އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށް އައްސަރިބަހާއި ސާބަހެވެ!

މަޖިލިސް ހުއްޓުވުމާ ދެކޮޅަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުންނާއި އާންމު މެންބަރުން ދެއްކީ އެއްބައިވަންތަ ކަމާއި، ހިއްވަރު ގަދަ ކަމުގެ ފިސާރި ލާމަސީލު މިސާލެއް

އިބްރާހީމް ރާމިޒް

3

ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމުގެ “ވަށައިގެން އެނބުރޭ” ބައެއް މަޖިލިސް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވަމުން ދިއުމާ ދެކޮޅަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލަމެންޓްރީ ގްރޫޕުންނާއި، އާންމު މެންބަރުން ދައްކާފައިވަނީ ކެރުމާއި، އެއްބައިވަންތަ ކަމާއި، ހިއްވަރުހުރި ކަމުގެ ލާމަސީލު މިސާލެކެވެ.
އަންގާރަ ދުވަހުގެ ހެނދުނު 9.00 އިން ފެށިގެން މިއަދުގެ މެންދުރު ފަހު 3.30 އާ ހަމައަށް ޖުމްލަ 30 ގަޑި އިރާއި 30 މިނެޓް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެންބަރުން ވަނީ ދިވެހިރައްޔިތުންގެ ހައްގުގައި މަޖިލީހުގެ ތަޅުމުގައި ހޭދަކޮށްފައެވެ. މި ގޮތުން މި ހޭދަކުރި 30 ގަޑި އިރުގެ ތެރޭގައި މަޖިލިސް މެންބަރުން ޒަރޫރީ ބޭނުމެއްގައި މެނުވީ މަޖިލީހުގެ ތަޅުން ދޫކުރައްވައި ވަޑައިގެންފައިނުވާކަން ދޭހަކޮށްދެނީ ދިވެހި ލޮބުވެތި ރައްޔިތުންގެ ޙައްޤުގައި އެމްޑީޕީން ގުރުބާންވާން ތައްޔާރަށް އޮތް މިންވަރެވެ.
އެމްޑީޕީގެ ޒުވާން މަޖިލިސް މެންބަރުން މި ދެއްކެވި ހިއްވަރާއި، ފަންވަރުގެ ހަގީގީ ބާނީ އަކީ ވަކި މިވެނި މީހެކޭ ދެންނެވޭނޭ ޖާގަ ނެތް ކަމުގައި ވިޔަސް މިއީ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕް ދޫކުރައްވައި ވަޑައިގެންނެވި، އެ ޕާޓީގެ ޗެއަރޕާސަންކަން މިހާރު ކުރައްވަމުން ގެންދަވާ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ތަޖުރިބާގެ އިތުރުން، މަޑުމައިތިރިކަމާއި، ހިތްތިރި އަދި ދުރުވިސްނޭ ސިޔާސަތެއް ގެންގުޅުއްވާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މިހާރުގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ރޭވުންތެރި ސިޔާސަތާއި، މަޖިލިސް އެންމެހާ މެންބަރުންގެ އެއްބައެއްވަންތަކަމުގެ ފޮނި ނަތީޖާ ކަމުގައި ދަންނަވަން ޖެހެއެވެ.
މުޅި މަޖިލީހުގެ އެންމެހާ މެންބަރުންނާއި، ދިވެހިރައްޔިތުންގެ ހިތްތަކުން ޖާގަހޯދާފައިވާ އިބޫ އަކީ ރޭވުންތެރިކަމާއި، އެކު ޙިކުމަތު ޢަމަލީގެ ދަށުން މަސައްކަތް ކުރައްވާ ކުޅަދާނަ މާލިމީ އެއް ކަން މިއަދު ރައްޔިތުންގެ މަޖިލީހުން ވަނީ ފެނިގެން ގޮސްފައެވެ.
ދައްޗާއި ތުރާލުގައި އާއިލާ އާއި ވަކިން މަޖިލީހުގެ ތަޅުމުގައި 30 ގަޑިއިރު “ޖިހާދު” ކުރެއްވުމަށްފަހު، “ކޮމިޓީތަކުގެ މައްސަލަ ހައްލުކުރުމަށްފަހު” ނޫނީ ޖަލްސާ ނުބޭއްވޭނޭ ކަމަށް މައުމޫނުގެ ވާގިވެރިން ގޮވަމުން ދަނިކޮށް، ޖެއްސުންކުރުމާއި، ފިއްތުމުގެ ދަލުގެ ތެރެއިން “ފުރޭނިގެން” މަޖިލީހުގައި ކާމިޔާބު ޖަލްސާ އެއް ބޭއްވުމަށްފަހު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން މިއަދު ހަވީރު މަޖިލީހުން ނިކުމެވަޑައިގަތުމުން އެ ބޭފުޅުންނަށް އެމްޑީޕީގެ މެންބަރުން މަރުހަބާކީ ގުލްޒާރުގައި ފޮޅެން ފަށާފައިވާ “ނޫރާނީ” މަލުން ނެވެ.
މި އުފާ ފާޅުކުރުމުގެ ވަގުތުގައި ދެން އިވިގެން ދިޔައީ އެމްޑީޕީގެ އެއްބައިވަންތަކަމާއި، ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ މާ ރީތި “ނާނާ” އެކެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި އެ ބޭފުޅުންގެ އަގުހުރި ވަގުތުތައް ގުރުބާންކުރެއްވި އިރު، މަޖިލީހުގެ ބޭރުގައި، ދިރިއުޅުމަށް ކުރަމުންދިޔަ މަސައްކަތާއި، އަނބިދަރިންދޫކޮށް، ދިންހާ އަތްވަކާއި، ވެހުނުހާ ވާރެއެއްގައި، ކެނޑިނޭޅި އެ މެންބަރުންނަށް ހިއްވަރުދެމުން ގެންދިޔަ އެމްޑީޕީގެ އާންމު މެންބަރުންގެ ހިއްވަރު ގަދަ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން އޮއްސަމުންދިޔަ ތަޢުރީފްގެ ބަސްތަކެވެ. ދެ ފަރާތުން ވެސް ބުނަމުންދަނީ ” މިއީ ތިޔަ ބޭފުޅުންގެ ހިންމަތާއި މިންނަތުން” ލިބުނު ކާމިޔާބެއް ކަމަށެވެ.
ޙަޤީޤަތަކީ އެމްޑީޕީގެ ލޭ ހިނގާ ކޮންމެ މެންބަރަކީވެސް ހިއްވަރާއި، ފަންވަރުހުރި، ނުގުޑާފަދަ ޢަޒުމެއްގައި ތިބި ބައެއް ކަމެވެ. އެ ބައިމީހުން އެތަކެއް ދަލަކާއި ލެ އެއް އޮހޮރުވައިގެން އުފަންކުރުވި ޑިމޮކްރަސީ، ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި ލާމަސީލު މިސާލެއް ދައްކަމުން އަންނަ ފިސާރިކެރޭ މެންބަރުން ކަމެވެ.
އިސްލާޙީ މަސައްކަތް ފެށުނީއްސުރެ، ބަދަލަކަށް އެދިހުރި، އަދި އެމްޑީޕީ ވުޖޫދަށް އައި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް އެމްޑީޕީގެ “ރީނދޫ” ލޭ ހިނގާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން، އަޅުގަނޑަށް ކުރެވޭނީ ތަޢުރީފެވެ. ދެވޭނީ ހިއްވަރެވެ. އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށް އައްސަރިބަހާއި ސާބަހެވެ.