ރައީސުލްޖުމްހޫރިއްޔާ، ފޮރިން އެންޑް ކޮމަންވެލްތް އޮފީހުގެ ސްޕެޝަލް ރެޕްރެޒެންޓެޓިވް ފޮރ ކްލައިމެޓް ޗޭންޖާއި، ބްރިޓިޝް ޑެޕިއުޓީ ހައިކޮމިޝަނަރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީހުގެ ސްޕެޝަލް ރެޕްރެޒެންޓެޓިވް ފޮރ ކްލައިމެޓް ޗޭންޖް، ޖޯން އެޝްޓަންއާއި، ބްރިޓިޝް ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރ މިސްޓަރ މާކް ގުޑިންގއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށްޓަކައި އެކުލަވާލެވިފައިވާ އެކިއެކި މަޝްރޫޢުތައް ހިންގާނެ ގޮތްތަކާ ބެހޭގޮތުންނެވެ. ޚާއްސަ ގޮތެއްގައި، ތަރައްޤީގެ މަސައްކަތްތަކުގައި ވީހާވެސް މަދުން ކާބަން ބޭނުންކުރާނެ ގޮތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުން އަސަރު ނުކުރާނެފަދަ އިޤްތިޞާދެއް އުފެއްދުންފަދަ ކަންކަމަށް ފައިސާ ހޯދާނެ ގޮތްތަކާ ބެހޭގޮތުންވެސްމަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށްޓަކައި ކޮމަންވެލްތްގެ ފަރާތުން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި، ދެއްވާ އެއްބާރުލެއްވުމަށްޓަކައި، ކޮމަންވެލްތަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާ ބެހޭގޮތުންނާއި، ޚާއްޞަ ގޮތެއްގައި ރާއްޖޭގައި ކުރިއަށްދާ ތިމާވެށްޓާ ރައްޓެހި ގޮތުގައި ހަކަތަ އުފެއްދުމުގެ މަޝްރޫޢާބެހޭ މަޢްލޫމާތު ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޑިމޮކްރަސީ ނިޒާމު ހަރުދަނާ ކުރެއްވުމަކީ، ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ވިދާޅުވެ، މިކަމުގައި ކުރިމަތިވެފައިވާ ބައެއް ދަތިތައް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، މިބޭފުޅުންނާ މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ތިމާވެށި ހިމާޔަތްކުރުމަށްޓަކައި މިއަހަރުގެ ސާކް ސަމިޓުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމެވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ބްރިޓިޝް ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީ ޤާއިމްކުރެވި، އެ ޑިމޮކްރަސީ ހަރުދަނާ ކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގައި ކުރިޔަށް އޮތްތާނގައި ވެދެއްވެން އޮތް އެހީތެރިކަމެއް ރާއްޖެއަށް ވެދެއްވަން ތައްޔާރަށް ހުރި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް އައިސްފައިވާ ހެޔޮ ބަދަލު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މަޙްމޫދު ރާޒީއާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު އިނާޒާއި، މިނިސްޓަރ ސްޓޭޓް ފޮރ ހައުސިންގ އެންޑް އެންވަޔަރަންމަންޓް އަކްރަމް ކަމާލުއްދީން ބައިވެރިވަޑައިގެންނެވިއެވެ.