ގައުމާމެދު ވިސްނަމާތޯ!

ފުނަމާ

ރީނދޫހުން ޖެހިގެން އައިސީޔޫގައި އޮތަސް ، ދުޅަވެ ނޫފައިގެން ފުފިއަރައި ފާރުބުޑުގައި ވެއްޓިފައި އޮތަސް ދިވެއްސެއް ނަމަ ހަމަވާނީ މިގައުމުގެ ލޮބުވެތި ދަރިއަކަށެވެ. ދިވެހިރާއްޖޭގެ ގާނޫނުން ލިބިގެންވާ ހުރިހާ ޙައްގެއް އެމީހަކަށް ލިބިގެންވާނެއެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން އެކަކު އަނެކަކާމެދު މިދެކެނީ ދުޝްމިނުން ކަމުގައެވެ. އެކަމަކު މިބުނަނީ މިއީ އެއްބަހަކުން ވާހަކަދައްކާ އެއްދީނަކަށް އުޅޭ އެއްބައިވަންތަ އެއްބައެއް ވަންތަ ދިވެހީން ކަމުގައެވެ.
ވެރިކަމުގެ ނިޒާމު އަޅުގަނޑުމެން ބަދަލުކޮށް ، ވެރިކަމުގެ ވައްޓަފާޅީގައި އެއިރުހުރި އަޅުގަނޑުމެން ހިތްނުރުހޭ އެތައްކަމެއް ބަދަލުކުރާން މިއެޅި ފިޔަވަޅާއެކު އަޅުގަނޑުމެންގެ ގޮތާ، ފޮތާ ، ސުލޫކާއި ، ވަންތަކަން ދޫކޮށްލުމަކީ ވެރިކަން ބަދަލުކުރުމުގެ ފަހަތުގައި އަޅުގަނޑުމެން ގެންގުޅެން ނިންމި އެޖެންޑާ ކަމުގައި ވާނަމަ މިއަކީ އަޅުގަނޑުމެންގެ ގައުމު އެދި، ދެކޭން ބޭނުންވީ ދުވަހެއް ނޫނެވެ. މިގައުމު ދެމިއޮތްހާ ހިނދަކު މިބިމުގެ އަހުލުވެރީން މިފަސްގަނޑުގައި ނިޔާމަ ދިރިއުޅުމެއް އުޅުމަށް މަގުފަހި ކުރާން ބޭނުންވާނެއެވެ. ދުނިޔޭގެ ސުންނަތާއި އެކުވެ ކުރިމަތިވާ ދަތިހާލަތް ތަކާއިވެސް ކުރިމަތިލައި އެހާލަތުން ސަލާމަތްވުމަށް ކުރާ ކޮންމެ މަސައްކަތެއް ކާމިޔާބު ކުރުމަށް އެންމެހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެއެވެ. ސަރުކާރު ހިންގާން މިތިބީވެސް ދިވެހިރައްޔިތުންނެވެ. ބޭރުގައުމަކުން އައިސް މިގައުމު އަޅުވެތިކޮށްގެން އުޅޭބައެއް ނޫނެވެ. ގައުމުގައި ވަޒަންވެރިވެ ދިރިމިއުޅެނީ މަށް ދިވެހި ރައްޔިތުންނެވެ. އުޅުމާ، ގުޅުން އެއްގޮތަކަށް ގެންގުޅޭ ކަމުގައި ޒަމާނުއްސުރެ ބުނެއުޅޭ ދިވެހީންނެވެ.
ކަންމިހެން އޮތްއިރު މިއަދު އަޅުގަނޑުމެން އެކަކު އަނެކަކާއި މިހާބޮޑަށް ދެބަސްވެ އޭގެސަބަބުން މުޅިގައުމު ފަސާދަވެ ކުރިމަގުގައި އަރައި ނުގަނެވޭފަދަ އަޑިގަނޑަކަށް އެންމެން އެކުގައި ވެއްޓިގަންނާން މިކުރާ މަސައްކަތަކީ އަޅުގަނޑުމެން އެންމެން އެދިގެން ހަމަހެޔޮހިތުން ކުރާ މަސައްކަތެއް ހެއްޔެވެ؟ ނޫނެކެވެ. މިއަދު އަޅުގަނޑުމެން ވެފައިވާ ވަޖިދެއްގެ ބޮޑުކަމުން ހަމަ، ނަހަމަ އޮޅިގެން އަޅުގަނޑުމެން މިޖަހަނީ އަމިއްލަ ކަށިމަތީގައި ފުރޮއިންނެވެ. އެވެސް އަމިއްލަ އަތުންނެވެ. ސިޔާސީ ގޮތުން ނުލިބިއޮތް މިނިވަންކަމެއް ރައްޔިތުން ހޯދައިގަނެ ކުރު މުއްދަތެއްގައި އެކަމުގައި ހުރިކުޅިމީރުކަމެއް ދެކިލިމުގެ ބޭނުމުގައި އެންމެން އެކުގައި މިވަނީ މަސްތުވެ ކުރެވޭ ، ނުކުރެވޭ ކަމެއް އޮޅި ، މަސްތުވެފައެވެ. ތިމާނޫން އެހެން އެންމެން ތިމާއަށް މިފެންނަނީ ތިމާގެ ދުޝްމަނުންގެ ގޮތުގައެވެ. މިގައުމަށްޓަކައި އަޅުގަނޑުމެންގެ ކާބަފައިން ކުރަހައި އިމާރާތްކުރި ހުރިހާ ބިނާއެއް މިދަނީ ބިންގަލާއެކު ނަގައި ސާފުކުރަމުންނެވެ. މާދަމާ މިގައުމަށް ބޭރުގެ އަދާވަތްތެރި ބަޔަކު އެރިޔަސް އެބައެއްގެ އަތްމައްޗަށް މިގައުމު ދޫވެގެން ދިއުމަށް މަގުފަހި ވެގެން ހިނގައިދާނެ މިންވަރަށް އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން މިވަނީ ވީދި ކުނޑިކުނޑި ވެފައެވެ. ތަރައްގީއާއި ތަމައްދުން މިއަދު މާނަމިކުރަނީ މިގޮތައް ކަމުގައި ވާނަމަ އަލުން އަނބުރައި އަޅުގަނޑުމެން މާޟީގެ ސަފުޙާތަކުން އިބުރަތް ހޯދަން މަޖުބޫރުވިއެއް ކަމަކު މިކަންވެސް ކުރުމަށް އެކަކުވެސް ހޭއަރައި މިގައުމުގައި މިއަދު އެބަހުއްޓޭ ދެންނެވޭކަށް ނެތެވެ. އެންމެންވެސް ބަލަނީ ކަލަންޑަރުން އެންމެ ތާރީޚެކެވެ. 2013 ވަނަ އަހަރުގެ ނަވެމްބަރ 11 އެވެ. އޭގެ ކުރީގައި މިހޭދަކުރާންޖެގޭ ދިގު ދުވަސްތަކެއް ހަނދާނެއް ނެތެވެ. މިމުއްދަތުގައި ކުރިމަތިވެދާނެ ދަތިތަކެއް އަތުވެދާނެ ފާގަތިކަމެއް ބަލާލުމެއް ބޭނުމެއް ނެތެވެ. ވާނޭނަމަ މިއަދު މިހުރި ފިޔަވަޅުމަތީން ފުންމައިގެންގޮސް އެތާރީޚަށް ވެއްޓިގަންނާން ކޮންމެމީހަކުވެސް މިތިބީ ކަމަރު ބަނދެގެންނެވެ. އެދުވަހު ރާއްޖޭގެ ވެރިކަމުގެ ހުވާކުރާނީ ކާކުކަން މިހާރުވެސް އެކިމީހުން މިތިބީ އެކިގޮތަށް ނިންމައިގެންނެވެ. އެހެން ކަމުގައި ވާނަމަ މިއަދު މިގެނައި ބަދަލުގެ ހުރިހައިވެސް ބޭނުމަކީ ވެރިކަމޭ ބުނެވިދާނެއެވެ. މަގުމަތީން ވައްޓާލައިގެން ނޫނީ ގޭޓުމަތީން އަރައި މަރާލައިގެން ނަމަވެސް ކޮންމެ މީހަކުވެސް މިބޭނުންވަނީ ވެރިކަމެވެ. އެނޫންކަމެއްގެ ފިކުރެއް ނެތެވެ. ދެންއުފެދޭ ސުވާލަކީ އެހިސާބުން މިކަން ނިމޭނެބާވައެވެ. ގައިމުވެސް ވެރިކަމަށް އާދެވޭނީ ހަމަ އެންމެ މީހަކަށެވެ. ގައުމުގެ އެންމެންނަށް އަރައި ވެޑުވެވޭ ވަރުގެ ފުޅާކަމެއް ރިޔާސީ ތަޚުތަކު ނެތެވެ. އެހެންކަމުގައި ވާނަމަ އަނެއްކާވެސް ގައުމުގެ ރައްޔިތުން އެކިދިމާލުން ނުކުމެ ވެރިކަމުގައި ހުންނަ މީހަކު ވެރިކަމުން ވަށްޓާލުމަށްކުރާ މަސައްކަތް ފަށައި ގަންނާނީ ބާވައެވެ؟ އިތުރު ފަސްއަހަރު އެކަމުގައި ހޭބުއްދިފިލައި ދުވެނަގާނީ ބާވައެވެ؟ އެހެން ކަމުގައި ވާނަމަ ފޮށިތަންމަތި ބަނދެގެން ވީއެންމެ އަވަހަކަށް މިގައުމު ދޫކޮށް ކޮންމެވެސް އެހެން ގައުމަކަށް ހިޖުރަކުރުންވެސް އަޅުގަނޑު މެންނަށް މިއަދު މިތަނުގައި ތިބުމަށްވުރެ މާބުއްދިވެރިއެވެ. ނޫންނަމަ މިއަދުން މިއަދަށް އަޅުގަނޑުމެންގެ މެދުގައި މިއޮތް ސިޔާސީ އަރާރުން ވުންތައް ހުއްޓުމަކަށް ގެނެސް ގައުމާމެދު ވިސްނާން ވެއްޖެއެވެ. ޚިޔާލުތަފާތުވުންތައް ގައުމާހިސާބުގައި އަބަދުވެސް އެއްގޮތްކޮށް އިތުރު ވިސްނުމަކަށް ދާންވެއްޖެއެވެ. މިއީ އަޅުގަނޑުމެންގެ ގައުމުކަމާއި މިއީ އެބުނާ އެއްބައިވަންތަ އެއް ދީނަކަށް އުޅެމުން އައި ދިވެހީންކަން ހަނދާން ކޮށްލައި އެންމެން އެކުވެރިވެ އެކުގައި ހިނގާން ވެއްޖެއެވެ. 2013ގެ ކުރީން މިއޮތް ދުވަސްތަކުގައިވެސް އަޅުގަނޑުމެން މިގައުމުގައި ދިރިއުޅޭން ޖެހޭކަމާއި އަމާން ވެއްޓެއްގައި މެނުވީ ދިރިއުޅުން ހަވީރުކުރާން ބޭނުންނުވާ ކިތަންމެ މުސްކުޅީންނެއް މިގައުމުގައި ތިބިކަމާ ، އަޚުލާގީ ރިވެތި އުސޫލުތަކުގައި ބޮޑުކުރާން ބޭނުންވާ ކިތަންމެ ދަރީންނެއް މިގައުމުގައި އަޅުގަނޑުމެންގެ ބެލެނިވެރި ކަމުގައި އެބަތިބިކަން ހަނދާން ކުރާން އެބަޖެހެއެވެ. އަތަށް އޮޅާލާ ވަލެއްހެން އަޅުގަނޑުމެންނަށް ޒަމާން އޮޅާނުލެވޭނެކަން އެބައެނގެން ޖެހެއެވެ. ވެރިކަމުގެ އަޖަލުގައި ޖެހި މިވެފައިވާ މަސްތުވުމުން ބޭރުވެވޭނެ މަގެއް ހޯދައި ކޮންމެ މީހަކުވެސް މިގައުމާމެދު ނިކަން ވިސްނާލަމާތޯއެވެ. އަލުގަނޑުމެން މިތިބަ ހިސާބާ ދާންމިއުޅޭތަން ފެންނާނެއެވެ