ބައެއް ޝައިޚުންގެ ވިސްނުންފުޅަކީ އެމްޑީޕީގެ މެމްބަރުންނަށް އެއް ގޮތަކަށް ވެސް ދީނީ ނަސޭހަތް ނުދެއްވާ ގޮތަށް ތިއްބެވުން – ޙާފިޒް ޒަކީ

އިބްރާހީމް ރާމިޒް

hafiz-zaki1

ބައެއް ޝައިޚުންގެ ވިސްނުންފުޅަކީ އެމްޑީޕީގެ މެމްބަރުންނަށް އެއް ގޮތަކަށް ވެސް ދީނީ ނަސޭހަތް ނުދެއްވާ ގޮތަށް ތިއްބެވުން ކަމަށް އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް އަލްޙާފިޒް އަޙުމަދު ޒަކީ ވިދާޅުވެއްޖެއެވެ. ޒަކީ މިހެން ވިދާޅުވީ އެމްޑީޕީން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރޭ ކަލާފާނު ސްކޫލުގައި ފެށި ދީނީ ދަރުސް ސިލްސިލާގެ ފުރަތަމަ ދަރުސްގައި ވާހަކަ ދައްކަވަމުންނެވެ.
“ބައެއް ޝައިޚުންގެ ވިސްނުންފުޅަކީ އެމްޑީޕީގެ މެމްބަރުންނަށް އެއް ގޮތަކަށް ވެސް ދީނީ ނަސޭހަތް ނުދެއްވާ ގޮތަށް ތިއްބެވުން، އޭގެ ސަބަބުން އެމްޑީޕީ މީހުންނަކީ އެހެން ދީނެއްގެ ބައެއް ކަމަށް އިހުސާސްކުރެއްވުނު. ނަމަވެސް އެމްޑީޕީގެ މެމްބަރުންނަކީ މުސްލިމުން. އެމްޑީޕީގެ މެންބަރުން ދީނީ ނަސޭހަތް އަޑުހަން ބޭނުންވޭ.”. ޒަކީ ވިދާޅުވިއެވެ.
ބަރަކާތެތެރި ރަމަޟާން މަހަށް އަމާޒުކޮށްގެން އެމްޑީޕީން ފަށާފައި މިވާ ދީނީ ނަޞޭޙަތްދިނުމުގެ ޕްރޮގްރާމްއަކީ ވަކި އެމްޑީޕީ މެންބަރުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ނޫން ކަމަށާއި، އެއީ ދިވެހި އެންމެހާ އަޚުންނާއި އުޚުތުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމަށެވެ. ނަމަވެސް މި ޕްރޮގްރާމް ސިޔާސީ ކަމެއްގެ ގޮތުގައި ދެކި، ބައެއް ޝެއިޚުން ރޭގެ ޖަލްސގައި ދީނީ ނަޞޭޙަތްދޭން ދިން ދަޢުވަތު ޤަބޫލުކޮށްފައިނުވާ ކަން ޒަކީ ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީ ސަރުކާރުގެ އިސްލާމިކް މިނިސްޓްރީ އެހެން ޕާޓީއަކާއި ހަވާލުކުރުމުގެ ނަތީޖާއަކީ އެމްޑީޕީގެ މެނިފެސްޓޯގައި އިސްލާމްދީން ޙިމާޔަތްކޮށް ދިރުވުމަށް މަސައްކަތްކުރަންޖެހޭނޭ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެ މެނިފެސްޓޯއާ އެއްގޮތަށް އެ ޕާޓީން އަމަލުކުރަމުން ނުދިއުން ކަމަށް ޒަކީ ވިދާޅުވިއެވެ.
“ރާއްޖެއަކީ އާބާދީގެ ނިސްބަތުން ޝެއިޚުން ގިނަ ގައުމެއް. ނަމަވެސް އެމްޑީޕީގެ ޕޯޑިއަމްގައި ދީނީ ނަސޭހަތްދެއްވަން ބޭނުންފުޅު ނުވާ ގިނަ ޝައިޚުންތަކެއް ތިއްބެވުމަކީ ކުރިމަތިވި އެންމެ ބޮޑު އެއް މައްސަލަ. ކުރުމުއްދަތުގެ ތެރޭގައި އަޅުގަނޑު ކުރި މަސައްކަތުގައި، މިޕޯޑިއަމަށް ހުއްޓި ނަސޭހަތް ދޭން ބޭނުން ނުވާ ގިނަ ޝެއިޚުންތަކެއް ތިބިކަމަށް އަޅުގަނޑަށް ފާހަގަވެގެން ދިޔަކަން އަޅުގަނޑު ވަރަށް ހިތާމައާއެކު ފާހަގަކުރަން.” ޒަކީ ވިދާޅުވިއެވެ.
ތަފާތުކުރުން ނައްތާލައި ރައީސުލް ޖުމްހޫރިއްޔާއިން ފެށިގެން އެންމެ އާދައިގެ މީހާއަށް ވެސް ދީނީ ނަސޭހަތް ދެއްވުމަށް ރާއްޖޭގެ ޝައިޚުނަށް އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް ޙާފިޒް ޒަކީ ގޮވާލެއްވިއެވެ. އަދި މިނެޓަކަށް އެއް ހާސް ރުފިޔާ ދީގެން ނަމަވެސް އެމްޑީޕީގެ ދީނީ ޖަލްސާތަކަށް އެހެން ޕާޓީތަކަށް ނިޞްބަތްވާ ޝެއިޚުން ވެސް ގެންދަވަން ބޭނުންފުޅުވާ ކަމަށް ޒަކީ ވިދާޅުވިއެވެ.