ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލާއި ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލުގެ ބަހުސް މަރުޙަލާ ކުރިއަށް ގެންދަވައިފި

އިބްރާހީމް ރާމިޒް

majlis

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލުގެ ބަހުސްގެ މަރުޙަލާ ކުރިއަށް ގެންދަވައިފިއެވެ. މިދެބިލަކީވެސް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ދެބިލެވެ. އެގޮތުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހަޅުއްވައިދެއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އެވެ. ވިޔަފާރި ފައިދާއިން ޓެކްސް ނެގުމުގެ ބިލު ހުށަހަޅައިދެއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އެވެ.

އިއްޔެގެ ޖަލްސާގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމަށް 21 ޖޫން 2011 ވީ އަންގާރަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އަޢްޔަނުކުރައްވާފައިވާ ނަންފުޅު މަޖިލީހަށް އިއްވައި މި މައްސަލަ ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމަށް ނިންމަވާފައިވެއެވެ.

މި ޖަލްސާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ހުށަހަޅުއްވާފައިވާ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ އާއި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ ހުށަހަޅުއްވާފައިވާ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ އާއި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު ހުށަހަޅުއްވާފައިވާ، ބިމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ރަހުނުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ އާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހުށަހަޅުއްވާފައިވާ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ އާއި ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު ހުށަހަޅުއްވާފައިވާ، ޕާޓްނަރޝިޕްގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ އާއި ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް ހުށަހަޅުއްވާފައިވާ، ކުންފުނީގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ އާއި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ އަދި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު އުވާލުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ބިލުގެ ސުރުޚީ މަޖިލީހަށް އިއްވަވާފައިވެއެވެ. މީގެ ތެރެއިން އިޤްތިޞާދީ ބިލުތަކަކީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް ޒަމާނީ އިޤްތިޞާދެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ” އިކޮނޮމިކް ރިފޯމް ޕެކޭޖް” ދަށުން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލުތަކެކެވެ.

އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ގަވައިދުގެ 54 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން 4 މެންބަރެއްގެ ނަން އިއްވެވިއެވެ. އެއީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް އާއި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު އާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް އަދި ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކް އެވެ.

މި 4 މެންބަރުންގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް އާއި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު އާއި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފް މަޖިލިސްކުރާ މާލަމުން ނިކުމެވަޑައިނުގަތުމުން އެ 3 މެންބަރުން މާލަމުން ނެރުނީ ރިޔާސަތުގެ އެދިވަޑައިގަތުމަކަށް އެމް.އެން.ޑީ.އެފްގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ބޭފުޅުން މާލަމަށް ވެދެވަޑައިގެންނެވެ.