މަޖިލީހުގެ ދާއިމީ ކޮމިޓީތައް ބެހުމުގައި ހައްލެއް ލިބުނީ އިބޫގެ ކުޅަދާނަ މަސައްކަތުން – ސަމީރު

އިބްރާހީމް ރާމިޒް

އިބޫ މަޖިލީހުގެ ޖަލްސާ އެއް ގައި ... ފޮޓޯ: މަޖިލިސް ވެބްސައިޓް
އިބޫ މަޖިލީހުގެ ޖަލްސާ އެއް ގައި ... ފޮޓޯ: މަޖިލިސް ވެބްސައިޓް

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް ނެގުމުގައި ދިމާވި މައްސަލަތަކަށް ދާއިމީ ހައްލެއް ލިބުނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކުޅަދާނަ މަސައްކަތުން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ދިއްދޫ ދާއިރާގެ މެންބަރު އަޙުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން މިއަދު ސަމީރު ވިދާޅުވީ ދާއިމީ ކޮމިޓީތަކުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިއުމަށް ފަހު، މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި ވަނިކޮށް، އެ މައްސަލައަށް ހައްލެއް އައިސްފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެންބަރު އިބޫ މަސްލަޙަތަށް އިސްކަންދެއްވައި، އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ދޫދެއްވައިގެން ކަމަށެވެ.
މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ އަދަދަށް އައި ބަދަލާއި ގުޅިގެން، ކޮމިޓީތަކަށް ގެނައުމަށް ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ލީޑަރުން މަޖިލީހުގެ ރައީސަށް ދެއްވާފައިވާ ލަފައާއި އެއް ގޮތަށް މަޖިލީހުން ފާސްކޮށްފައިވާ ގޮތުން މާލިއްޔަތު ކޮމިޓީ އާއި، އިޤްތިސާދީ ކޮމިޓީއާއި، ޤައުމީ ސަލާމަތުގެ ކޮމިޓީ އާއި، ޕެންޝަން ކޮމިޓީ އާއި، އިމްތިޔާޒް ކޮމިޓީ އަދި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ އަޤްލަބިއްޔަތު ލިބެނީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ކަމަށްވާ އެމްޑީޕީ އަށެވެ.