ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ރައީސާއަށް ތައުޒިޔާ ވިދާޅުވެއްޖެ

23 މެއި 2010

air-india

އެއަރ އިންޑިޔާގެ މަތިންދާބޯޓެއް ވެއްޓި އެބޯޓުން ދަތުރުކުރި ވަރަށް ގިނަ އަދަދެއްގެ މީހުން މަރުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އިންޑިޔާގެ ރައީސާ ޕްރަތިބާ ޕާޓިލަށް ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ވަރަށް ފުންހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، އިންޑިޔާގެ ރައްޔިތުން މި ހިތާމަ ބަރުދާސްތު ކުރަމުން ގެންދާއިރު، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާ މި ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން، ރައީސާ ޕްރަތިބާ ޕާޓިލަށާއި، އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މި ހިތާމަވެރި ހާދިސާގައި އެތައް ޢާއިލާއެއްގެ ލޮބުވެތި އެތައް ބަޔަކު މި ދުނިޔެ ދޫކޮށްފައިވާތީ، އެ ޢާއިލާތަކުގެ ލޮބުވެތި މެންބަރުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.
ދުބާއީން ފުރައިގެން އައި އެއަރ އިންޑިއާގެ ބޯއިން 737 މަރުކާގެ މި ބޯޓު ވެއްޓިފައިވަނީ މެންގަލޫރަށް ޖައްސަން އުޅުމުގެ ތެރޭގައި އިއްޔެ ވަރަށް ހެނދުނުގެ ވަގުތެއްގައެވެ. މިބޯޓުގައި އެވަގުތު ތިބި 160 ފަސިންޖަރުންނާ 6 ކްރޫންގެ ތެރެއިން ސަލާމަތްވެފައިވަނީ އެންމެ 8 މީހުންނެވެ.
ގޮނޑުދޮށާ ކައިރި ހިސާބެއް ކަމަށްވާ މެންގަލޫރަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ، ބެންގަލޫރާ 320 ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ.