ބ.ތުޅާދޫ ކައުންސިލްގެ ބައި އިލެކްޝަންގެ އެމްޑީޕީ ޕްރައިމަރީ މާދަމާ އޮންނާނެ

މި ޕްރައިމަރީގައި 4 ބޭފުޅަކު ވާދަކުރައްވާނެ

އިބްރާހީމް ރާމިޒް

bthulhaadhoo-council-450-x-285

ބ. ތުޅާދޫގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ޑީއާރްޕީގެ މެންބަރު އުމެއިރާ އަބޫބަކުރު މަގުބޫލު އުޒުރެއް ނެތި ކައުންސިލްގެ ހަތް ޖަލްސާ އަށް ވަޑައިނުގެންނެވުމާ ގުޅިގެން އޭނާ ކައުންސިލްކަމުން ވަކިކޮށްފައިވާތީ، އެ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނޭ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ މާދަމާ އޮންނާނެއެވެ.
މާދަމާ މެންދުރުފަހު މާލެ އާއި، ތުޅާދޫ ގައި ބާއްވާ މި ޕްރައިމަރީގައި 4 ބޭފުޅަކު ވާދަކުރައްވާނެއެވެ. އެއީ ބ.ތުޅާދޫ އެވަރގްރީން، އިބްރާހީމް މުޖުތަބާ (ކެންޑިޑޭޓް ނަންބަރު 1) އާއި، އެރަށު ބަގީޗާގޭ ޙަސަން ޢަލީ (ކެންޑިޑޭޓް ނަންބަރު 2) އާއި، ހަމަ އެރަށު އާރު، އަޙުމަދު އަފްރާޙް (ކެންޑިޑޭޓް ނަންބަރު 3) ގެ އިތުރުން އެރަށު އަރުތަ މުޙައްމަދު ތަޢުރީފް (ކެންޑިޑޭޓް ނަންބަރު 4) އެވެ.
މި އިންތިޚާބުގެ ވޯޓުލުން މާލޭގައި އޮންނާނީ އެމްޑީޕީ މައި ހަރުގޭގައެވެ. ތުޅާދޫގައި މި އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދާނީ ތުޅާދޫ އެމްޑީޕީ ހަރުގޭގައެވެ.
މާދަމާ މެންދުރުފަހު 2.00 އިން ފެށިގެން އިރު އޮއްސި 6.00 ގެ ނިޔަލަށެވެ. މި އިންތިޚާބުގެ ވޯޓުލާ ނިމުމުން، ވޯޓުލާ މަރުކަޒުގައި ވޯޓު ގުނައި ވަގުތީ ނަތީޖާ އިޢުލާން ކުރުން އޮންނާނޭ ކަމަށް މި އިންތިޚާބުގެ ކަންތައް ބަލަހައްޓާ ތުޅާދޫ އެމްޑީޕީ އޮފީހުން މަޢުލޫމާތުދެއެވެ.