އެމްޑީޕީން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ޚާއްޞަ ޖަލްސާ އެއް މިރޭ ކަލާފާނު ސްކޫލުގައި އޮންނާނެ

އިބްރާހީމް ރާމިޒް

mdp-logo

އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުން ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބާއްވާޚާއްޞަ ޖަލްސާ އެއް މިރޭ ކަލާފާނު ސްކޫލުގައި އޮންނާނެ އެވެ.

އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް އަލްޙާފިޒް އަޙުމަދު ޒަކީ ވިދާޅުވީ މިރޭ 8.45 ގައި ފަށާ މި ޖަލްސާ އަކީ ރަމަޟާން މަހަށް ޚާއްސަކޮށްގެން އެމްޑީޕީން ބާއްވާ ދީނީ ނަސޭޙަތް ދިނުމުގެ ސިލްސިލާ ޖަލްސާތަކުގެ ފެށުން ކަމަށާއި، މި ޖަލްސާ ބޭއްވުމުގެ ބޭނުމަކީ ރަމަޟާން މަހުގެ ރޭތަކާއި ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރުމަށް ދިވެހި ރައްޔިތުންނަށް ބާރުއަޅައި،”ހެޔޮކަންތަކަށް އަމުރުކޮށް، ނުބައި ކަންތައްތަކުން ދުރުވުމަށް ނަޞޭޙަތްތެރިވުން” ކަމަށެވެ.
މި ޖަލްސާ ގައި ދީނީ ނަސޭޙަތްދެއްވާ ބޭފުޅުންގެ ތެރޭގައި، ޑރ.މުޙައްމަދު ޤުބާދު އަބޫބަކުރާއި، އައްޝައިޚް މުޙައްމަދު ފާރޫޤް އާއި، އައްޝައިޚް އިސްޙާޤް މުޙައްމަދުފުޅުގެ އިތުރުން އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް އަލްޙާފިޒް އަޙުމަދު ޒަކީ ހިމެނެއެވެ.
ރަމަޟާން މަހަށް ޚާއްޞަކޮށްގެން ވަކި ތާވަލެއް އެކުލަވާލައި، މާލެ އާއި އަތޮޅުތަކުގައި ވީހާވެސް ގިނައިން ދީނީ ޕްރޮގްރާމްތައް ހިންގެވުމަށް އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކު ވަނީ އެޕާޓީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލީހުގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.