މިއީކީ ދުށުން އެދުނު މޫނެއްނޫނެވެ

ފުނަމާ

އެމްޑީޕީއިން ވެރިކަން ބަދަލުކުރީ ރާއްޖޭގައިއޮތް އަނިޔާވެރި ވެރިކަމުގެ ވައްޓަފާޅި އެކަނި ބަދަލުކުރާކަށް ނޫނެވެ. ރައްޔިތުންގެ އެތަކެއް ގުރުބާނީއަށްފަހު އެމްޑީޕީ ވެރިކަމަށް އައީ އެތަކެއް ހިތްތަކުގެ ވިންދާ ގުޅިފައިވާ ކިތަންމެ ކަމެއް ރަނގަޅުމަގުން ގެންދިއުމުގެ އުންމީދު އާކޮށްދެމުންނެވެ. އެމްޑީޕީގެ ވެރިކަން ހިނގާއިރު ގުލްޒާރުގައި ނޫރާނީ މާތައް ފޮޅޭނެ ކަމުގައި އަދި ބުލްބުލްތަކާ ކޮކާތަކާ އެކުވެގެން އުފާވެރި ކަމުގައި އުޅުމުގެ ހިތްގައިމު މެސެޖު އެންމެހާ ރައްޔިތުންނަށް ދެމުންނެވެ. އަޅުގަނޑުމެން މިމެސެޖު ދިނީކީ ހަމައެކަނި އަޅުގަނޑުމެންނާއި ބައިވެރިވެ އިސްލާހަށް މަސައްކަތްކުރި މީހުންނަކަށް ނޫނެވެ. އަޅުގަނޑުމެންގެ ވާދަވެރީންނަށްވެސް އަޅުގަނޑުމެން އައީ މިމެސެޖު ދެމުން ވައުދު ވަމުންނެވެ.
ހިތުއެޅިގޮތަށް ރާއްޖޭގައި ޒަމާނުއްސުރެ ހިންގަމުންއައި ޚުދުމުޚުތާރު ވެރިކަން އެމްޑީޕީއިން ބަދަލުކޮށްލައިފިއެވެ. ޒަމާންތަކަށް ބަންދުކުރެވި ދަބަރުޖަހާފައިވާ ސިކުނޑިތަކަށް ނުވިސްނުނު ނަމަވެސް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަބަޔަކުތިބީ މިބަދަލުވުމާ އެއްކޮޅަށެވެ. ހިތްތަކުގައި ނިވެމުންދިޔަ ހުޅުކޮޅު އާރޯވެ ހުޅުދާންވެގެން ދިއުމުން މިގެނެވުނު ބަދަލާއެކު އެމްޑީޕީން ކޮށްފައިވާ ވައުދުތައް ފުއްދުމަށް އަވަސްވެ ގަތެވެ. ރައްޔިތުންގެ މަރުވެފައިވާ ކިތަންމެ އުންމީދުތަކެއް އާކޮށްދިނުމަށް އަވަސްވެގަތެވެ. ވަޔާތަޅާލާފައި އޮތް ކުޅަނދުރު ހަތައެއްހެން ހުސްވެފައި ރާއްޖޭގެ ބައިތުލްމާލު އޮތްއިރު، މުޅިދުނިޔެ އިގްތިސާދީ ވަޅުގަނޑެއްގެ ތެރޭގައި އިނދަޖެހެމުން ދިޔައިރުވެސް ރައްޔިތުން މާޔޫސްނުކޮށް އެތައް ކަމެއް ކޮށްދިނުމަށް ވަގުތުތައް ކަނޑައަޅަމުން ދިޔައެވެ. ކުރީގެ ސަރުކާރުގެ މުއައްޒަފުންގެ ގޮތުގައި މާނަކުރެވުނު ސިވިލްސާވިސްގެ މުއައްޒަފުން މަސްހަމަވުމުން ނަގާ މުސާރަ ކަންމަތީ ފިހާރައަށް އެކުގައި ދޭދިނުން ހުއްޓުވުމަށް 60 އިންސައްތައިން މުސާރަ ބޮޑުކޮށްދިނުމުގެ އިތުރުން ދުވަސްވީ މުސްކުޅީންނަށް ޚާއްސަ އިނާޔަތެއް ކަނޑައަޅައި ދޭންފެށިއެވެ. އެންމެހާ ރައްޔިތުންނަށް އެއްހަމައެއްގައި އަތްފޯރާ ފަށަށް މަދަނަ ގެނެސްދިނެވެ. ވެރިމީހާ ކައިހުސްކުރުމަށް ކަނޑައަޅާ އެތައް ސަތޭކަ މިލިއަން ރުފިޔާ އުނިކޮށްލައި އެއިން ބާކީކޮށް ރައްޔިތުންގެ އުދާސްތައް ފިނިކޮށްދެވޭތޯ ބަލަމުން ގެންދާން ފެށިއެވެ. މުޅިރާއްޖޭގައި އެއިރަކު ހިތުހުރިވަރަކަށް އަގުނަގަމުން ގެންދިޔަ ކަރަންޓުގެ ޚިދުމަތުގެ އަގު އަތްފޯރާ ފަށަށް ގެނައުމަށް ޔުޓިލިޓީސްތައް ހަދައި ހިންގާން ފެށިއެވެ. ބަލަބަލައި ތިއްބައި އެތަކެއް ރަށުގެ ބަނދަރާއި ނަރުދަމާ ނިންމައި ރައްޔިތުންގެ ހިއްތަކަށް ހަމަޖެހުން ލިއްބައިދިނުމަށް މަސައްކަތް ކުރަމުން ދިޔައިރު މުޅިރާއްޖޭގައި މަދުވެގެން ދިހަވަރަކަށްހާސް ހައުސިންގ ޔުނިޓު އަޅައިދޭނެ ކަމުގައި ސަރުކާރުން ބުނެ އެކަންވެސް ފަށައިގަތެވެ. އެތަކެއް އެއަރޕޯޓުގެ މަސައްކަތް ހަލުވިކޮށް ނިންމޭތޯ ސަރުކާރުން އެގެންދަނީ މަސައްކަތް ކުރަމުންނެވެ. ކުރީން ދޮޅުހާހާ ، ދެހާހުން މަތީގައި އެއްރަށުން އަނެއް ރަށަށް ކުރަމުންއައި ދަތުރުތައް މިއަދު އެންމެ ދިހައެއް ނުވަތަ ވިހިރުފިޔާއިން ނިންމާލާ އެތަކެއްހާސް ރައްޔިތުން މިއަދު އެބަތިއްބެވެ. އެކަމަކުވެސް ކަންކަން ފެންނާނީ ހަމަލޮލުން ބަލާލިއްޔާތާއެވެ. މިނޫނަސް ކިތަންމެ ކަމެއް މިހެން ކިޔަން އެބަހުއްޓެވެ. ރާއްޖޭގެ ޔުނިވަރސިޓީ އިން ފެށިގެން އިސްލާމީ ބެންކާއި ހަމަޔަށް ރައްޔިތުންގެ އަތާއި، ފައި މިއަދު އެބަފޯރައެވެ. މިއިންކަމެއްގައި ވަކިއާއިލާއެއް ، ވަކިޕާޓީއެއް ތަފާތުކުރުމަކާ ނުލައެވެ.
މިހުރުހައި ކަމެއް އެއްކައިރީގައި ބާއްވާފައި ބަލާލާއިރު ފެންނަ އެންމެ އުފާވެރި މަންޒަރަކީ މީގެކުރީން ރާއްޖޭގެ ވެރިކަމުން ވަކިވެގެންދާ މީހުންނާއި އެމީހުންގެ އެކުވެރީންނާއި އާއިލާތައް މަގުމައްޗަށްނެރެ ގަންހިންގަމުން ގެންދިޔަ ގެންދިޔުން މިސަރުކާރުން މުޅީން ނައްތާލުމަށް ކުރަމުން ގެންދާ މަސައްކަތެވެ. މިއަދުވެސް ރާއްޖޭގެ ރައްޔިތުންގެ މެދުގައި ވޯޓެއްނަގައިގެން ކުރީގެ ވެރިމީހާއަށް އަދަބުދޭން ޖެހޭތޯ ބަލައިފިނަމަ ހަތަރެސްފައި ކަނޑާ ކަނޑު ފައްތާންވެސް ގިނަބަޔަކު ބޭނުންވާނެއެވެ. ނަމަވެސް އަދުގެ ރައީސްމީހާ މިކަމާ މުޅީން އިދިކޮޅެވެ. ކުރީގެ ވެރިމީހާގެ ފުށުން ލިބިފައިވާ އަނިޔާތަކުގެ އަސަރު ހަށިކޮޅުން ނުފިލައި ހުރިހިނދުގައިވެސް މެއެވެ. އަލުގަނޑުމެން އެކަމަށް ބާރުދީ ނިންމައިގެން މިތިބީ ކުރީގެ ވެރިމީހާގެ މޫނު ހިންހަމަ ޖެހި ޝުކުރުވެރި ކަމާއެކު އަޅުގަނޑުމެންނަށް ދައްކައިގެން ބާކީ އުމުރު އަޅުގަނޑުމެންނާއި އެކު ވޭތުކުރާނެ ކަމުގައެވެ. އުފާވެރި މަހެފިލްތަކުގައި އަޅުގަނޑުމެންވެސް ހިތްކުޑައިނުކޮށް އެމޫނުދެކިލައިގެން ތިބުމަށެވެ. ތިރީސްއަހަރުގެ ވެރިކަމުގައި ރަނގަޅުކަމެއް ކުރެވިފައިވާނަމަ އެކަމެއް އަޅުގަނޑުމެންނާއެކު ހިއްސާކޮށް އެކުވެރިކަމާއެކު ހިތްހެޔޮކޮށްގެން އުޅެފާނެ ކަމުގައެވެ. މުބާރާތްތައް ޝަރަފުވެރި ކުރުމުގެ އިތުރުން ހެޔޮލަފާ ކަމާއެކު ރާއްޖޭގެ މިވެރިކަމުގެ ފަރާތުން ފޮނުވޭ މަންދޫބެއްގެ ހައިސިއްޔަތުންވެސް ގައުމުތަކަށް އުދުހި އުޅޭނެ ކަމުގައެވެ. ނަމަވެސް ހިތާމަޔަކީ މިކަން ދިމާ އިދިކޮޅަށް މިއަދު އަޅުގަނޑުމެން ދެކެން ޖެހިފައިވާކަމެވެ. ނުބައިކަމުގައި ހައްދުފަހަނަޅައިގޮސް މުޅިގައުމު ހަލާކުގެ ތެރެއަށް ވައްޓާލުމުގެ ހިޔަޅުކަމުގައި އެމީހާ އެދަނީ ވަމުންނެވެ. ރައްޔިތުންގެ ފައިސާއިން އުނގުފުރައިގެން މިއަދުވެސް މިމުޅި ގައުމު އެދަނީ ފަސާދަ ކުރަމުންނެވެ. ރައްޔިތުންނާއި ސަރުކާރާ ދެމެދު ފިތުނަކޮށް އަދި ނުވިތާކަށް ތިމާއަށް މަދަދުދޭން ތިބި މީހުންގެ ތެރެވެސް ފަސާދަ ކުރަމުންނެވެ. އުމުރުގައި ދެދުވަސް ބާކީއޮތް ނަމަވެސް އަލުން އަނބުރައި ވެރިކަމަށް އައިސް އޭނާ ވެރިކަމުންބޭލި ދިވެހި ރައްޔިތުންގެ ލޭބޮއިގެން ނޫނީ އަލާފިލާން ނެއްކަމުގައިހީވެ ތެޅިފޮޅެމުންނެވެ. މުޅިދިވެހި ދައުލަތް ހުއްޓުވާލަން އެހެރަގެން ފިލާހުރެ ރޭވުންތައް ރާވަނީއެވެ. މުޅިގައުމުގައި ހުޅުޖަހަނީއެވެ. ފިސާރި ތެދެކެވެ. ދިވެހީންނަކީ ތޫނުފިލި ހިއްވަރުގަދަ ބައެކެވެ. ޕޯޗުގީޒުންނާއި މަލާބާރީންނާއި ހޮޅީންގެ ދުއްތުރާތަކުން މިރާއްޖެ ސަލާމަތްކުރި ކާބަފައިންގެލޭ އަހަރެމެންގެ ގައިގައި އެބަމިހާރުވެސް ހިނގައެވެ. މާޒީގައި ރައްޔިތުންނަށް އަނިޔާވެރިވި ވެރީންނަށް ކަންކުރިގޮތް މިއަދުވެސް ލިޔެވި ފެންނާން އެބައޮތެވެ. އަހަރެމެންގެ ކެއްތެރިކަމަކީ ކޮޅުންނުލާނެ އެއްޗެއް ކަމުގައި ނުހިތާށެވެ. މިއަދު ތިޔަދައްކަނީ އަހަރެމެން ދުށުން އެދުނު މޫނެއް ނޫނެވެ. އިސްލާހުވެ ހޭވެރިކަން ނުވާނަމަ އަހަރެމެންނަށް މިނޫން ވިސްނުމަކަށް ދާންޖެހިދާނެއެވެ. އެހެންނަމަވެސް އެއިރުން އަހަރެމެންވެސް ވާނީ އަނެއްކައި މާޟީގެ ކަޅުސަފުހާތަކައިގެން އެނބުރިދާންޖެހޭ ބަޔަކަށެވެ. އެކަމަކު ހެވޭބުނެ ތެދުވަން މަޖުބޫރު ނުކުރާށެވެ