ބްރެޒިލްގައި ބާއްވާ ޔޫ.އެންގެ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެމްޑީޕީގެ ޗެއަރޕާސަން ފުރާވަޑައިގެންފި

23 މެއި 2010

maria-nd-nashiz1-300x189

ޔުނައިޓެޑް ނޭޝަންސްގެ ފަރާތުން ބްރެޒިލްގެ ވެރިރަށް ރިއޯޑި ޖެނީރޯ ގައި ބާއްވާ ޚާއްޞަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އެމްޑީޕީގެ ޗެއަރޕާސަން އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ފުރާވަޑައިގެންފިއެވެ.
މި ކޮންފަރެންސަކީ ދުނިޔޭގައި ދިރިއުޅޭ އެކި ޡަގާފަތްތަކުގެ އަހުލުވެރިންގެ މެދުގައި އެކުވެރިކަމާއި ސުލްޙަ މަސަލަސްކަން އަލާކުރުމުގެ ބޭނުގައި 2005 ވަނަ އަހަރު އ.ދ މަޖިލީހުގެ ގޮތްޕެއްގެ ގޮތުގައި އުފެދިފައިވާ ޔުނައިޓެޑް ނޭޝަންސް އެލައިންސް އޮފް ސިވިލައިޒޭޝަންގެ ފަރާތުން ދުނިޔޭގެ ސިޔާސީ ލީޑަރުންނާއި، ޕާރލިމަންޓްތަކުގެ މެންބަރުންނާއި، ރައްޔިތުންގެ ޖަމްޢިއްޔާތަކުގެ ވެރިންގެ މެދުގައި ބްރެޒިލްގެ ވެރިރަށް ރިއޯޑި ޖެނީރޯ ގައި މިމެއިމަހުގެ 27 ން 29 ށް ބާއްވާ ކޮންފަރެންސް އެކެވެ.
މިކޮންފަރެންސްގައި ބްރެޒިލް އަދި ސްޕެއިންގެ ރައީސުން އަދި ތުރުކީގެ ބޮޑުވަޒީރުގެ އިތުރުން ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން މިކޮންފަރެންސްގައި ތަފާތު ޡަގާފަތުގެ މެދުގައި ޑިމޮކްރަސީއާއި ހެޔޮވެރިކަން އަދި ތަފާތު ޡަގާފަތާ އެކުކުރެވިދާނެ ގޮތްތަކާމެދު ޚިޔާލާއި ތަޖުރިބާ ބަދަލުކޮށް ޢަމަލީ މަޝްރޫއެއް އެކުލަވާލުން ހިމެނެއެވެ.
މިކޮންފަރެންސް އަށް ދިޔަ ވަފުދުގައި އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އިތުރުން ދެން ބައިވެރިވެވަޑައިގަންނަވަނީ އަލިފުށި ދާއިރާގެ މެންބަރު އަލްފާޟިލް މުޙައްމަދު ނާޝިޒް އަދި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙައްމަދުއެވެ.