މިސަރުކާރުގެ އިޤްތިޞާދީ އިސްލާޙްތައް ފާސްވެ ވައުދުތައް ފުއްދޭތަން ފެނުމަކީ އިދިކޮޅު ލީޑަރުންނަށް ހަޖަމްކުރެވޭނޭ ކަމެއް ނޫން – ސަމީރު

– އިބްރާހީމް ރާމިޒް –

sameer-450-x-301

މިސަރުކާރުގެ އިޤްތިޞާދީ އިސްލާޙްތައް ފާސްވެ ވައުދުތައް ފުއްދޭތަން ފެނުމަކީ އިދިކޮޅު ލީޑަރުންނަށް ހަޖަމްކުރެވޭނޭ ކަމެއް ނޫން ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ދިއްދޫ ދާއިރާގެ މެންބަރު އަޙުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއް ގައި ސަމީރު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ގަސްދުގައި ހުއްޓުވަމުންދަނީ ވަކި ސިޔާސީ ޕާޓީއަކުން ނޫން ކަމަށާއި، އެއީ ވަކި މީހަކަށް ތަބާވެގެން އުޅޭ މަދު ބަޔަކު ކުރަމުންދާ ކަމެއް ކަމަށެވެ. އަދި ސަމީރު އިތުރަށް ވިދާޅުވީ ޑީއާރުޕީގެ ލީޑަރު އަޙުމަދު ތަސްމީން ޢަލީ ވަނީ ކޮމިޓީތަކާ ބެހޭ ގޮތުން މަޖިލީހުން ނިންމި ނިންމުމަށް އިޙްތިރާމްކުރައްވާ ކަމަށް ވިދާޅުވެފައި ކަމަށާއި، ޑީއާރުޕީގެ ލީޑަރު އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ ފަހަތްޕުޅުގައި މަސައްކަތްކުރުމަކީ އެޕާޓީގެ މެންބަރުންގެ ވާޖިބެއް ކަމަށެވެ. އަދި މަޖިލިސް ހުއްޓުވަމުން އެ ގެންދަނީ ލިޔެކިޔުމުން ވަކިޕާޓީއެއްގެ ބައެއްކަން ނޭނގޭ ބަޔަކު ކަމުގައި ވެސް ސަމީރު ވިދާޅުވިއެވެ.
ސަމީރު އަދި ވިދާޅުވީ ސަރުކާރުގެ އިޤްތިޞާދީ އިސްލާޙްތައް މަޖިލީހުން ފާސްވެ، އެ ބިލުތައް ޤާނޫނަކަށްވެ، ސަރުކާރަށް އާމްދަނީ ލިބޭ ވަސީލަތްތައް ގާއިމްވުމުން މި ސަރުކާރުގެ ވައުދުތައް ބާރަށް ފުއްދެމުންދާނޭ ކަމަށާއި، އެއީ އިދިކޮޅު ސިޔާސީ ލީޑަރުންނަށް ހަޖަމްކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.