ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލުގެ ސަބަބުން ކަންމަތީ ފިހާރަތަކުގެ ސޭޓުންނަށް ވެސް މުދާއެތެރެކުރުމުގެ ފުރުސަތު ފަހިވެގެންދާނޭ ކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

bonda-ibrahim-rasheed

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިޞްލާޙް ގެނައުމަށް އިއްޔެ ސަރުކާރުން ހުށަހެޅުއްވި ބިލަކީ މިހާތަނަށް މަޖިލީހަށް ހުށަހެޅުއްވި ބިލްތަކުގެ ތެރެއިން އެންމެ ފައިދާހުރި އެއްބިލުކަމަށާއި، މި ބިލުގެ ސަބަބުން ކަންމަތީ ފިހާރަތަކުގެ ސޭޓުންނަށް ވެސް މުދާއެތެރެކުރުމުގެ ފުރުސަތު ފަހިވެގެންދާނޭ ކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.
މި ބިލާ ބެހޭ ގޮތުން އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތުދެއްވަމުން އޭނާ މިއަދު ވިދާޅުވީ މި ބިލު ފާސްވެ ގާނޫނަކަށް ވުމުން އާންމު ރައްޔިތުންނާއި، ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ފައިދާއެއް ވެގެންދާނޭ ކަމަށާއި، އެ ގޮތުން ޚާއްޞަ ގޮތެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ތަނަވަސްވެ އާންމު ފަރުދުންގެ ޖީބަށް ލުއިވެގެންދާނޭ ކަމަށް ވިދާޅުވިއެވެ.
އެ ގޮތުން އޭނާ ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ ފަރާތްތަކުން ޑިއުޓީ ނުދައްކާ، ކައިރި ގައުމުތަކުން ޑިނގާ އަދި ބޯވަ ދިލަމަސް ފަދަ މަހުގެ އުފެއްދުންތައް ރާއްޖޭގައި ބަންދުކޮށް، ރީ އެކްސްޕޯޓް ކުރުމުގެ ފުރުސަތު ފަހިވެގެންދާނޭ ކަމަށާއި، އިމާރާތްކުރުމުގެ ސާމާނާއި، ގަސްގަހާގެހިން އުފައްދާ ކާނާގެ ބާވަތްތަކުން ޑިއުޓީ ނެގުން މުޅިން ހުއްޓާލެވޭނޭ ކަމަށް ވިދާޅުވިއެވެ.
އިބްރާހީމް ރަޝީދު އަދި ވިދާޅުވީ މި ކަމުގެ ސަބަބުން ޖުމްލަކޮށް އެންމެންނަށް ފައިދާކުރާ އިރު، އެންމެ ބޮޑު ފައިދާ އެއް ކުރާނީ އެންމެ މަދުން އާމްދަނީ ލިބޭ ފަރާތްތަކާއި، އިމާރާތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ކަމަށެވެ.
“ޤާނޫން ނަނަބްރު 31/79 ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ގެންނަން ސަރުކާރުން ހުށަހެޅި އިސްލާޙްގެ ދަށުން. ޑިއުޓީ ނެގުން އެއްކޮށް ހުއްޓާލެވިގެން މި ދަނީ، ގެދޮރު އިމާރާތްކުރުމަށް ބޭނުންކުރާ ހުރިހާ ސާމާނަކާއި، މަސައްކަތްކުރުމުގެ ދާއިރާގައި ބޭނުންކުރެވޭ ހުރިހާ އާލާތްތަކުން އިމްޕޯޓް ޑިއުޓީގެ ނަމުގައި ނުސީދާކޮށް ފަރުދުންގެ އަތުން ނަގަމުން ގެންދާ ބިލިއަނަކަށްވުރެ ގިނަ ފައިސާ. އިންސާނާ ދިރިދުނިޔޭގައި ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ބެނުންވާ ބޭސްފަރުވާ ކުރުމަށް ބޭނުންވާ ބޭހުންނާއި. އެއާގުޅޭ ބޭސްފަރުވާގެ ސާމާނުން، ބަލިމީހާގެ އަތުން ބޭސްފަރުވާ ނުކުރެވި އުޅެނިކޮށް މިހާރު އިމްޕޯޓް ޑިއުޓީގެ ނަމުގައި ނަގަމުންދާ އެތައް ސަތޭކަ މިލިޔަން ރުފިޔާ ދައުލަތުގެ މާލިއްޔާއަށް ވައްދަން ނުފެންނަ ވާހަކަ މި ބިލުގައި ވަނީ ހުށަހަޅާފަ” އިބްރާހީމް ރަޝީދު ވިދާޅުވިއެވެ. ” މިއަށްވުރެ ވަކި ރައްޔިތުންނަށް ފައިދާހުރި ބިލެއް ހުށައެއް ނޭޅޭނެ. މިއީ ސިޔާސީ ބިލެއް ނޫން. މި ބިލު ފާސްވުމުން ރާއްޖޭގެ އިޤްތިޞާދީ ދުވެލި މެކުހަށް ޖަހާނެ. މީގެ ބޮޑު މަންޒަރަކީ މި ބާވަތްތަކުން ޑިއުޓީ މަޢާފުކުރުމުން އައްޑޫ ސިޓީ އާއި، ކުޅުދުއްފުށީ ސަރަހައްދީ ބަނދަރުތައް ވެސް އެކްޓިވޭޓްވެ، އެ ބަނދަރުތަކަށް ބޮޑެތި ކޮންޓެއިނަރތައް ބާލާތަން ފެނިގެންދާނެ. މީގެ ސަބަބުން އެ ސަރަހައްދުތަކަށާއި، މުޅި ރާއްޖެއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އެހެން ވެގެން، މި ކަން ހާސިލްވިޔަ ނުދިނުމަށް އިދިކޮޅު ފަރާތްތަކުން މަޖިލިސް ހުއްޓުވަން މަސައްކަތްކުރަނީ”
ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައިވާ އިގްތިސާދީ 14 ބިލެއްގެ ތެރެއިން އިއްޔެގެ ޖަލްސާގައި މި ބިލުގެ އިތުރުން ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލު ވެސް ހުށަހެޅުއްވިއެވެ. މި ބިލު ހުށަހަޅުއްވައިދެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕާއި ދާދިފަހުން ގުޅިވަޑައިގެންނެވި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އެވެ.