މެލޭޝިޔާގައި ކިޔަވާ ދިވެހި ކިޔަވާކުދިންގެ އިތުރުން މެލޭޝިއާގެ ބައެއް ވިޔަފާރިވެރިންނާ ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރައްވައިފި

20 މެއި 2010

މެލޭޝިޔާގައި ކިޔަވަން ތިބި ދިވެހި ކުދިންންގެ އިތުރުން މެލޭޝިއާގެ ވިޔަފާރިވެރިންގެ ވަފްދަކާ، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
މެލޭޝިޔާގައި ތިބި ދިވެހި ކިޔަވާކުދިންނައެކު ރައީސް ބޭއްވި ބައްދަލުކުރެއްވުން އޮތީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެކުދިންނާ ބައްދަލުކޮށްލެއްވުމަކީ އެމަނިކުފާނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެކުދިންނަށް ލިބިފައިމިވާ ފުރުސަތުގެ ބޭނުން ފުރިހަމައަށް ހިފުމަށް އިލްތިމާސް ކުރެއްވިއެވެ. މީގެ އިތުރުން، އެ ކުދިންގެ ހާލު އައްސަވައި ކިޔެވުމުގެ ކަންތައްތައް ކުރިއަށްދާގޮތާ ބެހޭގޮތުން ސުވާލު ކުރައްވައި އެކުދިންނަށް ދިމާވާ ދަތިތަކަކީ ކޮބައިތޯ ރައީސުލްޖުމްހޫރިއްޔާ ބެއްލެވިއެވެ.
މެލޭޝިޔާގެ ވިޔަފާރިވެރިންގެ ވަފްދާއެކު ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދިވެހި ވިޔަފާރިވެރިންގެ ވަފްދެއްވެސް ބައިވެރިވިއެވެ. މިވަފްދުގައި އެސް.ޓީ.އޯ.އާއި މިފްކޯގެ އިސްބޭފުޅުންވެސް ހިމެނިވަޑައިގެންނެވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރު ދާއިރާތަކުގައި ބަދަހިވަމުން ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެ ވަނީ ވިޔަފާރީގެ އެކިދާއިރާތަކަށް ހުޅުވާލެވިފައި ކަމަށް ވިދާޅުވެ، މެލޭޝިޔާގެ ވިޔަފާރިވެރިންނަށް ރާއްޖޭގެ ވިޔަފާރީގައި އިންވެސްޓް ކުރެއްވުމަށް ދަޢުވަތު ދެއްވިއެވެ. އަދި، މެލޭޝިޔާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތަކާބެހޭ މަޢްލޫމާތު ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.