އިންޑިޔާގެ މުމްބާއީގައި ހިންގި ބޮން ގޮއްވުމުގެ ޢަމަލު، ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި

އިންޑިޔާގެ މުމްބާއީގައި ހިންގި ބޮން ގޮއްވުމުގެ ޢަމަލު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވަރަށްބޮޑަށް ކުށްވެރި ކުރައްވައިފިއެވެ. ޓެރަރިޒަމްގެ މިޢަމަލު ކުށްވެރިކުރައްވައި، އިންޑިޔާގެ ރައީސާ ޕްރަތީބާ ޕާޓިލަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހިސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ރައީސާއަށާއި، އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މިހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.