ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ވަފްދެއް މެދު އުތުރު ޕްރޮވިންސްގެ ކ.ގުރައިދޫއަށް ޒިޔާރަތްކޮށްފި

23 މެއި 2010

kguraidhoo

ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ޚާއްޞަ ވަފްދެއް އިއްޔެ، މެދު އުތުރު ޕްރޮވިންސްގެ ކ.ގުރައިދޫއަށް ޒިޔާރަތްކޮށްފިއެވެ.
ގުރައިދޫގައި ސަރުކާރުން ފެށުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާބެހޭ ގޮތުން އެރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚާއްޞަ ވަފްދުގެ ބޭފުޅުން ވަނީ އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ރަށަށް ތަރައްޤީ ގެނެވިދާނެ ދާއިރާތަކާ، އެދާއިރާތަކުން ރަށުގައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
މިގޮތުން ދަތުރުފަތުރާއި، ބަނދަރުހެދުމާއި، ފެނާއި ނަރުދަމާ، ކަރަންޓް، ބޯހިޔާވަހިކަން ފޯރުކޮށްދިނުން ފަދަ މުހިއްމު ކަންތައްތަކާ ބެހޭގޮތުން މިވަފްދުގެ ބޭފުޅުން ވަނީ ގުރައިދޫ ރައްޔިތުންނާ މަޝްވަރާކޮށް އެރަށުގައި ސަރުކާރުން ފެށުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ރަށުގެ ރައްޔިތުންނާ ހިއްސާކޮށްފައެވެ.
މި ވަފްދުގައި ރައީސުލްޖުމްހޫރިއްޔާގެ އަންޑަރ ސެކްރެޓަރީ އިބްރާހީމް ރަޝީދާއި، މެދު އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ މޫހައްމަދު ނަޢީމްގެ އިތުރުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހް ބައިވެރިވެވަޑައިގެންނެވިއެވެ.