އަފްޣާނިސްތާނުގެ މައްސަލަތައް ހައްލުކުރުމަށް ރާއްޖޭގައި މަޝްވަރާތަކެއް ހިނގަމުންދާކަން ދިވެހި ސަރުކާރުން ޔަޤީންކޮށްދެއްވައިފި

20 މެއި 2010

zuhair1

އަފްޣާނިސްތާނު ޤާނޫނުހަދާ މަޖިލީހުގެ މަންދޫބުންނާއި، އަފްޣާނިސްތާނު ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ މަންދޫބުންނާ ދެމެދު ރާއްޖޭގައި މިހާރު މަޝްވަރާތަކެއް ހިނގަމުންދާކަން ދިވެހި ސަރުކާރުން ޔަޤީންކޮށްދެއްވައިފިއެވެ. މިކަން ދިވެހި ސަރުކާރުން ޔަޤީންކޮށްދެއްވާފައިވަނީ، ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު މިއަދު ނެރުއްވި ބަޔާނެއްގައެވެ.
ޕްރެސް ސެކްރެޓަރީގެ ބަޔާނުގައި، މި މަޝްވަރާތަކުގައި ދިވެހި ސަރުކާރުން ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި މިމަޝްވަރާތައް ހިނގަމުންދާ ވަކިތަނެއް ހާމަކުރެއްވެން ނެތްކަމަށާއި، އެހެންނަމަވެސް، މިމަޝްވަރާތައް ހިނގަމުންދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގައި ނޫންކަމަށް ވިދާޅުވެފައިވެއެވެ.
މި މަޝްވަރާތަކުގައި ބައިވެރިވާ މަންދޫބުންނަކީ، ޞައްޙަ ޕާސްޕޯޓް އޮތް، އަދި އ.ދ.ގެ އެއްވެސް ބްލެކް ލިސްޓެއްގައި ނުވަތަ އެހެންވެސް ބައިނަލްއަޤްވާމީ ބްލެކް ލިސްޓެއްގައި ނަން ހިމެނިފައިވާ މަންދޫބުން ނޫން ކަން ޕްރެސް ސެކްރެޓަރީ ޔަޤީންކޮށްދެއްވާފައިވެއެވެ. އަދި ރާއްޖޭގެ ސެކިއުރިޓީއަށާއި އިންޓެލިޖެންސް އެޖެންސީތަކަށް މިކަމާބެހޭ މަޢްލޫމާތު ސަރުކާރުން ދެއްވާފައިވާ ކަމުގައިވެސް ޕްރެސް ސެކްރެޓަރީ ވިދާޅުވެފައިވެއެވެ.
އަފްޣާނިސްތާނުގެ އަމަންއަމާންކަން ގެއްލި އެޤައުމުގައި ހަމަނުޖެހުންތައް އުފެދިގެންދިޔުމަކީ، މިސަރަޙައްދަށްވެސް އެކަމުން އަސަރުތަކެއް ފޯރާނެ ކަމެއް ކަމަށް ވިދާޅުވެ، އަފްޣާނިސްތާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ޙައްލެއް ގެނައުމަށް ކުރެވޭ މަސައްކަތްތަކަށް ދިވެހި ސަރުކާރުގެ ފުރިހަމަ ތާއީދު އެބައޮތްކަންވެސް ޕްރެސް ސެކްރެޓަރީގެ ބަޔާނުގައި ހާމަކުރައްވާފައިވެއެވެ.