ނޫސް ބަޔާން: އއ. ތޮއްޑޫ ދަނޑުބިންތަކަށް ބަޔަކު ގަސްތުގައި ގެއްލުން ދީފައިވާ އަމަލު ކުށްވެރިކުރުން.

MDP-PG-2011-PR-002ނަންބަރު:
ތާރީޚް: 09 ޖުލައި 2011

އއ. ތޮއްޑޫ ދަނޑުބިންތަކަށް ބަޔަކު ގަސްތުގައި ގެއްލުން ދީފައިވާ އަމަލު ކުށްވެރިކުރުން.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރު، އއ. ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުގެ ބޮޑުބޭބެ އއ. ތޮއްޑޫ ތިލައައްސޭރި ޢަލީ ޢަބްދުﷲ ގެ ދަނޑުބިން ތަކަށް 8 ޖުލައި 2011 ވަނަ ދުވަހުގެރޭ ގެ ވަގުތެއްގައި، ބަޔަކު ގަސްތުގައި ގެއްލުންދީ، އެދަނޑުބިން ތަކުގައި، ބަރަކާތްތެރި ރަމަޟާން މަހަށް ހާއްޞަކޮށްގެން ހައްދާފައިވާ ، ކަރަލާއި، ކިއުކަންބާ، ފަޅޯ، އަދި ކޮޕީފަތާއި، މޭވާ، ބަށި ފަދަ ތަކެތި އެއްކޮށް ނެތިކޮށްލުމުގެ ސަބަބުން މާލީގޮތުން ފޫ ނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ.

މިދަށު ދަރަޖައިގެ ފިނޑި ޢަމަލަކީ ދާދި ފަހުން ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އާއި، އޭނާގެ ބޮޑުބޭބެ އއ. ތޮއްޑޫ ތިލައައްސޭރި ޢަލީ ޢަބްދުﷲ މޯލްޑިވިއަން ޑިމޮކުރަޓިކު ޕާޓީއާއި ގުޅުމާއި، އަދި ތޮއްޑޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން މިޕާޓީ އާއި މިހާރު ގުޅެމުންދާ ދިއުމުގެ އެންމެ ބޮޑު އެއްސަބަބަކީ ޢަލީ ޢަބްދުﷲގެ ސީދާ މަސައްކަތެއް ކަމަށްވުމުން މިކަމާއި ހިތްހަމަ ނުޖެހިފައިތިބި ސިޔާސީ ވާދަވެރި ބަޔަކު ގަސްތުގައި ރާވައިގެން އެއާއިލާއަށް ދީފައިވާ ގެއްލުމެކެވެ. އެހެންކަމުން ސިޔާސީ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ތަފާތު ފިކުރުތަކުގެ ސިޔާސީ ޕާޓީތަކުގެ މެންބަރުން ލައްވާ މިފަދަ އަމަލުތައް ނުހިންގެވުމަށް، ވާދަވެރި ސިޔާސީ ޕާޓީ ތަކަށް މިފުރުސަތުގައި ގޮވާލަމެވެ.

އއ. ތޮއްޑޫ ގެ ދަނޑުވެރިންނަކީ ހާއްޞަގޮތެއްގައި، ބަރަކާތްތެރި ރަމަޟާން މަހެއްގައި ދިވެހި އަޚުންނާއި އުޚުތުންނަށް ދިވެހި ދަނޑުތަކުގެ އުފެއްދުންތައް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ ބަޔަކަށް ވީހިނދު މިކަމުގެ އެންމެ ކުރީސަފުގައި މަސައްކަތްކުރަމުންދާ އއ. ތޮއްޑޫ ތިލައައްސޭރި ޢަލީ ޢަބްދުﷲ ގެ ދަނޑުބިންތަކަށް، ސިޔާސީ ގޮތުން ތަސައްރަފު ނުފުދޭ ބަޔަކު އަޑީގައި ތިބެގެން ހިންގި ދަށުދަރަޖާގެ ޢަމަލުގައި ބައިވެރިވި ފަރާތްތައް، އިންޞޯފުގެ ކުރިމައްޗަށް ގެނައުމަށް ދަޢުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން އިލްތިމާސްކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް