ފުނަމާ
ރާއްޖެ މުޅީން އާއަޒުމަކާއެކު ފުރިހަމަ ޑިމޮކްރަސީއަކާ ދިމާލަށް ދަތުރުފަށައިގަނެ ކުރިއަށް މިކުރާ ދަތުރުގައި މިފެންނަނީ އެހެނިހެންވެސް ޑިމޮކްރަސީ ތަކުން ފެންނަ މަންޒަރުތަކެއް ނޫނޭ ބުނުމަކީ ހަގީގަތަކަށް ވެދާނެއޭ ދަންނަވާކަށް ނެތީމެވެ. މާހިރުންގެ ބަހުންނަމަ މިފަދަ ކޮންމެ ނިޒާމެއް ފުރާފުރިހަމަވަނީ ލޭއޮހޮރުވުންތައްވެސް ހިނގައިގެންނެވެ. ރާއްޖެ ޑިމޮކްރަސީއަށް މަސައްކަތްފެށީ ލޭއޮހޮރުވުން ތަކަކަށް ފަހުގައޭ ދެންނެވިދާނެއެވެ. 1953ގައި ރާއްޖޭގެ ރަސްކަން ނިމުމަކަށް ގެނެވި ފަށައިގަނެވުނީ ހިލޭލިބުނު ނިޒާމެކެވެ. އެއީ ޑިމޮކްރަސީގެ ފެށުން ކަމުގައި ބެލިދާނެއެވެ. ތަފާތަކީ ފުރިހަމަ ޑިމޮކްރަސީގައި ހިމެނޭ މަލްޓިޕާޓީގެ ނިޒާމު ނެތުމެވެ. އެވެރިކަން ނިމިގެން ދިޔައީ ލޭއޮހޮރުވުން ތަކަކުންނެވެ. އެއަށްފަހު އަނެއްކާވެސް އަންޒަމާނުގެ ރަސްކަމާ ތަފާތުނަމަވެސް ރަސްކަމެކެވެ. މިކަން ދެމިނޯވެ ނިމުމުގެ ސިއްކަޖަހައި އަނެއްކާވެސް އިބުރާހީމް ނާސިރުގެ ވެރިކަން އާނިޒާމެއްގައި ރާއްޖެ ތަޖުރިބާ ކުރާންފަށައިގަތީއެވެ. އެވެރިކަންނިމި މައުމޫނީ ޚިލާފަތުގައި ދިވެހީން ހޭދަކުރި ދުވަސްތަކަކީ ރަންތިރީސް އަހަރޭ ނުވަތަ، އަނިޔާވެރި ކަމުގެ ވޭންދެނިވި ސަފުހާތަކެކޭ ކިޔަސް އެވެރިކަމުގައި މިއޮތީ ސިއްކަޖެހި ނިމިފައެވެ. މަލްޓިޕާޓީ ސިސްޓަމް އުފެދި މިއަދު މިވެރިކަން ފަށައިގަނެވުނު ފަށައިގަތުމުގައި ދުނިޔޭގައި މިނިޒާމު ގާއިމުކޮށް ހިންގަމުން ގެންދާ އެހެނިހެން ގައުމުތަކާ ޚިލާފު ސިފަތަކެއް ރާއްޖެއިން ފެންނާން ހުރެދާނެއެވެ.
މިނިޒާމު ގެނައުމަށް ރައްޔިތުންވީ ގުރުބާނީ ތަކެއް އެބަހުއްޓެވެ. ފުރާންތަކެއްވެސް ނުގެއްލެއޭ ބުނާކަށް ނެތީމެވެ. އަރާރުމާ ހަމަނުޖެހުން ފާހަގަކުރެވޭ މިންވަރަށް ހިނގިއެވެ. ސަރުކާރާ އިދިކޮޅު ކޮންމެމީހަކު ހައްޔަރުކޮށް ބަޑިޖަހައި މީހުންވެސް ވެރިއެވެ. މިހުރިހާކަމެއް ހިނގައި ދިޔައިރު ރައްޔިތުންނާއި ޑިމޮކްރަސީއާއި ދެމެދު ފާޅުކަން ބޮޑުގޮތެއްގައި ހުރަހަކަށްވެގެން ތިބީ މައުމޫނާއި އޭނާގެ ބައިވެރީންނެވެ. އަނިޔާވެރި ޚުދުމުޚުތާރު ވެރިކަމުގެ ސަގާފަތުގެ އެންމެ ފަހުގެ ވާރިސުންނެވެ. ދުނިޔޭގެ ކަންކަމަށް އަންނަމުންދިޔަ ބަދަލުތަކަށް ލޯހުޅުވަން ބޭނުންނުވި އަނިޔާވެރި ޖާހިލު ސިކުނޑީގެ ވެރީންތަކެކެވެ. ޚިޔާނާތާއި ފަސާދައިން މުޅީން ފުރިފައިތިބި ، ޖަންގަލީގެ ގާނޫނީ އިލްމުވެރީންތަކެެކެވެ. ރާއެޅި ކޭކުކައިގެން ދުނިޔޭގެ މަސްތުން މަސްތުވެފައި ތިބެމެ ދީނަކީ އައްޑަނައެއް ކަމުގައި ހަދައިގެން މާތިއްތިވެގެން ތިބި ހިތްކިލާ ކިބުރުވެރި ބައެކެވެ.
އާޚިރުގައި އަނިޔާލިބިފައިވާ ދިވެހި ރައްޔިތުން ނުކުމެ އެވެރިކަން ބަދަލުކުރީ ގާނޫނީ އިމުގެ ތެރެއިންނެވެ. އޭރުގެ ސަރުކާރުން ދޫނުދޭން ނިންމި ހުރިހާކަމެއް މުގުލުން ދަމައިގަނެ އަނިޔާވެރީންގެ ވެރިކަން ބަދަލުކޮށްލީއެވެ. ނަމަވެސް އަނިޔާވެރީންނަށް އެމީހުން ހިންގާފައިވާ ޖަރީމާ ތަކުގެ ސަބަބުން ހައްގުވާ އަދަބެއް ނުދެވުނެވެ. އަނިޔާ ލިބުނު މީހުންނަކަށް އިންސާފެއް ނުލިބުނެވެ. މިއީ ހަގީގަތެކެވެ. ނަމަވެސް މިކަމުގެ ނަތީޖާއަކަށް މިވަނީ އެއަނިޔާވެރީން މިއަދުވެސް އަލުންއަނބުރައި އެމީހުންގެ ހަންފެތުރުމުގެ ފޯރީ މިގައުމުގައި ގަދަކުރަމުން ގެންދިއުމެވެ. މުޅިގައުމު ފަސާދަކޮށް އިންދިރާސް ކޮށްލުމުގެ މުގުލުގައި މިއަދުވެސް އެތިބީ ހަމަ އެއަނިޔާވެރީންނެވެ. ކުރީގެ ވެރިމީހާއާއި އޭނާގެ މުޅިއާއިލާ އާއި މަދަދުގާރުންނެވެ. އެމީހުންނާއި ކުރިމަތިލާން މިތިބީ ހަގީގީ އިސްލާހީ ބައިވެރީންނެވެ. ކުރީގެ އަނިޔާވެރި ކަމުގެ ކޮއިލުގެ ތެރޭގައި ތިއްބައި އެކޮއިލުގެ ފާރުތަކުގައި ރެނދުއަޅައި ވެއްޓެމުން ދާތަންފެނި ހިމާޔަތް ހޯދުމަށް އިސްލާހީ ބައިވެރީންނާއި އެއްބައިވީ ކަމުގައި ދައްކައިގެން އުޅުނު އެންމެންވެސް އަނެއްކާ އެތިބީ އެމީހުން ކުޅުޖެހި ނާށިގަނޑަށް ބަތްއަޅާ މޮޑެގެން ކާށެވެ. ނަމަވެސް ނަތީޖާ މިއަދުވެސް މިދަނީ ފެންނަމުންނެވެ. ފަސާދަވެރީންގެ ހިތްތައް އެކުވެރިވެ އޮންނަނީ ކުޑަހިނދުކޮޅަކަށެވެ. ކައިވެނީގެ ރަންކިޔައި ވަލީދިނުމާ ގުޅިގެން ކުރެވޭ ކައިވެނި އެންމެފުރަތަމަ އަނބިމީހާގެ ގެއިން ބޯލާފެންތައްޓާއެކު ވަރިޔާ ހަމަޔަށްދާ ބީދައިން ފަސާދަވެރީންގެ ގުޅުންތައް ވަކިވަމުންދަނީ އެހާމެ އަވަހަށެވެ. އެންމެ ފުރަތަމަ ބައްދަލުވުމާއެކު އެކުވެރިވެ އެއްބައިވުމަށް ކުރާ އަހުދާއި ހުވާތައް ދެމިއޮންނަނީ ކުޑަހިނދު ކޮޅަކަށެވެ. މޭޒުދޮށުން ދުރަށްދަނީ އެކަކުއަނެކަކަށް އާޑަފުރައްސާރަ ކުރަމުން ހަޖޫޖަހަމުންނެވެ. މިނިޒާމުގައި ހިމެނޭ އެންމެހާ އަސާސްތައް މުލުންލުހެ ލުން މެނުވީ އެމީހުންގެ ޕްލޭނެއް ނެތެވެ. ވެރިކަން އަނބުރައި ހޯދުމަށް ކޮންމެފަދަ އަގެއްދީގެން ނަމަވެސް އަވަސްވުމުގައި އެމީހުންއެވަނީ ކެއްތެރިކަން ހައްދުފަހަނަ އަޅާފައެވެ. ވެރިކަމުގެ މަސްތާއި ޖާހަތާއި ބަދަލުހިފުމުގެ ރޫހުގައި އެއުރެން އެތިބީ ބުއްދިފިލައި ގުމްރާހު ވެފައެވެ. ޒިއްލަތުގެ އަނދިރީގައި ޣާފިލުވެފައެވެ. އެހެނަސް އިސްލާހީ ބައިވެރީން މިތިބީ އެކުވެރިކަމާއި އެއްބާރުލުމުގައި އެއްމިސާލެއްގެ ގޮތުގައެވެ. ޚިޔާލުތަފާތުވުންތައް އެއްގޮތް ކުރެވޭ ހިސާބަކީ ކޮބައިތޯ އަބަދުމެ ބަލައި އެއްވާނެއްގައި ހިފަހައްޓައިގެން މަސަލަސްކަން އިސްކޮށްގެންނެވެ. މިއަދު މިފެންނަނީ މިކަންކަމުގެ ނަތީޖާއެވެ. ކޮންމެ ގޮތެއްގައި ނަމަވެސް ދިވެހީން ދެން އެނބުރި މާޟީގެ ކަޅު ސަފުޙާތަކަށް އެނބުރި އިއާދަވާކަށް ބޭނުމެއް ނުވާނެއެވެ. އެހެނަސް މަގުއޮޅިގެން ނަމަވެސް އަނބުރައި ދެވިއްޖެނަމަ ދެންނުކުންނާނެ ނަތީޖާ ވަރަށް ސާފެވެ. އެނބުރި މިމަގަށް އައުމަށް ކުރާންޖެހޭ ކޮންމެ ޖިހާދެއް ކުރުމުގައި އިސްލާހީ ބައިވެރީން އަނެއްކާވެސް އަޒުމާއެކު ނުކުންނާނެއެވެ. އެހިނދު ލޭއޮހޮރި ކޯރުދެމިގެން ދިއުމަކީވެސް ނުވާނެ ކަމެއް ކަމުގައި ނުބުނެވޭނެއެވެ. ދިވެހީންނަށް އެންމެ ފައިދާބޮޑީ މިއަދު މިއެޅި ފިޔަވަޅާއެކު ކުރިޔަށް ދިއުމެވެ. މާޟީގެ ދަރުސްތަކުން ހަގީގަތް ހޯދުމެވެ. ދުނިޔޭގެ އެހެނިހެން ޑިމޮކްރަސީ ތަކުގައި އެރައްޔިތުން މިނިޒާމަށް ދެއްކިފަދަ އަގެއް ދިވެހީންނަށް ދައްކާން ނުޖެހި ސަލާމަތުގެ އައްސޭރި ލިބޭތޯ މަސައްކަތް ކުރުމަކީ މުހިންމުކަމެކެވެ. އެހެނަސް ސިޔާސީ މިބޮޑުމަންޒަރު މުޅީން ފުރިހަމަ ވުމަށް އަދި ދުވަސް ނަގާނެއެވެ. އޭގެކުރީން މުޅިމަންޒަރު އޮންނާނެގޮތް ހިތަށްްގެނައުންވެސް ދަތިވެދާނެއެވެ.