ސަރުކާރުން ފޯރުކޮށްދޭ އިނާޔަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މެދުވެރިއަކަށް ވެ ދިނުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ކިބައިން އެ ޕާޓީގެ ޗެއަރޕާސަން އެދިވަޑައިގެންފި

އިބްރާހީމް ރާމިޒް

moosa-shiyama-450-x-338

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ މަދަނައާއި ސަބްދިޑީ އާއި އެެހެނިހެން އިނާޔަތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މެދުވެރިއަކަށް ވެ ދިނުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހަުގެ ކިބައިން އެ ޕާޓީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު އެދިވަޑައިގެންފިއެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫޙްގެ ރައީސާ ޝިޔާމާ އަޙުމަދު އާއި އެކު އެ ޕާޓީގެ މައި އޮފީހުގައި މިއަދު ހެނދުނު އެމްޑީޕީގެ ޗެއަރޕާސަން ބޭއްވި ބައްދަލުވުމުގައި މޫސަ ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ދޭ އިނާޔަތްތައް ފޯރުކޮށްދިނުމުގައި، ޚާއްސަކޮށް ރަށްރަށުގައި ވަރަށް ބޮޑެތި ދަތިތަކެއް ހުރިކަން އެމްޑީޕީ އަށް ފާހަގަކުރެވިފައިވާ ކަމަށާއި، މި ކަމަށް ހައްލެއް ގެނައުމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުން އިސްނަގައިގެން މަސައްކަތްކޮށްދެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
” މި އޯގާތެރި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ތަފާތު އެކި އިނާޔަތްތައް ފޯރުކޮށްދިނުމުގައި ވަރަށް ބޮދު ދަތިތަކެއް އެބަހުރިކަން އެމްޑީޕީއަށް ވަނީ ފާހަގަކުރެވިފަ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އެމްޑީޕީން ކުރިކަމުގައި ވިޔަސް ސިޔާސީ ކަމަކަށް ނުހައްދަވައި، އިޖުތިމާޢީ ކަމެއްގެ ގޮތުގައި ބައްލަވައިގެން، ވަކި ޕާޓީ އެއްގެ ވަކު ކުލަ އެއްގެ މީހަކަށް ބެލުމެއްނެތި މިފަދަ އިނާޔަތްތައް ލިބުނުގައި ހުރި ދަތިތައް ހައްލުކުރުމުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުން އެހީތެރިވެ ދިނުން. (އެމްޑީޕީ) އަންހެނުންގެ ރޫހުން އިސްނަގައިގެން ރަށްރަށަށް ގުޅުއްވާ މަދަނަ، ސަބްސިޑީ ފަދަ އިނާޔަތްތައް ލިބުމުގައި ހުރި ދަތިތައް އޮޅުން ފިލުވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް.” މޫސަ ވިދާޅުވިއެވެ.
މޫސާ މަނިކު އިތުރަށް ވިދާޅުވީ މިއަންނަ ރަމަޟާން މަސް ފެށެންވާއިރަށް ރަށްރަށުގައި ހުރި މިފަދަ މައްސަލަތައް ދެނެގަނެވި، އެ ފަރާތްތަކަށް އިނާޔަތްތައް ފޯރުކޮށްދެވޭނޭ މަގު ފަހިކޮށްދިނުމަކީ އެމްޑީޕީން ވަރަށް އިސްކަންދޭ ކަމެއް ކަމުގައެވެ. އަދި އެކަމަށްޓަކައި އަންހެނުންގެ ރޫހުން ވަރަށް ބުރަކޮށް މަސައްކަތް ކޮށްދެއްވުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ މެންބަރޝިޕް ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމުގެ ކުރިން އެ ފޯމުތައް ވަރަށް ރަގަޅަށް ޗެކު ކުރަން ޖެހޭތީ އެ މަސައްކަތުގައި ވެސް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ އެހީތެރިކަމަށް ޗެއަރޕާސަން އެދިވަޑައިގެންނެވިއެވެ.އަދި މި 2 މަސައްކަތަކީ ވެސް ދާއިމީކޮށް އަންހެނުންގެ ރޫހުން ކުރަމުންގެންދާ މަސައްކަތެއްގެ ގޮތުގައި ހައްދަވައިދެއްވުމަށް ވެސް މޫސާ އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޝިޔާމާ ދެއްކެވި ވާހަކައިގައި، މިހާރުވެސް އެމްޑީޕީގެ އަންހެނުންގެ ރޫހުން އިސްނަގައިގެން މަދަނައިގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ ކަމަށް ވިދާޅުވިއެވެ.