އެމްޑީޕީގެ ޗެއަރޕާސަން މާދަމާ ލާމަށް ވަޑައިގަންނަވާނެ

އިބްރާހީމް ރާމިޒް

p1015571އެމްޑީޕީން ދިއްދޫގައި ބޭއްވި މަސައްކަތު ބައްދަލުވުމުގައި މޫސަ މަޢުލޫމާތު ދެއްވަނީ .. ފޮޓޯ: އަމީމާ ޖަލީލް

އެމްޑީޕީގެ ޗެއަރޕާސަން (ރީކޯ) މޫސާ މަނިކު މާދަމާގެ ވަގުތެއްގައި ލާމު އަތޮޅަށް ވަޑައިގަންނަވާނެއެވެ.
އެމްޑީޕީގެ ޗެއަރޕާސަން ލާމު އަތޮޅަށް މިކުރައްވާ ދަތުރުފުޅަކީ މެދު ދެކުނު ސަރަހައްދުގެ އެމްޑީޕީގެ އިސް ފަރާތްތަކަށް ބާއްވާ މަސައްކަތު ބައްދަލުވުމުގައި ބަިއވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ތ. އަތޮޅާއި ލ. އަތޮޅު ހިމެނޭ މެދު ދެކުނު ސަރަހައްދުގެ އެމްޑީޕީގެ ދާއިރާތަކާއި، ގޮފިތަކުގެ ރައީސުންނާއި، އެމްޑީޕީގެ ކައުންސިލަރުންނަށް އަމާޒުކޮށްގެން އެމްޑީޕީން ބާއްވާ މި މަސައްކަތު ބައްދަލުވުން އޮންނާނީ މި އަންނަ ހޮނިހިރު ދުވަހު ލ. ގަމުގައެވެ.
އެމްޑީޕީގެ އާ ޗެއަރޕާސަން މަގާމާއި ހަވާލުވެވަޑައިގަތުމަށް ފަހު ކުރައްވާ މި ސިލްސިލާ ދަތުރުފުޅާ ބެހޭ ގޮތުން އެމްޑީޕީ ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން ޗެއަރޕާސަން ވިދާޅުވީ ” މި ދަތުރުފުޅުތަކަކީ ހުރިހާ އިދާރީ ދާއިރާތަކަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށާއި، މި ދަތުރުފުޅުތަކުގައި ކޮންމެ ދާއިރާއަކުން ވެސް ހޮވާލެވޭ ވަކި ރަށެއްގައި އެ ދާއިރާގެ މެންބަރޝިޕް މިހާރު އޮތް ހާލަތާއި، ޕާޓީގެ ހަރަކާތްތައް ކުރިޔަށްދާ މިންވަރު ދެނެގަތުމަށް އެއް ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވާނޭ ” ކަމަށެވެ.
އެމްޑީޕީން މި ދިޔަ ހަފްތާ ބަންދުގައި ފެށި މި ސިލްސިލާ ދަތުރުތައް ފެށުމުގެ ގޮތުން ހއ. އަދި ހދ. އަށް ޒިޔާރަތްކޮށް، ދިއްދޫ އާއި ކުޅުދުއްފުށީގައި ވަނީ މި ފަދަ 2 މަސައްކަތު ބައްދަލުވުން ބާއްވާފަައެވެ.