އަންނަ އަހަރު ރާއްޖޭގައި ބާއްވާ ސާކް ސަމިޓު ދެކުނު ޕްރޮވިންސްގައި ބާއްވަވަން ސަރުކާރުން ގަސްދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

21 މެއި 2010

އައްޑު އަތޮޅު ގަން އެއަރޕޯޓް
އައްޑު އަތޮޅު ގަން އެއަރޕޯޓް

އަންނަ އަހަރު ރާއްޖޭގައި ބާއްވާ ސާކް ސަމިޓު، ދެކުނު ޕްރޮވިންސްގައި ބާއްވަވަން ސަރުކާރުން ގަސްދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ސާކް ސަމިޓު ރާއްޖޭގައި ބޭއްވެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ސަމިޓުގެ އެއްބައި ފުވައްމުލަކުގައި އަނެއްބައި އައްޑުއަތޮޅުގައި ބާއްވަވަން ނިންމަވާފައި ކަމަށާއި، އެގޮތަށް އެކަން ކުރެއްވުމަށް ވަރަށް ގިނަ ތައްޔާރީތައް ވާން އެބަޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ތައްޔާރީތައް ވުމަށްޓަކައި، ސަރުކާރުން މިހާރު އެކަމަށް ވަކި ޚާއްޞަ ޓީމެއް އެކުލަވާލައްވައި، އެ ޓީމުގެ ބެއްލެވުމުގެ ދަށުން އެކަން ކުރިއަށް ގެންދަވާގޮތަށް ހަމަޖައްސަވަމުން ގެންދަވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ދެކުނު ޕްރޮވިންސްގެ ރައްޔިތުންނާއި މުޅިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް، މި ސަމިޓް ބޭއްވުމަށް ވެދެއްވެން އޮތް އެންމެހާ އެހީތެރިކަމެއް ވެދެއްވައި، އަދި އެކަމުގައި ބައިވެރިވެދެއްވެން އޮތް އެންމެ ފުޅާމިނެއްގައި ބައިވެރިވެދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ކާމިޔާބު ސަމިޓެއް ދެކުނުގައި ބޭއްވޭނެކަމަށް ޔަޤީން ކުރައްވާ ކަމަށާއި، މިއީ ސާކުގެ ސަމިޓެއް، ސަދަން ހެމިސްފިއަރގައި، އީކުއޭޓަރުން ދެކުނުގައި ބޭއްވޭ ފުރަތަމަ ފަހަރަށްވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއީ، ރާއްޖެއަށް ލިބޭ ވަރަށްބޮޑު ފަޚުރަކަށްވާނެ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވަމުން، މެލޭޝިޔާއަށް މިވަޑައިގަތީ، މެލޭޝިޔާ ސަރުކާރުން ދެއްވި ދަޢުވަތެއް ގަބޫލުފުޅުކުރައްވައި، މެލޭޝިޔާގައި ހިނގަމުންދާ އިސްލާމީ ޤައުމުތަކުގެ ވިޔަފާރިއާގުޅޭ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމުގައި ވިދާޅުވިއެވެ. މި ބައްދަލުވުމުގެ ތެރޭގައި، އިސްލާމީ ޤައުމުތަކުގެ ވަރަށްގިނަ އެންމެމަތީ ވެރިންނާ ބައްދަލުވެވަޑައިގެންނެވި ކަމަށާއި، ރާއްޖޭގައި ކަންކަން ކުރިއަށްދާގޮތާއި، ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިހުރި މައްސަލަތަކާއި، އެކަންކަމުން އަރައިގަތުމަށްޓަކައި، ހުރިހާ ޤައުމެއްގެ އެހީތެރިކަން ހޯއްދެވުމާބެހޭގޮތުން އެބޭފުޅުންނާ ވާހަކަފުޅު ދައްކަވާ ހެއްދެވި ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގެ ނަތީޖާވެސް ފެނިވަޑައިގަތީ ވަރަށް އުޖާލާކޮށް ކަމަށާއި، އިރާދަކުރެއްވިއްޔާ މި ދަތިތަކުން އަޅުގަނޑުމެން ސަލާމަތްވުމަށް، އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ވެދެއްވެންހުރި އެހީތެރިކަމެއް އެބޭފުޅުން ވެދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ ގެދޮރު އެޅުމުގެ މަޝްރޫޢުގައި މެލޭޝިޔާގެ ވަރަށް ބޮޑު ކުންފުންޏެއް ކަމަށްވާ ސައިމް ޑާބީ ބައިވެރިކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަންވެސް ހާމަކުރެއްވިއެވެ. މި ދަތުރުފުޅުގައި އެކުންފުނީގެ ވެރިންނާ ވާހަކަފުޅު ދެއްކެވި ކަމަށާއި، އެބޭފުޅުން އެކަމަށް ވަރަށްބޮޑު ޝައުޤުވެރިކަމެއް އެބަދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އިރާދަކުރެއްވިއްޔާ މެލޭޝިޔާ ކުންފުނީގެ ގެދޮރު އެޅުމުގެ މަޝްރޫޢުވެސް ލަސްތަކެއްނުވެ، ރާއްޖޭގައި ހިނގައިގަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ގަވާއިދުގެ މައްޗަށްވެސް ރައިސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި މިއަދު ބައްލަވާލެއްވިއެވެ. ި މިދިޔަ ވަޒީރުންގެ މަޖިލީހުގައި މި ގަވާއިދާ ގުޅޭގޮތުން ވަނީ މަޝްވަރާތައް ކުރައްވާފައި ކަމަށާއި، މަޖިލީހުން ނިންމެވީ މި ގަވާއިދަށް ބަންޑާރަ ނައިބާއި އަދި އިސްލާމިކް އެފެއާޒްގެ މިނިސްޓަރާ ދެބޭފުޅުން، ބައެއް ކުދިކުދި އިޞްލާޙު ގެންނަވައި، ދާދިއަވަހަށް އެ ގަވާއިދު ގެޒެޓް ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ.