ރައްޔިތުންގެ މަޖުލީހުގެ މެންބަރަކު މަޖުލީހުގެ ތަޅުމުން ނެރެވިދާނެތަ؟

ފުނަމާ

majlis-kuraage

ރައްޔިތުންގެ މަޖުލީހުގެ ތަޅުމުގައި އެމަޖިލީހުގެ މެންބަރަކު ރިޔާސަތުގެ އަމުރާ ޚިލާފުވެ މަޖިލީސް ކުރިއަށް ގެންދިއުން ހުއްޓުވުމަށް މަސައްކަތް ކުރާހިނދެއްގައި ރިޔާސަތުން އެމެންބަރަކަށް އެކަން ނުކުރުމަށް ތަކުރާރުކޮށް އެންގުމުންވެސް އެކަމެއް ނުހުއްޓައިފި ހިނދެއްގައި އެމެންބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ފޮނުވާލުމުގެ ބާރު މަޖިލީހުގެ ރައީސްއަށް މަޖިލީހުގެ ގަވާއިދުގެ 54 ވަނަ މާއްދާއިން ލިބިފައިވާކަން އެނގޭން އެބައޮތެވެ. އަދި މިކަމަކީ މި 17ވަނަ ރައްޔިތުންގެ މަޖިލީސް ބަލަމުން ގެންދާ އެއްވެސް މީހަކަށް އޮޅިފައި އޮންނާނެ ކަމެއްވެސް ނޫނެވެ. މެންބަރެއްގެ ނަން އިއްވައި މަޖިލީހުގެ ޖަލްސާ ދޫކޮށް އެމެންބަރަކު ނުކުތުމަށް ގަވާއިދުން އެންގުމުން އެމެންބަރަކު ޖަލްސާ ދޫކޮށް ނުކުތުން ލާޒިމްވެއެވެ. ހަމައެހެންމެ އެމެންބަރަކު ތަޅުމުން ބޭރަށް ނުނިކުންނަހާ ހިނދަކު ޖަލްސާ ކުރިއަށް ގެންދެވޭކަށް ނޯވެއެވެ.
މަޖިލީސް ހުއްޓުވުމުގެ އޮއިވަރެއްފެށި ބައިބަހައިގެން އެކަން ކުރަމުން ގެންދާ ދުވަސްވަރެއްގައި ދައުލަތުގެ ގާނޫނުހަދާ ބާރު މުޅީން ހުއްޓި ރައްޔިތުން މިވަގުތު މިތިބީ ސުވާލު މާކެއްގެ ތެރޭގައެވެ. ދައުލަތުގެ ބާރެއް ގާނޫނީ ހަމަޔަކާ ނުލައި ހުއްޓުވައި މަރުތަޅު އެޅުވިދާނެތޯ ، މިއީ މިއަދު ކޮޮންމެމީހަކުވެސް ކުރަމުން ގެންދާ ސުވާލެކެވެ. މެންބަރުން ތަކެއްވެގެން ނުވަތަ ވަކިމެންބަރަކުވިޔަސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހުއްޓުވާނަމަ އެކުރެވެނީ ގާނޫނީ ކުށެކޭ ބުނެވިދާނެ ހެއްޔެވެ؟ މަޖިލީހުގެ ގަވާއިދަކީ މަޖިލީހުގެ މެންބަރުން ހަދާ އެއްޗަކަށް ވާއިރު މަޖިލީހުގެ މެންބަރަކުކުރާ އެއްވެސް ކަމެއްގެ ސަބަބުން އެމެންބަރުން ކުށްވެރި ނުވާނޭ ކަމުގައި އަދި ، ކިއެއްތަ އެމީހުން ކުރާ އަމަލެއްގެ ސަބަބުން ފާފަވެރިވެސް ނުވާނޭ ކަމުގައި އަމިއްލައަށް ލިޔެވިދާނެއެވެ. އެކަމަކު އެކަން އެހެން ވާނެހެއްޔެވެ؟ މުޅިގައުމުގެ އެންމެމުހިންމު އެއްބާރު ހުއްޓުވާލުމުގެ ހައްގެއް ބާރެއް އެއްވެސް ބައެއްގެ އަތުގައި އޮތުމަކީ ހަމައެކަކުވެސް ގަބޫލުކުރާނެ ކަމެއްނޫނެވެ. ނަމަވެސް ތަކުރާރުކޮށް އެކަން މިއަދުމިދަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފެންނަމުންނެވެ. ކޮންމެ ދުވަހެއްގެ ޖަލްސާވެސް ހުއްޓުވާނެ ކަމުގައިބުނެ އިންޒާރުދީ އަދިމިކަމަށް އެއްބާރުލުން ދިނުމަށް ރައްޔިތުން މަޖިލީހުގެ ގޭދޮށަށް އެއްވުމަށް ކޮންމެދުވަހަކުވެސް އެސްއެމްއެސް ތަކެއްވެސް ބައެއްފަރާތްތަކަށް ދަނީ ލިބެމުންނެވެ. މިފަދަ އެސްއެމްއެސް ތަކުގައި ލިޔެފައި އޮންނަނީ މަޖިލީސް ހުއްޓުމަށް ޒެޑުޑީއާރުޕީގެ މެންބަރުން ކުރަމުން ގެންދާ މަސައްކަތަށް ތާއީދުކޮށް ހިތްވަރު ދިނުމަށް މަޖިލިސްކުރާ ގޭގެދޮށަށް ވީހާގިނަބަޔަކު އެއްވުމަށެވެ. މިއީ ސުވާލުއުފެދޭ ކަމެކެވެ. ރާއްޖޭގައި މިއޮތްފަދަ ޑިމޮކްރަސީ ތަކުގައި ކަންކަމާ އިހުތިޖާޖުކޮށް ރައްޔިތުން އެއްވުމަކީ އާންމުކަމެކެވެ. ނަމަވެސް މަޖިލީހުގެ ތެރޭގައި ޒެޑުޑީއާރުޕީއެއް އޮންނަކަން ރަސްމީގޮތުން އަދި މިހާތަނަށް އެމަޖިލީހުން ދިވެހި ރައްޔިތުންނަށް އަންގާފަކާ ނުވެއެވެ. އަދި އެބުނާ ޒެޑަކަށް އެއްވެސް މެންބަރަކު އިންތިޚާބުކުރެވިފައި ވާކަމެއް މިހާތަނަކަށް އެނގޭކަށްވެސް ނެތެވެ. އެހެންކަމުން ސުވާލަކީ އެބުނާ ޒެޑުޑީއާރުޕީއަކަށް އެމަޖިލީހުގެ ތަޅުމަށް ވަދެވެނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ ޖަވާބުވެސް އެބައޮތެވެ. އެބުނާ މެންބަރުންނަކީ މަޖިލީހަށް އެހެން ނަމެއްގައި ހޮވިގެންވަދެ މިއަދު ރާއްޖޭގެ ގާނޫނުއަސާސީއަށް ގޮންޖަހައިފައި ގާނޫނާ ޚިލާފަށް ސިޔާސީ ޕާޓީއެއް ހަދައިގެން އުޅޭކަމުގައި ބުނާ ބައެކެވެ. މިހެން މިދަންނަވަނީ މިހާތަނަށް ޒައީމުޑީއާރުޕީ ގެ ނުވަތަ ޒެޑުޑީއާރުޕީގެ ނަމުގައި އެއްވެސް ފަރާތަކަށް ސިޔާސީ ޕާޓީއެއް ހެދުމުގެ ހުއްދަ އެކަމާ ގާނޫނީ ގޮތުން ހަވާލުވެއޮތް އެލެކްޝަންސް ކޮމިޝަނުން މިހާތަނަށް ދީފައި ނުވާތީއެވެ. ބައެއްމީހުން ބުނާގޮތުން މިމީހުންނަކީ ގާނޫނީ ގޮތުން އުފެދިފައިވާ ސިޔާސީ ޕާޓީއެއްގެ ހައްގުތަކެއް ފޭރިގަނެގެން ގަދަކަމުން އުޅެމުންގެންދާ އަދި، ސިޔާސީ ޕާޓީއެއް އުފެއްދުމުގެ އެއްވެސް ގާބިލުކަމެއް އަމުދުންނެތް މީހެއްގެ ފަހަތުގައި އެތުރިގެން ތިބި ރައްޔިތުންގެ އެއްވެސް ތާއީދެއްނެތް ބައެކެވެ. އެހެންކަމުގައިވާނަމަ މިއަދު މިފަރާތްތަކުން އެހިންގަމުން ގެންދާ އަމަލުތައް ސިފަކުރާނީ ކިހިނެއްހެއްޔެވެ؟ ގާނޫނާ ޚިލާފު އަމަލެއްގެ ގޮތުގައި ހެއްޔެވެ؟ ނުވަތަ ދިވެހިދައުލަތް ހުއްޓުވާލާ މިގައުމަށް ބަޣާވާތެއް ގެންނާންއުޅޭ ބާޣީންތަކެއްގެ ގޮތުގައި ހެއްޔެވެ؟ މިއިން ކޮންމެ ގޮތެއްގެ ތެރެއަށް މިމީހުންގެ ގިންތި ފެތިގެން ދިޔަޔަސް ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން ކަމުގައިވިޔަސް މިމީހުން ހުއްޓުވުމަކީ ދައުލަތުގެ ތިންބާރުގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މަޖިލީހުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ޚާއްސަކުރެވިގެން ސާޖަންޓު އެޓް އާމްސް މިނަމުގައި މަގާމެއް އުފައްދައި އެމަގާމަށް މީހަކު ލުމަކީ މަޖިލީހުން ކުރާންޖެހޭ ކަމަކަށްވާއިރު އެކަން މިއަދާހަމައަށް ނުކުރެވި އޮތުމަކީ އެމަޖިލީހުގެ އިހުމާލެއްކަމުގައި ވެދާނެއެވެ. އެހެންނަމަވެސް އެމަގާމުގައި މީހަކުނެތުމަކީ މަޖިލީހުގެ ގަވާއިދު ނުހިންގި މަޖިލިސް ހުއްޓުމަށް ސަބަބެއް ކަމުގައި ވާކަށް ނުޖެހެއެވެ. އެހެންކަމުން ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން ކަމުގައިވިޔަސް ރައްޔިތުންނަށްޓަކައި ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދިއުމަކީ އެމަޖިލީހުގެ ރައީސްއަށް އޮތް ވާޖިބެކެވެ. މަޖިލީހުގެ ޖަލްސާގައި ހާޟިރުވެ އިނުމަށް ހުއްދައޮތް މީހަކުފިޔަވައި ، އެނޫންމީހަކު ޖަލްސާ ހިނގަމުންދާ ވަގުތު ޖަލްސާކުރާ މާލަމުގައި ނުބެހެއްޓުމަކީ މަޖިލީހުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ ބ އިން ސާޖަންޓް އެޓް އާމްސް އަށް ލިބިދީފައި ބާރެކެވެ. ވީއިރު ސުވާލަކީ މަޖިލީހުގެ ޖަލްސާއެއްގައި ގަވާއިދުން ނަންއިއްވައި މަޖިލިސް ދޫކޮށް ނުކުތުމަށް މެންބަރަކަށް އެންގުމުން އެމެންބަރަކީ ހިނގަމުންދާ ޖަލްސާގައި އިނދެވޭނެ މީހެއްހެއްޔެވެ؟ ނޫންކަމުގައި ވާނަމަ އެމެންބަރަކު މަޖިލީހުގެ ތަޅުމުން ބޭރަށް ނެރެން އެބަޖެހެއެވެ. ތިމަންނާއަކީ މެންބަރެކޭ ގަޔަކު އަތެއްނުލެވޭނެޔޭ ބުނެ ގަދަދެއްކުމުން ދެން ކަންކުރާންޖެހޭ ގޮތުން މަޖިލީހުގެ މެންބަރެއްގެ އިއްޒަތާ ކަރާމާތަށް އަރައިގަނެފި ކަމުގައި ބަލަންޖެހޭނަމަ އެމެންބަރުގެ ސަބަބުން ދިވެހިރައްޔިތުންގެ އިއްޒަތާ ކަރާމަތަށް ލިބޭ ގެއްލުމުގެ ޒިންމާ އުފުލާނީ ކާކުހެއްޔެވެ؟ މެންބަރުގެ އަބުރާ ކަރާމަތާ އިމްތިޔާޒު ބަރުކަމުން ތަޅުމުން ބޭރު ނުކުރެވުމަކީ ދިވެހި ދައުލަތް ހުއްޓުމަށްވުރެ ބޮޑުކަމެއް ކަމުގައި ދެކޭންވީ ހެއްޔެވެ