އެމްޑިޕީގެ ޗެއަރޕާސަން ލާމު އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި

އިބްރާހީމް ރާމިޒް

އެމްޑީޕީން ލާމުގައި ބޭއްވި މަސައްކަތު ބައްދަލުވުމުގައި މޫސަ މައުލޫމާތު ދެއްވަނީ ..
އެމްޑީޕީން ލާމުގައި ބޭއްވި މަސައްކަތު ބައްދަލުވުމުގައި މޫސަ މައުލޫމާތު ދެއްވަނީ ..

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ލާމު އަތޮޅަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ލާމަށް މިކުރެއްވި ދަތުރުފުޅަކީ އެޕާޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް އެމަނިކުފާނު ފައްޓަވާފައިވާ ސިލްސިލާ މަސައްކަތްޕުޅުގެ ދަށުން ހައްދުންމަތީގެ އެމްޑީޕީގެ ދާއިރާތަކާއި، ގޮފިތަކުގެ ޙާލަތުދެނެގަތުމަށް އިއްޔެ ލ.ގަމުގައި ބޭއްވި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އެމްޑީޕީން ހައްދުން މަތީގައި ބޭއްވި މަސައްކަތު ބައްދަލުވުމުގައި، އެ އަތޮޅުގެ އެންމެ ކުޑަ އާބާދީ ހިމެނޭ ރަށް ކަމަށްވާ ގާދޫ ފިޔަވައި އެހެން ހުރިހާ ރަށަކުން މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު، އަދި ޕާޓީ އަށް ވަރަށް ފައިދާކުރާނޭ ބައްދަލުވުމެއް ކަމަށް ބައިވެރިން ފާހަގަކުރިއެވެ. އެ ގޮތުން މި ބައްދަލުވުމުގެ ސަބަބުން ޕާޓީގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރެވިދާނޭ ގޮތްތައް އެނގި، އެ މަސައްކަތަށް އިތުރު ދޮރުތަކެއް ހުޅުވިގެން ހިނގައްޖެ ކަމަށާއި، މީގެ އިތުރުން އަތޮޅުގެ އެމްޑީޕީ ޙަރަކާތްތެރިންގެ މެދުގައި އިތުރަށް ގުޅުން ބަދަހިވެގެން ދިޔަ ކަން މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން އެމްޑީޕީގެ ޗެއަރޕާސަން ދެއްކެވި ވާހަކަފުޅުގައި ހައްދުންމައްޗަކީ އެމަނިކުފާނާ އަބަދުވެސް ވަރަށް ގާތްގުޅުމެއް އޮންނަ އަތޮޅެއް ކަމަށާއި، އެހެން ކަމުން އެމަނިކުފާނު އަބަދުވެސް ހައްދުންމަތީގެ ރައްޔިތުންނާ ގާތްގުޅުމެއް ބާއްވަވާނޭ ކަމަށެެވެ. އަދި މި ބައްދަލުވުމުގެ އަލީގައި އެމްޑީޕީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ކުރެވެން ހުރި މަސައްކަތް ވީހާވެސް އަވަހަކަށް ކުރައްވާނޭ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ކަމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަތުމަށް ފަހު މޫސަ ގެންދަވަނީ އެ ޕާޓީގެ އިދާރީ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ޕާޓީ ނެގެހެއްޓެވުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ. އެ ގޮތުން ޕާޓީގެ ހާލަތު ދެނެގަތުމަށް މިހާތަނަށް އެމަނިކުފާނު ވަނީ 3 އަތޮޅަކަށް ޒިޔާރަތްކުރައްވާފައެވެ. އެއީ ލާމު އަތޮޅުގެ އިތުރުން ހއ، އަދި ހދ. އަތޮޅެވެ.