ރިޕޯޓުތަކުން އެނގެނީ ކޮންއެއްޗެއް؟

ފުނަމާ

ކޮންމެ ހުކުރު ދުވަހަކު ދައުލަތާއި ސަރުކާރުގެ އެންމެ އިސްވެރިޔާ ގައުމާއި މުޚާތަބު ކުރައްވައި ދެއްވަމުން ގެންދަވާ ރޭޑިޔޯ ޚިތާބަކީ މީގެކުރީގެ ވެރިކަމުގެ ދުވަސްތަކާއި ޚިލާފަށް ސަރުކާރުން ހިންގަވަމުން ގެންދަވާ ކަންކަމާ އަދި ރައްޔިތުންނަށް މުހިންމުކޮށް އެނގެންޖެހޭ ކަންކަމާ ގުޅޭގޮތުން އަލިއަޅުވާލަށްވައި ރައީސް ނަޝީދު ސިލްސިލާކޮށް ދެއްވަމުން ގެންދަވާ ރޭޑިޔޯ ޚިތާބުތަކެކެވެ. މިކަމަކީ ކުރީގެ ރައީސްމީހާ ކުރާންއުޅުނަސް އޭނާގެ ހުރިހާކަމެކޭ އެއްގޮތަށް ފެއިލުވެދިޔަ ކަމަކަށް ވާތީވެ އޭނާގެ މަސްލަހަތު ހިމާޔަތް ކުރުމަށް އުފައްދާފައިވާ ކަމުގައި މީހުން ބުނެއުޅޭ ބައެއް މީޑިޔާތަކުން ރައީސް ނަޝީދުގެ ރޭޑިޔޯ ޚިތާބުތަކާއި ، ސަރުކާރުން ކުރަމުން ގެންދާ ކޮންމެ ކަމަކާ އިދިކޮޅަށް އަދި ސަރުކާރާ އިދިކޮޅަށް ކޮންމެ ބަޔަކު ކޮންމެ ކަމެއް ކުރިޔަސް އެކަމަކަށް ވާގިދީ ނެރެމުން ގެންދާ ރިޕޯޓުތަކާއި ދައްކައި ، ފޮނުވަމުންގެންދާ ޕްރޮގުރާމް ތަކަކީ ކޮންނިޔަތެއްގައި ކީއްކުރާން ހިންގާ ހަރަކާތްތަކެއްކަން މިއަދު އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް ސުވާލު އުފެދެނީ މީޑިޔާ ރެގިއުލޭޓު ކުރުމަށް އުފައްދާފައިވާ ތަފާތު މުއައްސަސާ ތަކުން މިއިންކަމަކާމެދު އެއްވެސް އެއްޗެއް ނުބުނާ ކަމެވެ. ފަހަރެއްގައި މަޖިލީހުގައި އިދިކޮޅު ފަރާތްތަކުގެ އަޣުލަބިއްޔަތު އޮންނާތީވެ ބިރުން ހަނުތިބެނީ ކަމުގައިވެސް ވެދާނެއެވެ.
އެންމެފަހުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މިހިނގި ކަންކަމާ ގުޅޭގޮތުން ދިއެފްއެމްއާއި ، ދިޓީވީން މިގެނެސްދެމުން ގެންދާ ރިޕޯޓުތަކަކީ ކިހާ މިންވަރަކަށް ދިރާސާ ކުރެވިގެން ކިހާވަރެއްގެ ހަގީގަތެއްގެ މައްޗަށް ބިނާކޮށްގެން ގެނެސްދިން ރިޕޯޓުތަކެއް ބާވައޭ ވިސްނާލަން ޖެހެއެވެ. ހަމަހަމަ ގޮތެއްގަައި މައުލޫމާތު ގެނެސްދިނުމުގެ މެންޑޭޓާއި ހަވާލުވެގެން ނަމުގައި ތިބި ބަޔަކު ކުރަމުން ގެންދާ ކަންކަމާމެދު ވިސްނާލަން ޖެހެއެވެ. ސީދާބަހުން ، އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ މެންބަރުންތަކެއް އެމަޖިލިސް ހިސޯރުކޮށް ޓެރަރިސްޓު އަމަލުތަކެއް ހިންގި ކަމަށާއި އަދި މިކަންކުރީ ރިޔާސީ ގަނޑުވަރުން ރައީސްމީހާ ކާންދީ، އަމުރުކޮށްގެން ކަމުގައި ބުނާއިރު އެއީ ކިހާވަރެއްގެ ހަގީގަތެއް އޮތްކަމެއް ބާވައެވެ؟ ހަމައެހެންމެ މަޖިލިސްކުރާ ގޭދޮށުގައި އެއްވެގެންތިބި އެމްޑީޕީގެ އެކްޓިވިސްޓުންނަށް މާލޭގެ ބޮޑުހޮޓަލަކުން ކެއުމާއި ސައިދިނީ ދައުލަތުގެ ފައިސާ އިންކަމުގައި މާނަކުރެވޭ ގޮތަށް ރައްޔިތުންނަށް އަންގައިދެމުން އެގެންދަނީ ކިހާވަރެއްގެ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ބާވައެވެ.
ތެދެކެވެ. މަޖިލީހުގައާއި މަޖިލީހުގެ ބޭރުގައި އެހިނގި ކަންކަމަކީ ހިތާމަކުރާވަރުގެ ކަންކަމެވެ. ކަންބޮޑުވާންޖެހޭ ކަންކަމެވެ. ނަމަވެސް އެކަންކަން އެގޮތަށް އެހިނގީ ކީއްވެގެންކަމާމެދު ފުންކޮށް ވިސްނާލަން ޖެހެއެވެ. ރައްޔިތުން އެދެނީ ހަމަޖެހުމާއި އަމާންކަމެވެ. އިރުއިރުކޮޅުން ތަންތަނަށް މީހުންއެއްވެ ހަމަނުޖެހުން ހިންގައި މާރާމާރީއާއި ތަޅާފޮޅުން އާންމުވެ ދައުލަތުގެ ބާރުތައް ހުއްޓި މުޅިގައުމު ފަސާދަވެދާކަށް ހަމައެކަކުވެސް ނޭދޭނެއެވެ. ނަމަވެސް މަޖިލީހުގައި ރައްޔިތުންނާއި ގުޅޭ މުހިންމު ބިލްތަކެއް ނުނިމި ހުއްޓައި އެމަޖިލިސް ހުއްޓުވާލައި ކޮންމެ ބަޔަކުނަމަވެސް މަރުތަޅު އަޅުވާން މަސައްކަތް ކުރުމަކީ އެންމެ ހަރުކަށި އިބާރާތުން އެކަން ކުށްވެރި ކުރާ ކަންކަމެވެ. މިކަމަކީ ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ މެންބަރުން ކުރާ ކަމަކަސް ، އިދިކޮޅު ޑީއާރުޕީން ހިންގާ ކަމަކަސް ، ޖުމްހޫރީ ޕާޓީގައި ހިމެނޭ ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ މީހަކު ކުރާ ކަމަކަސް ، ގައުމީޕާޓީން ނުކުމެހުރި ދައުލަތަށް އެތައްމިލިޔަން ރުފިޔާއެއް ދަރައިއޮތް މީހަކު ކުރާ ކަމަކަށް ވިޔަސް ނޫނީ ގާނޫނާ ޚިލާފަށް ވަކިފެކްޝަނެއް ހަދައިގެންއުޅޭ ޒެޑޭމެން ކުރާކަމަކަސް މިކަން ކުރުވާކަށް ރައްޔިތުން ނޭދެއެވެ. އަދި މިފަދަ ކޮންމެ ކަމެއް ހަމަޔަކަށް އެޅުވުމަށް މަސައްކަތް ނުކުރާކަމުގެ އިލްޒާމު އެޅެނީ ސަރުކާރުގެ ބޮލުގައި ކަމުގައިބުނެ ރައްޔިތުން ޝަކުވާ ކުރާނަމަ އެކަން ހަމަމަގަށް ގެނައުމަށް ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ބަޔަކު މަސައްކަތް ކުރާނެއެވެ. އެގޮތުން މިކަމާ އިހުތިޖާޖުކުރާން އެމްޑީޕީގެ އެކްޓިވިސްޓުން ނުކުތުމަކީ އަޖާބުވާންޖެހޭނެ ކަމެއް ނޫނެވެ. އަދި މިކަން ހިނގަމުންދިޔައިރު ފުލުހުން ކަންކުރި ގޮތޭބުނެ ދައްކާދޭން އެއުޅޭ މަންޒަރަކީ މިކަން އެންމެ ބޮޑުވެގެން އެއުޅޭ ޗެނަލްތަކުގެ މީހުންގެ ބުއްދީގައި ކަންކަން ހަރުލައިފައި ހުރި މިންވަރުން ހެދޭ ގޯހެއްކަމުގައި ދަންނަވާން ޖެހެއެވެ. ދިފާއީ ބާރުން މަޖިލީހަށް ވަދެ މެންބަރުން ނެރުނީ ކާކު ހުއްދަދީގެންކަން މަޖިލީހުގެ ގަވާއިދަށް ބަލާލުމުން އެބައިނގެއެވެ. އެކަމަށް ހުއްދަދިނީ ރައީސުލް ޖުމްހޫރިއްޔާތޯ މަޖިލީހުގެ ރައީސްތޯ އޮޅުންފިލުވާދޭންޖެހެއެވެ.
ދާދި މިދާކަށް ދުވަހު މުޅިމާލޭގައި ހުޅުޖަހައި ، ޒުވާނުންގެ ނަމުގައި މާލޭގެ އެންމެ ކާރޫބާރޫ ބޮޑުސަރަހައްދުތަށް ހިސޯރުކޮށްގެން އެހިންގި ސިލްސިލާ ހަރަކާތްތައް ހިންގަމުން ގެންދިޔައީ އެބުނާ ބައެއް ޗެނަލްތައް ހިންގާ އިމާރާތުގެ ތެރޭގައި ކެއުމާއި ސަޔާ އަދި ފައިސާ ދީގެން މީހުން ނެރެގެން ކަމުގައި ދައްކާ ވާހަކައަކީ އާންމުވާހަކައެކެވެ. އަދި އެމަންޒަރުތަށް އެޑިޓުކޮށް ބޭރުގެ މީޑިޔާ ތަކަށް ދީގެން އުޅުނުކަމުގައިވެސް ބުނާމީހުން މަދެއް ނޫނެވެ. އަދި ކޮންމެވެސް “އުޗޭ” އެއް މިލިޔަން މިލިޔަނުން އެހަމަނުޖެހުންތަކަށް ފައިސާ ޚަރަދު ކުރިކަމުގައިވެސް މީހުން ބުނެއުޅެއެވެ. އެހެނަސް ކޮންމެ ކަމަކާ ގުޅޭގޮތުންވެސް މީޑިޔާ ތަކުން އާންމުންނަށް އަމާޒުކޮށް ޚަބަރުތަކާއި ރިޕޯޓުތައް ގެނެސްދޭއިރު ހަގީގަތުގެ މައްޗަށް ބިނާކޮށް ދެފަރާތް ހަމަހަމަކޮށް ތިލަފަތުން ކިރައިގެން ގެނެސްދެވޭން ޖެހޭނެ ކަމުގައި ގަބޫލުކުރަމެވެ. ނޫންނަމަ މިކަމަކީ މިގައުމުގައި މިހިނގަމުންދާ ހަމަނުޖެހުން ތަކުގެ ސިލްސިލާއަށް އިތުރު ކަންތައްތަކެއް އެއްކުރުމަށް ކުރެވޭ ނުރައްކާތެރި ކަމެއް ކަމުގައި ބުނާނެ ޖާގައެބައޮތެވެ. މިރިޕޯޓުތަކަކީ ކޮންނިޔަތެއްގައި ގެނެސްދޭ އެއްޗެއްތޯ ވިސްނާލައި އަޅާންޖެހޭ ފިޔަވަޅު އަޅާން ޖެހެއެވެ.