އިބްރާހީމް ރާމިޒް
ކުރީގެ ރައީސް މައުމޫނަށް ވާގިވެރިވާ ރައްޔިތުންގެ މަޖިލީހުގެ މަދު މެންބަރުން ކޮޅެއްގެ ސަބަބުން ރައްޔިތުންގެ މަޖިލިސް ހުއްޓިފައިވާތީ، އެކަމާ ދެކޮޅަށް އިހުތިޖާޖުކުރުމަށް، ގައުމީ ބޮޑު މުޒާހަރާއަކަށް މާލެ އައުމަށް އެޕާޓީގެ މެންބަރުންނަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ގޮވާލައި ގަރާރެއް ފާސްކޮށްފިއެވެ.
ދަރުބާރުގޭ ދޮށިމޭނާ މާލަމުގައި މިއަދު އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި މިކަމަށް ގޮވާލެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް ހުށަހަޅުއްވައި، ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ރަޝީދު ތާޢީދުކުރެއްވި، “މަޖިލިސް ހުއްޓުވާ މައްސަލަ ހައްލުކުރުމާއި ބެހޭ” ގަރާރުންނެވެ.
މިއަދުގެ ކުއްލި ބައްދަލުވުމަށް ވަޑައިގެންނެވި 60 މެންބަރުންގެ ތެރެއިން 58 މެންބަރުންގެ ތާޢީދާ އެކު ފާސްވި މި ގަރާރުގައިވާ ގޮތުން ” މއ. ކިނބިގަސްދޮށުގޭ މައުމޫން ޢަބްދުލް ޤައްޔޫމް، މިރާއްޖޭގައި ޚުދުމުޚުތާރު އަނިޔާވެރި ވެރިކަމެއް ހިންގަމުންދަނިކޮށް، އެމްޑީޕީގެ އިސްނެގުމަށް މިރާއްޖޭގެ ރައްޔިތުން ނުކުމެ މުޒާހަރާކޮށް 3 ބާރު ވަކިވެފައިވާ ގޮތަށް، މިރާއްޖޭގެ ޤާނޫނު އަސާސީ އިސްލާހުކޮށް، ޑިމޮކްރެޓިކް ވެރިކަމެއް މިރާއްޖޭގައި ޤާއިމްކޮށް، ބާރުތައް ވަކިވެގެންވާ ސިޔާސީ ނިޒާމަކަށް މިރާއްޖޭގެ ވެރިކަން ބައްޓަންކޮށް ހެޔޮވެރިކަމެއް ހިންގަމުން ދަނިކޮށް، މިރާއްޖޭގެ ތިން ބާރުގެ ތެރެއިން އެއް ބާރުކަމަށްވާ ރައްޔިތުންގެ މަޖިލިސް، މައުމޫނަށް ތާއީދުކުރާ މަދު މެމްބަރުންކޮޅެއް ހައިޖެކްކޮށް މިމުޥައްސަސާ ހިންގިޔަނުދީ ހުއްޓުވައި، ރާއްޖޭގެ ރައްޔިތުންނަށް ގޮންޖަހަމުން ދާތީ، މައުމޫން ރައްޔިތުންނަށް މިގޮތަށް ގޮންޖަހައި، އަދި މައުމޫނުގެ ވަކިތަކުގެ ދަށަށް މިރާއްޖެ ގެންނަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު މައުމޫނުގެ މިއަނިޔާވެރި ޚުދުމުޚްތާރު ވަކިތަކުން މިރާއްޖެ ސަލާމަތް ކޮށްދޭން ކެރިގެން މަސައްކަތްކުރާ ސިޔާސީ ޕާޓީއަކަށް އެމްޑީޕީ ވީހިނދު، މިހާރު މިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ހައިޖެކްކޮށްގެން މައުމޫނު ރައްޔިތުންނާ ދެކޮޅަށް މިހިންގާ ޖަރީމާއާއި ދެކޮޅަށް، މިޕާޓީގެ ހުރިހާ ދާއިރާއަކުން މާލެއައިސް މިކަން ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށެވެ.”
އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ރިޔާސަތު ބެލެހެއްޓެވި މި ކުއްލި ބައްދަލުވުމަށް މޫސަ ފިޔަވައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އެހެން އެއްވެސް މެންބަރަކު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެ ބޭފުޅުން އަދިވެސް ތިއްބެވީ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ކުރިޔަށް ގެންދިއުމަށް ގޮވާލާ އިޙުތިޖާޖު ކުރުމުގައެވެ.