ލ.ގަމުން އިބްރާހީމް ރާމިޒް
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުންގެ އަދަދު ކައިރި މުސްތަޤްބަލެއްގެ ތެރޭގައި ބައި ލައްކައަށް އެރުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެ ޕާޓީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ލ. ގަމު މަތިމަރަދޫ އަވަށުގައި އެ އަތޮޅުގެ އެމްޑީޕީގެ އިސް ހަރަކާތްތެރިންނަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މޫސަ ވިދާޅުވީ “އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ ކައިރި މުސްތަޤްބަލެއްގައި އެމްޑީޕީގެ މެންބަރުންގެ އަދަދު 50000 އަށް އަރުވަން. ޗެއަރޕާސަންގެ ހައިސިއްޔަތުން އަޅުގަނޑަކީ މެންބަރޝިޕްގެ ކަންތައް ވެސް އަޅުގަނޑުގެ ނައިބުންނާ މުޥައްޒަފުން މެދުވެރިކޮށް ބަލަހައްޓަން ޖެހޭ ފަރާތް ކަމަށް ވާތީ މިހާރު އަލަށް ފުރާނިމިފައިވާ ފޯމުތަކާއި، ފުރަމުންދާ ފޯމުތައް ވީހާވެސް އަވަހަކަށް އެމްޑީޕީގެ މައި އޮފީހާ ހަވާލުކޮށްދެއްވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.” ކަމަށެވެ.
އެމްޑީޕީގެ ޗެއަރޕާސަން ކަމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގަތުމަށް ފަހު، ޕާޓީ ވަރުގަދަކޮށް ހަރުދަނާ ކުރުމަށް މޫސަ އަތޮޅުތަކަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގައި ލާމު އަތޮޅަށް ވަޑައިގެން އެ އަތޮޅުގެ ދާއިރާތަކާއި، ގޮފިތަކާއި، އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއެކު ބާއްވާ މަސައްކަތު ބައްދަލުވުމުގައި އެ އަތޮޅުގެ އެންމެ ކުޑަ އާބާދީ ކަމަށްވާ ގާދޫ ފިޔަވައި އެހެން ހުރިހާ ރަށަކުންމެންބަރުން ބައިވެރިވެއެވެ.
މި ބައްދަލުވުމުގެ މެންދުރުކުރީގެ ދަންފަޅި މިހާރު ނިމިފައިވާއިރު އެދަންފަޅީގައި ބަހުސްކޮށްފައިވަނީ އެމްޑީޕީގެ މެންބަރޝިޕް އިތުރުކުރުމަށް ހުރި ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނޭ މަސައްކަތްތަކާއި ބެހޭ ގޮތުންނެވެ.
މި ދަންފަޅިގައި މެންބަރުންނަށް މަޢުލޫމާތު ދެއްވީ އެމްޑީޕީގެ ޗެއަރޕާސަންގެ އިތުރުން، އެ ޕާޓީގެ ސްޕޯކްސްޕާރސަންގެ މަގާމަށް މިއަދު ވަގުތީ ގޮތުން ޢައްޔަންކުރެއްވި ފާތުމަތު ޝަހީދާ އެވެ.