިބަކީ އަފްރާދުންގެ ޙައްގުތައް ރައްކާތެރިކޮށްދިނުމެވެ. އަފްރާދުންގެ މެދުގައި ހަމަހަމަކަން ގާއިމްކުރުމެވެ. އަދުލު އިންސާފް ޤާއިމްކުރުމެވެ. ﷲ ހުއްދަކުރައްވާފައިވާ ދާއިރާގެ ސަރަޙައްދުތައް ވަކިކޮށް، އެ ސަރަޙައްދުތައް ރައްކާތެރިކުރުމެވެ. އަފްރާދުންގެ ވާޖިބަކީ އެބައިމީހުންގެ އަމިއްލަ މަޞްލަޙަތުގެ މައްޗަށް އުންމަތުގެ މަސްލަޙަތު އިސްކުރުމެވެ. އުންމަތުގެ ހެވާއި ލާބައަށް މަސައްކަތްކުރުމެވެ. އުންމަތުގެ ޢިއްޒަތާއި ގަދަރު އުފުލުމެވެ. އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތުގައި އުންމަތުގެ މަސްލަހަތު ރައްކާތެރިކުރެވޭނީ އަދި އުންމަތުގެ އިއްޒަތާއި ގަދަރު، އުފުލޭނީ އުންމަތުގެ އެއްބައެއްވަންތަކަން ރައްކާތެރިކޮށްގެންނެވެ. އަލްޢަންބިޔާ ސޫރަތުގެ 92 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ. ” ހަމަ ކަށަވަރުން މިއީ އެއް އުންމަތެއް ކަމުގައިވާ ތިޔަބައި މީހުންގެ އުންމަތެވެ. އަދި ތިމަން ﷲ އީ ތިޔަބައި މީހުން ހައްދަވައި ބޮޑުކުރެއްވި އިލާހެވެ. ފަހެ ތިމަން ﷲ އަށް ތިޔަބައިމީހުން އަޅުކަންކުރާ ހުށިކަމެވެ.”
އިސްލާމްދީނުގެ ބިންގަލަކީ ﷲ އަށް އީމާންވެ އެ އިލާހުގެ އިލާހުވަންތަކަން ގަބޫލުކޮށް، އެ އިލާހަށް ޚާލިޞްކޮށް އަޅުކަންކުރުމެވެ. މި އާޔަތުގައި ދީނުގެ މި ވަރުގަދަ ބިންގަލާ ގުޅުވާފައި އެވަނީ އުންމަތުގެ އެއްބައެއް ވަންތަ ކަމެވެ. މި ކަމުން ދޭހަވަނީ އިސްލާމީ އުންމަތުގެ ވަޙްދަތަކީ ނުވަތަ އެއްބައެއްވަންތަ ކަމަކީ މުސްލިމުންގެ ޙައިޞިއްޔަތުން އެބައިމީހުން ގަބޫލުކުރަންޖެހެނޭ ވަރުގަދަ ޙަޤީޤަތެއް ކަމެވެ.
އިސްލާމީ އުންމަތުގެ އެއްބައެއްވަންތަ ކަމުގެ އަސާސަކީ ދީނީ އުޚުއްވަތްތެރިކަމެވެ. މުސްލިމުންނަށްވީތީ އެބައިމީހުންގެ މެދުގައި އޮންނަންޖެހޭ އެއްބަނޑު އެއްބަފާ ކަމެވެ. އިސްލާމީ އުންމަތުގެ ފަރުދަކަށް ވުމަކަށް ވަކި ނަސްލެއްގެ މީހަކަށް ވުމަކަށް، ނުވަތަ ވަކި ދަރިކޮޅެއްގެ މީހަކަށް ވުމެއް ލާޒިމެއް ނޫނެވެ. ދޮނަކަސް، ކަޅަކަސް ކޮންމެ ކުލަޔަކަށް ވިޔަސް އެންމެ ރަގަޅެވެ. މުއްސަންޖަކަސް ފަގީރަކަސް ތަފާތެއްނެތެވެ. ވިލާތު މީހަކަސް އެތެރެވަރީގެ މީހަކަސް ހެވެވެ. ﷲ އަށް އީމާންވެ މުޙަންމަދުގެ ފާނުންގެ ރަސޫލުކަން ޤަބޫލުކޮށްފިނަމަ، އިސްލާމީ އުއްމަތުގެ ފަރުދަކަށްވީއެވެ. އިސްލާމީ އުޚުއްވަތްތެރިކަމުގެ ދުވަހަކުވެސް ކެނޑިގެންނުދާނޭ ވާފަށުން، އުންމަތުގެ އެހެން އަފްރާދުންނާއެކު ބަނދެވުނީއެވެ. ﷲ ވަޙީކުރައްވާފައިވާ ފަދައިން، މުއުމިނުންނަކީ އަޚުންތަކެއް ކަމުގައިވާ ވަރުގަދަ ގުޅުމުންނެވެ.

ނުނިމޭ ….