ދެކެން ބޭނުން ނުވިޔަސް…

ފުނަމާ

13 ޖުލައި 2011 މ ދުވަހަކީ ދިވެހީންގެ ހިތްތަކަށް ނުހަނު ހިތި އަސަރުތަކެއް ކުރުވި ދުވަހެއްކަން ޔަގީނެވެ. ރައްޔިތުންގެ އެތަކެއް ގުރުބާނީ ތަކާއެކު ރާއްޖޭގެ ސިޔާސީ މަސްރަހަށް ގެންނާން ބޭނުންވި ބަދަލުތައް ފުރިހަމަ ނުކުރެވި މުޅީންއެހެން މިސްރާބަކަށް ދީލާލާން ޖެހިއްޖެ ކަމުގެ ކޮޅުމަތި މިދިޔައީ ފެނިގެންނެވެ. ދައުލަތުގެ އެންމެ މުހިންމު ބާރުތަކުގެ ތެރެއިން ރައްޔިތުންގެ ގާނޫނުހަދާ މަޖިލީހުގެ ތެރެއަށް ސަލާމަތީ ބާރުތަކަށް ވަންނާންޖެހި އެބައެއްގެ ނަމުގެ ކުރިއަށް ގާނޫނީބާރު ލިބިގެން “އިއްޒަތްތެރި” ކިޔަމުން ގެންދާން މަޖުބޫރު ވެފައިވާ މެންބަރުންތަކެއް ޕެރަލައިޒް ވެފައިވާ ބަލިމީހަކު ފަޅުއޮޑިއަކުން ބާލާހެން އަތުލަފި ކޮށްގެން ނެރުނު މަންޒަރު މީޑިޔާތަކުން މިވަނީ އާންމު ކޮށްފައެވެ. މިކަމަކީ މީގެ ކުރީގެ ދުވަސްތަކެއްގައި އަޅުގަނޑުމެން ދުށް ކަމެއް ނަމަވެސް މިއަދު އަޅުގަނޑުމެން މިއުޅެނީ އަނބުރާ އިއްޔެއަށް ދާން ބޭނުން ވެގެންނެއް ނޫނެވެ. އަދި އެކަމެއް މިއަދު ގިނަ ރައްޔިތުންވެސް ބޭނުމެއް ނުވާނެއެވެ. އަދި ފެނިގެން މިދިޔަ އެންމެ ހިތާމަވެރި އަނެއް ކަމަކީ މާލޭ ސިޓީ ކައުންސިލުން ކުރީގެ ވެރިކަންކުރި މީހާގެ ބިމެއް އެކައުންސިލްގެ ބޭނުމަށް ނަގާން ނިންމި ނިންމުމެވެ. މިކަމަކީ ހަމަ ޔަގީނުންވެސް ރައީސް ނަޝީދުވެސް އަދި އެމްޑީޕީވެސް އަޅާންބޭނުންވާނެ ފިޔަވަޅެއް ނޫނެވެ. މާޒީ އިއާދަކޮށް ކުރީގެ ރައީސް ނާސިރުގެ މުދާ މައުމޫނުގެ ސަރުކާރުން ހިފިގޮތަށް މިއަދު އަނެއްކާވެސް އެތާރީޚު އަނބުރާ އިއާދަ ކުރާކަށް އަޅުގަނޑުމެން ނުވިސްނަމެވެ. ނަމަވެސް އުފެދޭ ސުވާލަކީ ބަޔަކަށް ކެއްކުރެވޭނީ ކިހާވަރެއް ވަންދެން ހެއްޔެވެ؟
މިސަރުކާރު އުފެދުނީއްސުރެ މިސަރުކާރު ވަށްޓާލުމަށް މެދުނުކެނޑި ފާޅުގައި ކުރީގެ ރައީސްކަން ކުރިމީހާ އެގެންދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރަށް ޖެއްސުން ކުރުމާ ފުރައްސާރަ ކުރުންނޫން އެއްވެސް ކަމެއް މިއަދާ ހަމަޔަށްވެސް އޭނާ ނުކުރެއެވެ. މިކަމުގައި އޭނާ ބޭނުންވާ މިންވަރަށް އެއްބާރުލުން ނުދޭތީވެ ޚޮދު އަމިއްލަ ޕާޓީވެސް އެވަނީ ބައިބައި ކޮށްލާފައެވެ. ތިމާމީހާގެ ބޮލުގައި އެޅެންްއައި ހުރިހައި ދަރަނިތަކެއް އެވަނީ ތަސްމީނުގެ ބޮލަށް ކަނޑާލާފައެވެ. ޒެޑު ފެކްޝަންގެ މީހުން ބުނާގޮތަށް ތަބަކަކަށް ލާފައި ޒެޑޭ ތަސްއަށް ދީފައިވާނަމަ ދީފައިއޮތީ ތަސްގެ މުޅިއުމުރުގައިވެސް ، އާއިލާ މިނިމިންޏަށްވެސް އަދާކުރުމަށް ދަތިވާނެ ދަރަންޏެކެވެ. ދެންއިތުރަށް ދެންޏާ ދެމުންއެގެންދަނީ ބަދުނާމެވެ. ގޮވަނީ ވަގަށެވެ. ނޫންކަމެއް ނެތެވެ. ކޮންމެވެސް މީހަކުފޮނުވައިގެން ތަސްއާއި ޝާހިދުގެ ނަމުގައި ޓިކެޓެއް ނަގައިގެން ނޫންކަމެއްވެސް ނޭނގެއެވެ. ރިޝްވަތުގެ ތުހުމަތުއަޅުވައި ތަންތަނަށް އަރައި އެތިބަގެން ހުތުރުހާ ހަޅޭއް ލަވައި ނަގަނީއެވެ. އޭސީސީ އިން އެތައްދުވަހެއްގެ ތަހުގީގަށްފަހު އެއީ ސާބިތު ނުހިފޭ ކަމެއް ކަމުގައި އެވަނީ ރަސްމީކޮށް ބުނެފައެވެ. އެކަމަކު ޒެޑަށް ވާގިދޭ އެންމެން އަދިވެސް އެކުރަނީ އެކަމާ އިންކާރެވެ. އެކަމަކު ޒެޑާ ބެހޭގޮތުން ކިތަންމެ ބޮޑު ވާހަކައެއް ކޮންމެ ބަޔަކު ދެއްކިޔަސް އެއީދެން ހަމަ ހަދަހަދައިގެން ދައްކާ ވާހަކައެކެވެ. މުޅި ދުނިޔެ އެކަމާ އިދިކޮޅަށް ވާހަކަ ދެއްކިޔަސް އެބުނަނީ އެއީ ހުސް ބުހުތާނު ދޮގުކަމުގައެވެ. އެމްއެސްއެލް ގައި ދުއްވަމުން ގެންދިޔަ ބޮޑުސިންގާ 99 އާގުބޯޓަކީ ދިވެހި ރައްޔިތުންގެ ދަލާއިލޭ އޮހޮރުވައިގެން ހޯދާފައި ހުރި ތަކެއްޗެއް ނޫންހެއްޔެވެ؟ ކޮންމެ މައުދަނަކުން ބަދެފައި ހުއްޓަސް އެހުރިހާ ބޯޓުފަހަރު ހުދުކާފޫރުހެން ހުލިވެގެން ދިޔައީކީ ނޫނެވެ. ހަމަ ބަކަރި ކަރުގައި ވާޖަހާހެން ވާޖަހައިގެން ނެރެ ވިއްކާ ހުސްކުރީއެވެ. ލިބުނު ފައިދާއެއް އެނގުނު މީހަކު އުޑުބަޅުކުރެއްވި ހިސާބަކު އުޅޭކަމަކަށް ނުވެއެވެ. މިސަރުކާރުން ވިއްކާލި އެއާޕޯޓު އެއޮތީ ހުޅުލޭގައެވެ. ޖީއެމްއާރުގެ ކަރުގައި ކަފުގައި ޖަހައިގެން ގެންދިޔަކަމެއް ނުދެނަހުރީމެވެ. ނަމަވެސް އެތައްމިލިޔަނަކުން ދައުލަތަށް ފައިސާދޭކަން ދެނަހުރީމެވެ. މިކަން ނުދަންނަ ދިވެއްސަކު އެބަހުރި ހެއްޔެވެ؟ ކޮސޯވޯގެ މިނިވަންކަން ގަބޫލުކުރުމުގައި ރިޝްވަތު ހިފިކަމަށާ އިޒުރޭލާ ގުޅިގެން ރާއްޖޭގެ އިސްލާމީ ވަހުދަތު ވަޅެއްކޮނެ ވަޅުލަން އުޅޭވާހަކަ އެތިބަ ގޮވައި ނަގަނީއެވެ. ސަރުކާރަކުން ފުމެ ކެކިއަރައި ދެދުވަހުން އެއްދުވަހު ޒެޑޭގެ ކަރުގައި ވާޖަހައިގެން ދަމާކަށް ނޫޅެއެވެ. އެކަމަކު އިނގިރޭސި ވިލާތުގައި މީހަކުމެރި ވާހަކަ ފާޑަކަށް ދައްކާލާއިރުވެސް އޭއިން ފެށިގެން ޒެޑާދެމެދު ކޮންމެ އަކުރެއް ކިޔަސް އެދެން ދުނިޔެ އަރަފުވީއެވެ. އަށްސަތޭކަ މިލިޔަން ޑޮލަރުގެ ވަގުވިޔަފާރި އެއީ ދައްކައިގެން ނުވާވަރުގެ ބޮޑުވާހަކައެކެވެ. ދުވަހަކު މިކަމަކުން ދިވެހީންނަކަށް މިސަރުކާރަކަށް ސަލާމަތެއް ނެތެވެ. މުޅިއޮޑީގައި ކުރީން އޮތީ ޒެޑޭގެ ދެފައެވެ. މިއަދު އުނގުޅޭ ބާޒާރުގައި އެންމެ އަގުހެޔޮކޮށް ވިއްކަނީވެސް ޒެޑެވެ. ޕާޓީ އަރާރުމުގައިވެސް ޒެޑެވެ. މަޖިލީހުގައިވެސް ޒެޑެވެ. ދެމީހަކު ވަޅިހަރާއިރުވެސް ވަޅީގެ މުށްގަނޑުގައި ޒެޑެވެ. މިވަރުވީމައި ދެން ލަފާކަން ނުލަފަޔަށްވެސް ބަދަލުވާނެތާއެވެ. މިއަދު މިފެންނަނީ އެކަހަލަ މަންޒަރުތަކެވެ. ޒެޑު ކައުންސިލު ތަކުން ހިތުހުރިތާކު ހިތުހުރި ގަރާރެއް ފާސްކޮށް ދައުލަތުގެ މުދާ ފޭރިގަންނައިރުވެސް ޕީޖީ ހިންޏާ މަރުވާއިރު ޒެޑޭގެ ގެޔާ ޖެހުނީމައި ޒިންމާދާެރުކަން ކުޑަވީއެވެ. މިއީ އަރަތެއް ނޫނީ ދެން ކޮންއެއްޗެއް ހެއްޔެވެ؟ ޒިންމާދާރު ކަމެއް ނެތީ މިސަރުކާރަށް ނިސްބަތްވާ ކޮންމެ ކަމެއްގައިހެއްޔެވެ؟ ކިތަންމެ ކުރާން ބޭނުން ނުވިޔަސް ދުވަހަކު ނުކުރާނަމޭ ބުންޏަސް ނޭފަތާހަމަޔަށް ފެންއަރަންދެން ބަލަހައްޓައިގެން ނުހުރެވޭނެކަން އެންމެންވެސް ގަބޫލުކުރާން ޖެހޭނެއެވެ. މުޅިދައުލަތުގެ ބާރުތައް ޒެޑޭގެ އުނަގަނޑުގައި ފަށްޓަރެއްހެން އޮޅާލަން ދީގެން ދިވެހީންގެ އެންމެނަކު އަމަށަކުން ނުތިބޭނެއެވެ. އަމިއްލަ ގޭމީހާގެ ޕާޓީގެ މީހަކު ބޮޑުގޮނޑީގައި އިނދެގެން ހޯއްގޮވައި ހަޅޭއްލަވައިގެން ސިފައިން ލައްވައި ތިންޒެޑޭ ނެރުނީމައި އެކަމަކީ ބޮޑުޒެޑޭގެ ޑީލެއް ކަމުގައި ބުނާނެ ޖާގަނެތީ ހެއްޔެވެ؟ އެކަމަކު މޮޔަބޮލަށް އަރައިގެން އަދިވެސް ފަތްކޮޅު ފޮނުވަނީ ރައީސްމީހާގެ އަތަށެވެ. ކިތަންމެ ހިތަށް މިކަންކަމުން ކެކުޅުން ލިބުނަސް ، އެހާމެ ހިތްނޭދުނަސް މިހާރު މިއޮތީ މިދުވަސް އަނެއްކާވެސް ދެކެން ޖެހިފައެވެ. ހިތާމަ ކުރަމެވެ.