ރައީސުލްޖުމްހޫރިއްޔާ އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕެޓްރީޝިއާ ބުޓެނިސްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާއި އެމެރިކާ ސަފީރު މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ރާއްޖޭގެ ސިޔާސީ މަސްރަޙާއި، ޚާއްޞަ ގޮތެއްގައި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދަށާއި މާލީ ނިޒާމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިޞްލާޙްތަކާ ބެހޭގޮތުންނެވެ.

މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދައުލަތައް އާމްދަނީ ލިބޭ މަގުތައް ތަހުޒީބު އަދި ދެމެހެއްޓެނިވި ގޮތަކަށް ބަދަލުކުރައްވައި، އާމްދަނީ އިތުރުކުރެއްވުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައިވާ ޓެކްސްގެ ބިލުތަކާބެހޭ މަޢުލޫމާތު އެމެރިކާގެ ސަފީރާ ޙިއްސާ ކުރެއްވިއެވެ. އަދި މި ބަދަލުތަކުގެ ސަބަބުން، ދައުލަތުގެ އާމްދަނީ ދެގުނައަށް އިތުރުވެ، ސަރުކާރުން ރައްޔިތުންނަށް ފޯރުއްވައިދެއްވާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަން ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖޭގެ އިޤްތިޞާދަށް ސަރުކާރުން ގެންނަވަމުން ގެންދަވާ ބަދަލުތައް ރާއްޖޭގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާ ކަމަށާއި، މި ބަދަލުތަކުގެ މުހިންމުކަން ރާއްޖޭގެ ރައްޔިތުން ބަލައިގަންނަކަމަށް ޤަބޫލުފުޅު ކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އެމެރިކާ ސަފީރު ޕެޓްރީޝިއާ ބުޓެނިސް ދެއްކެވި ވާހަކަފުޅުގައި، އ.ދ.ން އިރާނަށް ކަނޑައެޅުއްވި، އިންސާނީ ޙައްޤުތަކާބެހޭ ޚާއްޞަ ރެޕަޓުއަރ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ފޮރިން ޕޮލިސީ އެޑްވައިޒަރ ޑޮކްޓަރ އަޙްމަދު ޝަހީދު ހަމަޖައްސަވާފައިވާތީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށް މަރުޙަބާ ވިދާޅުވިއެވެ. އަދި، މިއީ، ބައިނަލްއަޤްވާމީ މައިދާނުން ދިވެހި ސަރުކާރު ބަލައިގަންނަ ކަމުގެ ހެއްކެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން، މި ސަރަޙައްދުގެ ސިޔާސީ މަސްރަޙުގެ މައްސަލަތަކާއި، މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓްގެ ތައްޔާރީތަކާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އެމެރިކާގެ ސަފީރު މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙަންމަދު ޝިހާބާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.