މި އަންނަ ރޯދަމަހުގެ 1 ވަނަ ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެމްޑީޕީގެ އިދާރާއެއް ގާއިމްކުރައްވާނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވެއްޖެ

ލ.ގަމުން އިބްރާހީމް ރާމިޒް

އެމްޑީޕީގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރެއްވުމަށް އެ ޕާޓީގެ ޗެއަރޕާސަން (ރީކޯ މޫސާ މަނިކު) ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން، މި އަންނަ ރޯދަ މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެމްޑީޕީގެ އިދާރާއެއް އިފްތިތާޙްކުރެވޭނޭ ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ހައްދުންމަތީގެ އެމްޑީޕީގެ އިސް ޙަރަކާތްތެރިންނަށް އަމާޒުކޮށްގެން މިއަދު މި ރަށުގައި ބޭއްވި މަސައްކަތު ބައްދަލުވުން ނިންމަވާލައްވަމުން އެމްޑީޕީގެ ޗެއަރޕާސަން ދެއްކެވި ވާހަކަފުޅުގައި އެމްޑީޕީގެ އޮފީސް ނެތް ރަށްރަށުގައި އޮފީސްތައް ގާއިމްކޮށް، އޮފީހެއް ގާއިމްކުރެވެން ނެތް ރަށްރަށުގައި އެމްޑީޕީގެ އިދާރީ ޑެސްކެއް ގާއިމްކޮށްގެން ނަމަވެސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށޭއްގައި ރޯދަމަހުގެ ފުރަތަމަ ދުވަހު އެޕާޓީގެ އިދާރާއެއް ގާއިމްކޮށް، އެކަން އިފްތިތާޙް ކުރައްވާނޭ ކަމަށެވެ. އަދި މިފަދަ އިދާރާތައް ހިންގުމުގައި އެމްޑީޕީގެ ގޮފިތަކާއި، ދާއިރާތަކާއި، އެމްޑީޕީގެ ކައުންސިލަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް މޫސަ ވިދާޅުވިއެވެ.
” މި ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އަޅުގަނޑު ރާއްޖޭގެ ކޮންމެ ރަށެއްގައި އެމްޑީޕީގެ އޮފީހެއް ގާއިމްކުރާނަން. އިރާދަކުރެއްވިއްޔާ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެރަށެއްގެ އެމްޑީޕީގެ އިސް ހަރަކާތްތެރިއެއްގެ ގޭގައި އިދާރީ ޑެސްކެއް ބަހައްޓައިގެން ނަމަވެސް އަޅުގަނޑު އެމްޑީޕީގެ އިދާރާތައް ރަށްރަށުގައި ގާއިމް ކުރުމުގެ ޕްރޮގްރާމް ރޯދަމަހުގެ ފުރަތަމަ ދުވަހު އިފްތިތާޙްކުރާނަން. މި އިދާރާތަކުން އެމްޑީޕީގެ މެންބަރޝިޕް އިތުރުކުރުން ފަދަ އިދާރީކަންތައް ކުރެވޭ ގޮތަށް ހުންނާނެ. ” އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ މިއިން ކޮންމެ އިދާރާއެއްގައި މަސައްކަތްކުރާނޭ މަދުވެގެން އެއް މުޥްއަޒަފަކު ހުންނާނޭ ކަމަށާއި، އެ އިދާރާއެއްގައި މަސައްކަތްކުރާނޭ ފަރާތެއް ކަނޑައަޅާނީ އެ ރަށެއްގެ ގޮފތަކާއި، ދާއިރާގެ އިސް ފަރާތްތަކުން ކަމަށެވެ.
އެމްޑީޕީގެ ހިންގުން އިތުރަށް ހަރުދަނާ ކުރެއްވުމަށް، މޫސަ ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގައި މިހާތަނަށް 3 އަތޮޅަކަށް ވަނީ ޒިޔާރްތްކުރައްވާފައެވެ. އެއީ ހއ، ހދ، އަދި ލ އަތޮޅެވެ.