އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް މެންބަރުންނަށް މަރުހަބާ ކިއުމަށް އެޕާޓީގެ މެންބަރުން ތައްޔާރުވަމުން އެބަދޭ

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން އިއްޔެ އިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ކުރަމުން ދިޔަ ހިއްވަރާއި، އެ ކަމުގައި އެމްޑީޕީން ހޯދި ކާމިޔާބީއަށްޓަކައި އެ ގްރޫޕްގެ މެންބަރުންނަށް އެމްޑީޕީގެ އާންމު މެންބަރުން މަރުހަބާ ކިޔައިފިއެވެ..
އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް މަރުހަބާ ކިޔުމަށް އެޕާޓީގެ ގިނަ މެންބަރުން މިއަދު މަޖިލިސް ނިމުނު ގަޑި ކަމަށްވާ 3.30 އަށް ރައްޔިތުންގެ މަޖިލިސްގެ އިދާރާގެ އުތުރުފަރާތު ގޭޓް ކައިރިއަށް އެއްވެ އުފާފާޅުކޮށް މަޖިލިސް މެންބަރުންގެ ކަރުގައި މާފަތި އެޅުވިއެވެ .
ސަރުކާރުގެ އިޤްތިޞާދީ ބިލުތައް ފާސްވިޔަ ނުދިނުމަށް އިދިކޮޅު ފަރާތްތަކުން ޚާއްސަކޮށް، ކުރީގެ ރައީސް މައުމޫނަށް ވާގިވެރިވާ ފަރާތްތަކުން މަޖިލިސް ހައިޖެކްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެމްޑީޕީގެ މެންބަރުންގެ މަސައްކަތުން މިއަދުވަނީ މަޖިލީހުގެ ޖަލްސާތައް ހަފްތާތަކަކަށްފަހު އަލުން ފަށާފައެވެ.
އިއްޔެ އިން ފެށިގެން އެމްޑީޕީގެ މަޖިލިސް މެންބަރުން ތިއްބެވީ މަޖިލީހުގެ ޖަލްސާއެއް ނުބާއްވަނީސް މަޖިލީހުގެ ތަޅުންދޫކޮށް ނުދާނޭ ކަމަށް ވިދާޅުވެ، މަޖިލިސް އިދާރާގައެވެ. ޒަރޫރީ ބޭނުމަކަށް ފިޔަވައި އެމްޑީޕީގެ އެއްވެސް މެންބަރަކު މަޖިލީހުގެ އިދާރާއިން ބޭރަށް ވަޑައިގެންފައެއް ނުވެއެވެ.