ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވާނުލެއްވުމަށް ޑީ.އާރު.ޕީ.ގެ ޒަޢީމަށް ތާއީދު ކުރައްވާ ބޭފުޅުންގެ އަރިހުންނާއި، އެބޭފުޅުންގެ ޒަޢީމްގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި

president-nasheed

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވާނުލެއްވުމަށް ޑީ.އާރު.ޕީ.ގެ ޒަޢީމަށް ތާއީދު ކުރައްވައިގެން އުޅުއްވާ ބޭފުޅުންގެ އަރިހުންނާއި، އެބޭފުޅުންގެ ޒަޢީމްގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، އެމަނިކުފާނު މިއަދު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު ދިވެހި ދައުލަތް، ތިންބާރުގެ މައްޗަށް ބިނާވެފައިއޮތުމާއެކު، މި ތިންބާރުގެ ތެރެއިން އެއްވެސް ބާރެއް ނުވަތަ އެއްވެސް މަސައްކަތެއް ހުއްޓިފައި އޮވެއްޖެނަމަ، އެ ހުއްޓެނީ، ދިވެހި ދައުލަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހި ދައުލަތް ހުއްޓިގެން މި ދައުލަތުގެ ހިޔާވަހިކަމުގައި ދިރިއުޅޭ ތިންލައްކަ އެތައްހާސް ރައްޔިތުންނަށް އޮތް މަންފާއެއް، ފައިދާއެއް އަދި ލާބައެއް ނޯންނާނެކަމީ، ކަށަވަރުން އެނގޭ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރާއްޖޭގެ ރައްޔިތުން އަބަދުވެސް އެދެނީ އަދި އަބަދުވެސް ބޭނުންވަނީ ތަރައްޤީވުމަށާއި، ތަނަވަސްވުމަށާއި، ކުރިއަރައިދިޔުމަށާއި، ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުވުމަށެވެ. ދައުލަތް ހުއްޓިފައި އޮވެގެނެއް، ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅު ކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ. މިރޮނގުން ރައިސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ޑީ.އާރު.ޕީ.ގެ ތެރެއިން ވަކިން ޚާއްޞަކޮށް އެބޭފުޅުންގެ ޒަޢީމަށް ޚާއްޞަ ތާއީދެއް ދެއްވައިގެން ޙަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުން މަޖިލިސް ހުއްޓުވާލައްވާނެ ކަމަށް ފާޅުގައި ވިދާޅުވެ، އެ މަގަށް މަސައްކަތް ކުރައްވަމުން ނުގެންދެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެގޮތަށް މަސައްކަތް ކުރައްވާ ކަމަށްވަނީނަމަ، އެކުރެއްވޭ މަސައްކަތަކީ، ޙަޤީޤަތުގައި ދައުލަތް ހުއްޓުވުމަށް ކުރެވޭ މަސައްކަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ހުއްޓުވާލެއްވުމަށް ނުކުމެވަޑައިނުގަތުމަށްވެސް އެ ބޭފުޅުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކި ޚާއްޞަ ކަމެއް ވަކި ގޮތަކަށް ކުރައްވަން ބޭނުންވެވަޑައިގަންނަވަނީނަމަ، އެބޭފުޅާއަށް އެކަން ކުރެއްވޭނެ ވަސީލަތްތައް ހުންނާނެކަމީ ޝައްކު ހިނގާ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި ދައުލަތް، ބާރަށް ހިންގުމަށް ބޭނުންކުރެވޭނެ ވަސީލަތްތައް، ދިވެހި ދައުލަތުގައި އެބަހުރިކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އެހެން ނަމަވެސް، މަޖިލީހުގެ ރައީސްވެސް އަދި އެންމެ ބޭފުޅުންވެސް މިއަދާ ހަމައަށްވެސް މަސައްކަތް ކުރައްވަމުން މިގެންދަވަނީ، މަޝްވަރާގެ ރިވެތި އުޞޫލުގައި، މާތްވެގެންވާ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ޝޫރާގެ މަތިވެރި ހަމަތަކުގައި ކަމަށް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެ މަޖިލީހުގެ މެންބަރުގެ މެދުގައި ވޯޓަށް އައްސަވައި، އެކަންކަން ނިންމެވީމާ، އެއީ އަޅުގަނޑުމެން ކިތަންމެ ނޭދޭ ކަމަކަށްވިޔަސް، އަދި އެދޭ ކަމަކަށްވިޔަސް، އަޅުގަނޑުމެންނަށް މަޖުބޫރުވެފައި އޮންނާނީ، އެ ނިންމެވި ގޮތަކާއިގެން ކުރިއަށް ދިޔުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ ރައްޔިތުންގެ އަބަދުގެވެސް އުންމީދަކީ، ރާއްޖޭގެ ވެރިންނަކީ، އިޚްލާޞްތެރި އަދި ވަފާތެރި އަދި ރައްޔިތުންނަށާއި ޤާނޫނަށާއި ދައުލަތަށް ކިޔަމަންތެރި ވެރިންނަށްވުން ކަމުގައި ވިދާޅުވިއެވެ.