ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މެލޭޝިޔާގައި ބޭއްވުނު 6 ވަނަ ވާރލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް، މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހުކުރު ދުވަހު ހަވީރު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި، މި ފޯރަމްގައި ތަޤުރީރު ކުރެއްވިއެވެ. މީގެ އިތުރުން، މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިޔާއަށް ވަޑައިގެންނެވި އިސްލާމީ ބައެއް ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި އެޤައުމުތަކާ ދެމެދު އޮންނަ ގުޅުމާއި އެގައުމުތަކުން ރާއްޖެއަށް އެހީތެރިކަން ލިބިދާނޭ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި، މެލޭޝިޔާގެ ބޮޑުވަޒީރާއި، ބުރުނާއީގެ ރަސްގެފާނާއި، ކޮސޯވޯގެ ރައީސް ހިމެނިވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މެލޭޝިޔާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތު ތަކާބެހޭ މަޢުލޫމާތު އެބޭފުޅުންނަށް ދެއްވިއެވެ. އަދި، މެލޭޝިޔާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ، މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތް ކުރައްވައި އެތާނގެ މުވައްޒަފުންނާވެސް ބައްދަލުކުރެއްވިއެވެ.