ސަރުކާރުގެ އިޤްތިޞާދީ ރިފޯމް ޕެކޭޖް ހިންގާނޭ ފުރުސަތު ފަހިކޮށްދިނުމަކީ އެމްޑީޕީ ޕާލަމެންޓްރީގެ ޒިންމާ އެއް ކަމުގައި އީވާ ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

mp-eva-450-x-301

ސަރުކާރުގެ އިޤްތިޞާދީ ރިފޯމް ޕެކޭޖް ހިންގާނޭ ފުރުސަތު ފަހިކޮށްދިނުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ ) ގެޕާލަމެންޓްރީގެ ޒިންމާ އެއް ކަމުގައި އެ ގްރޫޕްގެ ވިޕް، އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ކޮމިޓީތަކުގެ މައްސަލައިގައި ކަމަށް ބުނެ ކުރީގެ ރައީސް މައުމޫނަށް ތާއީދުކުރާ މަޖިލިސް މެންބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ހުއްޓުވާލާފައިވާތީ އެކަމާ ބެހޭ ގޮތުން މިއަދު މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން އިވާ ވިދާޅުވީ، މަޖިލީހުގެ ދާއިމީ ކޮމިޓީގެ މައްސަލަ މިހާރު އެއޮތީ ވޯޓަކުން ވަކި ގޮތަކަށް ނިންމާފައި ކަމަށާއި، އެ ނިންމުމަށް އިޙްތިރާމްކުރަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް ކޮމިޓީތަކުގެ މައްސަލަ ބަހަނާ އަކަށް ހަދައިގެން މައުމޫނަށް ތާޢީދުކުރާ ފަރާތްތަކުން މަސައްކަތްކުރަމުން ދަނީ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އިޤްތިޞާދީ ރިފޯމް ޕެކޭޖް ހުއްޓުވުން ކަމަށާއި، ސަރުކާރުން ރާއްޖޭގެ އިޤްތިޞާދަށް ގެންނަން މަސައްކަތްކުރަމުންދާ އިޤްތިޞާދީ އިސްލާޙްތައް ކާމިޔާބުކަމާއެކު ގެނެވިއްޖެ ނަމަ އެކަމުގެ ސަބަބުން ފުދުންތެރި މުޖުތަމައެއް ބިނާކުރުމަށް ސަރުކާރަށް ފަހިވެގެންދާނޭ ކަމަށެވެ.
” އަޅުގަނޑުމެންނަކީ ސަރުކާރު ހިންގާ ޕާޓީ ކަމަށްވާތީ މަޖިލިސް ހުއްޓިފައި އޮންނާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އިދިކޮޅު ފަރާތްތަކުން މަޖިލިސް ހުއްޓުވާފައި ބާއްވަން މަސައްކަތްކުރަމުން އެދަނީ މަޖިލީހަށް ރާއްޖޭގެ އިޤްތިސާދު އިސްލާޙްކުރުމަށް ގިނަ ބިލްތަކެއް ލާފަ ހުރީމަ. މިއީ ސީދާ ދައުލަތުގެ އާމްދަނީއާ ގުޅޭ ބިލްތައް. މި ރިފޯމް ޕެކޭޖް އަޅުގަނޑުމެން އެބަޖެހޭ ފާސްކުރަން” އީވާ ވިދާޅުވިއެވެ.
އީވާ އަދި ވިދާޅުވީ ޓެކްސް ބިލްތަކާ ދެކޮޅަށް ކުރިން ދެއްކި ބަހަނާއަކީ މިއީ ޓެކްސް ނަގަން އެންމެ ރަގަޅު ވަގުތު ނޫންކަން ރައްޔިތުންނަށް ދައްކަން ކަމަށާއި، އެކަން ކާމިޔާބު ނުވުމުން މިހާރު މަސައްކަތް އެކުރަނީ މަޖިލިސް ހުއްޓުވުމަށް ކަމަށެވެ.