ޕަބްލިކް ހެލްތްގެ މަސައްކަތްތައް އެއީ އަބަދު ކުރާ ކަމެއްގެ ގޮތުގައި ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި

president-nasheed

ސަރުކާރުގެ ހުރިހާ ބޭފުޅުންވެސް އަދި ހުރިހާ ކައުންސިލްތަކުންވެސް ޕަބްލިކް ހެލްތްގެ މަސައްކަތްތައް އެއީ އަބަދު ކުރާ ކަމެއްގެ ގޮތުގައި ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ތަފާތު ބާވަތްތަކުގެ ރޯގާތަކުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އެޅުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގައި ގައިން ގަޔަށް އަރާ އަދި އެކިގޮތްގޮތަށް ފެތުރެމުންދާ ތަފާތު ބާވަތްތަކުގެ ރޯގާތަކުގެ ތެރެއިން މަދިރި މެދުވެރިވެގެން މި ދިމާވާ ކަންކަމަކީ، ޒަމާނުއްސުރެ ރާއްޖޭގައި ދިމާވަމުން އައިސްފައިހުރި ކަންކަން ކަމަށް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިހާރު އެކުލަވައިލެވިފައިމިވާ ރަށްރަށުގެ ކައުންސިލްތަކާއި، ލާމަރްކަޒީ އުޞޫލު މެދުވެރިކޮށްގެން، އަޅުގަނޑުމެންނަށް ބަލިބަލިން ސަލާމަތްވެ އުޅެވޭނެ އާދަތަކެއް، އަޅުގަނޑުމެންގެ ތެރޭގައި ތަޢާރުފް ކުރުމުގެ ފުރްޞަތު މިއަދު މިވަނީ ހޯދޭނެ ޖާގަ ލިބިފައިކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ޑެންގީ ހުން ކޮންޓްރޯލް ކުރެއްވުމަށް، އެމަނިކުފާނު އުފެއްދެވި ޓާސްކްފޯހުގެ މަސައްކަތްތައް ވަރަށް ރަނރަޅަށް ކުރިއަށްގޮސް، އޭގެ ނަތީޖާ، މާތްރަސްކަލާނގެ އިރާދަފުޅާއެކު، ފެނިފައިވާ ކަމަށް ވިދާޅުވިއެވެ. ރޯގާ ކޮންޓްރޯލް ކުރުމާ ގުޅިގެން، ޓާސްކްފޯހުގެ މަސައްކަތްތައް، މިދިޔަ ހަފްތާގައި ނިންމަވާލައްވާފައިވުމާއެކު، މިކަމުގައި ރާއްޖޭގެ ރައްޔިތުން ސަރުކާރަށް ދެއްވި އެއްބާރުލެއްވުމާއި، ކަމާބެހޭ ހުރިހާ އިދާރާތަކުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.