ކުރީގެ ރައީސް މައުމޫން މަޖިލިސް ހައިޖެކް ކުރައްވަނީ ކީއްވެގެންތޯ ސާފުކުރުމަށް މައުމޫނާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

Moosa

ކުރީގެ ރައީސް މައުމޫން މަޖިލިސް ހައިޖެކް ކުރައްވަނީ ކީއްވެގެންތޯ ސާފުކުރުމަށް މައުމުނާ ބައްދަލުކުރައްވަން ބޭނުންފުޅުވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސްކުރާގޭގެ ކައިރީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުއްޓުވަނީ “ޑީއާރުޕީ އެއް ވެސް ނޫން އަދި އެހެން ޕާޓީ އެއް ވެސް ނޫން” ކަމަށާއި، މަޖިލިސް ” ހުއްޓުވާ، ހައިޖެކްކޮށް، ހިފަހައްޓަނީ ސީދާ މައުމޫން” ކަމަށެވެ. އަދި މައުމޫން އެ ގޮތަށް އަމަލުކުރައްވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ، ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންނަށް ސަރުކާރުން ދެއްވާ އިނާޔަތްތައް ކުޑަކުރުމަށް ހުށަހެޅުއްވި ބިލު ފާސްވެދާނެތީ ބިރުފުޅުން ކަމަށް ވުން އެކަށީގެންވާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
ދައުލަތުގެ މުހިންމު މުޥައްސަސާ އެއް ހިފަހައްޓާފައި އޮތުމުގެ ގެއްލުން މުޅި ދައުލަތަށް ކުރާނޭ ކަމަށާއި، މީގެ ކުރިން މިގޮތަށް މަޖިލިސް ހުއްޓިފައި އޮންނަ ދުވަސްވަރު، ޕާޓީތަކުގެ މެދުގައި ވާހަކަދައްކައިގެން އެކަން ހައްލުވާ ކަމަށާއި، އެހެން ނަމަވެސް މި ފަހަރުގެ މައްސަލައިގައި ވާހަކަ ދައްކަންވީ ވަކި ޕާޓީއެއް ނެތް ކަމަށް މޫސަ ވިދާޅުވިއެވެ. އަދި މަޖިލިސް ހުއްޓުވަމުން އެދަނީ ސީދާ ކުރީގެ ރައީސް މައުމޫނު ވިދާޅުވެގެން ކަމަށާއި، އެހެން ކަމުން އެމްޑީޕީގެ އެންމެ އިސް ލީޑަރު ފިޔަވައި އެމްޑީޕީ ހިންގުމުގެ އެންމެ އިސް ފަރާތަކީ ޗެއަރޕާސަން ކަމަށް ވާތީ، މަޖިލިސް ހުއްޓުވަނީ ކޮންކަމެއް ޙާސިލް ކުރައްވަންތޯ ބެލުމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ހައިސިއްޔަތުން މައުމޫން އާއި ބައްދަލުކުރައްވަން މާދަމާ ރަސްމީކޮށް އެދިވަޑައިގެން ސިޓީ ފޮނުއްވާނޭ ކަމަށް މޫސަ ވިދާޅުވިއެވެ.
” އެނގިވަޑައިގަންނަވާނެ އަޅުގަނޑު މައުމޫނާ ދޭތެރޭ ދެކޭ ގޮތް، އެހެން ނަމަވެސް މި ރާއްޖޭގަ އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޗެއަރޕާސަންގެ ހައިސިއްޔަތުން، ޑިމޮކްރަސީ އާއި، ރައްޔިތުންގެ މަޖިލީހާއި، މި ރާއްޖޭގެ މުސްތަޤްބަލަށްޓަކައި އަޅުގަނޑު ބޭނުން މައުމޫނާ ބައްދަލުކުރަން. މާދަމާ އަޅުގަނޑު ރަސްމީކޮށް މައުމޫނަށް ސިޓީ ފޮނުވާނަން.” އެމްޑީޕީގެ ޗެއަރޕާސަން މުސާ މަނިކު ވިދާޅުވިއެވެ.
ޑީއާރުޕީގެ ލީޑަރާ ދެކޮޅަށް އެ ޕާޓީގެ ތެރެއިން މަސައްކަތް ކުރަމުންދާ އަދި މައުމޫނަށް ވާގިވެރިވާ ޑީއާރުޕީގެ މަދު މަޖިލިސް މެންބަރުން ދަނީ މަޖިލީހުގެ ކޮމިޓީތައް ނަގާފައިވަނީ ގަވައިދާ ޚިލާފަށް ކަމަށް ބުނެ، ޖަލްސާ ތައް ނުބޭއްވޭނޭ ކަމަށް ބުނަމުންނެވެ. އަދި މައުމޫނަށް ވާގިވެރިވާ ކަމަށް ބުނާ ޑީއާރުޕީގެ މަޖިލިސް މެންބަރު ވައިކަރަދޫ ދާއިރާގެ އަލީ އާރިފްގެ ނަން ރިޔާސަތުން މިއަދު އިއްވުމުން އޭނާ މަޖިލީހުންނިކުމެވަޑައިގެންފައި ނުވާތީ މިއަދުގެ ޖަލްސާ ވެސް ވަނީ ހުއްޓާލަން ޖެހިފައެވެ.