އިޤްތިޞާދު އިޞްލާޙު ކުރެއްވުމަށް ހުށަހަޅުއްވާފައިވާ ބަދަލުތަކަކީ ރާއްޖެއަށް ގެނެވިފައިވާ ދުސްތޫރީ އިޞްލާޙުތަކާ ހުރިހާ ގޮތަކުންވެސް އެއްވަރުގެ ބަދަލުތަކެއް – ރައީސުލްޖުމްހޫރިއްޔާ

president_nasheed

ރާއްޖޭގެ އިޤްތިޞާދު އިޞްލާޙުކުރެއްވުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބަދަލުތަކަކީ، އޭގެ ފުޅާ މިނާއި، ފުންމިނާއި، އަދި އޮއްޓަރުގެ ގޮތުންވެސް، ރާއްޖޭގައި ގިނަ ޕާޓީތައް ބައިވެރިވާ ޑިމޮކްރެޓިކް ނިޒާމެއް ތަޢާރަފް ކުރުމަށްޓަކައި ގެނެވުނު ދުސްތޫރީ އިޞްލާޙުތަކާ އެއްވަރުގެ ބޮޑެތި ބަދަލުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމެރިކާގެ 235 ވަނަ މިނިވަން ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން، އެމެރިކާ އެމްބަސީއިން އިއްޔެ ހަވީރު ޓްރޭޑަރސް ހޮޓެލްގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އިޤްތިޞާދަށް ކޮންމެހެން ގެންނަވަންޖެހޭ މި ބަދަލުތަކަކީ، އުނދަގޫ ބަދަލުތަކެއްކަމަށްވިޔަސް، ރާއްޖޭގެ ގިނަ ވިޔަފާރިވެރިންނާއި، ރައްޔިތުންގެ ތާއީދު މި ބަދަލުތައް ގެންނެވުމުގައި ސަރުކާރަށް ލިބިވަޑައިގެންފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ޕާޓީތަކާއި، ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި، ރައްޔިތުންގެ އެއްބާރުލުމާއެކު، މި އަހަރުގެ ނިމުމުގެ ކުރިން، މި އިޞްލާޙްތައް ކާމިޔާބު ކަމާއެކު ގެންނެވޭނެކަމަށް އުންމީދު ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ ކުރިއަށް ދަނީ ރަނގަޅު މަގުގައި ކަމަށާއި، ރާއްޖެއަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައި، ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރާއްޖެއާމެދު އެމެރިކާ ސަރުކާރުން ކަންބޮޑުވުން ފާޅުކުރައްވާފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ހިއުމަން ޓްރެފިކިންގެ މައްސަލަކަން ފާހަގަކުރައްވައި، މި މައްސަލަ ޙައްލުކުރެއްވުމަށް، ސަރުކާރުން ވަރަށް ހަރުދަނާކަމާއެކު މިހާރު މަސައްކަތް ފަށްޓަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މަސައްކަތުގެ ތެރޭގައި، އިންސާނުން އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ހުނަރުނެތް މަސައްކަތު މީހުން، އެކި ކަންކަމަށް ގެނައުމުގައި ހަރަކާތްތެރިވާ ފަރާތްތައް ހާމަވާން ފަށާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ހިއުމަން ޓްރެފިކިންގެ މައްސަލައަކީ، ރާއްޖެއިންވެސް ވަރަށް ކަންބޮޑުވާ މައްސަލައެއްކަން ބަޔާންކުރައްވައި، ރާއްޖެއިން ބޭނުންވަނީ، އިންސާނީ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު، ޝަރަފްވެރިކަމާއެކު ދުނިޔޭގެ އެހެން ޤައުމުތަކާއެކު ހަރަކާތްތެރިވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހިއުމަން ޓްރެފިކިންގެ މައްސަލަ ޙައްލުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ރާއްޖޭގެ ރައްޔިތުން އެއްބާރުލުން ދެއްވާނެ ކަމަށް ޤަބޫލުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ވަރަށް އުނދަގޫ ދަނޑިވަޅުތަކުގައި އެކަންކަމަށް ޙައްލު ހޯއްދެވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ،ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ސަރުކާރާއި ވާދަވެރި ފަރާތްތަކުގެ ދެމެދުގައި ޚިޔާލުތަފާތުވާ ގިނަ މައްސަލަތަކެއް ހުރިކަމުގައިވިޔަސް، ވަރަށް ގިނަ މައްސަލަތަކުގައި މި ޚިޔާލުތަފާތުވުންތައް ކުޑަވަމުން އަންނަ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތައް ޙައްލުކުރެއްވުމަށް، އެމެރިކާ ސަރުކާރުން މުހިންމު އަދި ބޮޑު އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ލިބިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. ވަކިން ޚާއްޞަ ގޮތެއްގައި، ރާއްޖޭގައި ޑިމޮކްރަސީ ތަޢާރަފްކުރެވި، ބޭއްވުނު ގިނަ ޕާޓީތައް ބައިވެރިވި ފުރަތަމަ އިންތިޚާބަށްފަހު، އެމެރިކާއިން ރާއްޖެއާމެދު ކުރެވޭ މުޢާމަލާތްތައް އިތުރުވެގެން ގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކުރީގައި އެމެރިކާއިން ރާއްޖެއަށް އެހީލިބިފައިވާ ދާއިރާތަކަށްވުރެ ގިނަ ދާއިރާތަކުގެ އިތުރަށް، އެހެން ދާއިރާތަކުން ރާއްޖެއަށް އެމެރިކާގެ އެހީތެރިކަން ލިބެމުންދާކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ. އަދި އެމެރިކާ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އެމެރިކާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.