ފިޔަވަޅު އަޅަން ޖެހޭނެއެވެ!!

ފުނަމާ

ދެހާސް ތޭރަވަނަ އަހަރު ބާއްވަންޖެހޭ ރިޔާސީ އިންތިޚާބެއްގައި ވެރިކަމާމެދު ރައްޔިތުން ނިޔާއެއް ކަނޑައަޅަންދެން މިއަދު މިއޮތް ސަރުކާރު ވެރިކަމުގައި އޮންނާން އެބަޖެހެއެވެ. މިނޫން ހާލަތެއް މެދުވެރި ނުވާނަމައެވެ. ހަމައެހެންމެ ދެހާސް ސާދަވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ބަދަލުގެންނާންދެން ، އާދަފޫވައްޓަނިވި ކަމެއް ނުހިނގާނަމަ އެމަޖިލީސްވެސް ދެމިއޮންނާނެއެވެ. ދެހާސްތޭރައިގައި ވެރިކަން ބަދަލުވާނެޔޭ ނުވަތަ ނުވާނެޔޭ ، މިދައްކާ ވާހަކަތަކަކީ ހަމަހުސް ސިޔާސީ ވާހަކަ ތަކެކެވެ. މިހެން މިދަންނަވަނީ ދެހާސް އަށްވަނަ އަހަރުވެސް އަޅުގަނޑުމެން މިފަދަ އަޑުތައް އެހީމެވެ. އޭރު ވެރިކަމުގައި ތިބިފަރާތްތަކުން އަޑަށްބާރުލައި ބުނަމުން ގެންދިޔައީ އެމީހުން ފިޔަވައި އެހެންބަޔަކަށް ރައްޔިތުންގެ ތާއީދު ނެތްކަމުގައެވެ. ހަމައެހެންމެ އިދިކޮޅުން ބުނަމުން ގެންދިޔައީ އެމީހުން އެވެރިކަމުގައި ނިމުމުގެ ސިއްކަ ޖަހާނެ ކަމުގައެވެ. އިންތިޚާބު ނިމިގެން ދިޔަގޮތް މިއަދު މިއޮތީ ފެންނާށެވެ. އެހެންކަމުން އުސޫލުތަކާއި ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން މިވެރިކަން ބަދަލުނުވާހާ ހިނދަކު ބަޔަކު ކިތަންމެ ހިތާމަކުރިޔަސް ނުވަތަ ހިތާނުވިޔަސް މިވެރިކަން ދެމިއޮންނާނެއެވެ. ވެރިކަން ބަދަލުކުރުމަށް ގާނޫނީ ހުދޫދުން ބޭރުގައި ކުރާ މަސައްކަތެއް ވާނީ ޣައިރުގާނޫނީ ކަމެއްގެ ގޮތުގައެވެ. ފައިސާވެރީން ކުރިޔަސް ، ސިޔާސީ މީހުން ކުރިޔަސް ގާނޫނާ ޚިލާފު ކަމެއް ކޮށްފިނަމަ ކަނޑައެޅިފައިވާ އަދަބު ޙައްގުވާނެއެވެ. އެހެންކަމުން ރައްޔިތުން ކަނޑައަޅާފައިވާ ސަރުކާރު ހުއްޓުމަކަށް ގެނައުމަކީ ހަމަޔާއި އިންސާފުން ބޭރުގައި އެއްވެސް ބަޔަކު ކޮށްގެން ވާނެކަމެއްނޫނެވެ. ހަމައެފަދައިން ރައްޔިތުންގެ މަޖްލީސް ހުއްޓުމަކަށް ގެނައުމަކީ އެއްގޮތަކަށްވެސް ކުރެވިގެންވާނެ ކަމެއް ނޫނެވެ. އެހެނީ ރައްޔިތުންގެ ވެރިކަމާ ރައްޔިތުންގެ މަޖިލީހަކީ އެމައްޗަށް ރައްޔިތުންގެ އެންމެހާ ކަންކަން ބަރޯސާވެވިގެން ވާނެ އަސާސްކަމުގައި ވާތީއެވެ. މުޅިގައުމުގެ މަސްލަހަތު އެމައްޗަށް ބިނާވެފާވައި އަސްލު ކަމުގައި ވާތީއެވެ.
މިއަދު އަޅުގަނޑުމެން މިދެކެނީ ރައްޔިތުން ކަނޑައެޅި ސަރުކާރު އިމުންބޭރުގައި ބަދަލުކުރުމަށް ސިޔާސީ ފަރާތްތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާތަނެވެ. ހަމައެކަނި ހުއްޖަތަކަށް ބުނަނީ ސަރުކާރު ކަމުނުދާ ވާހަކައެވެ. ރައްޔިތުން ސަރުކާރަށް އަޣުލަބިއްޔަތު ދިނީވެސް އިދިކޮޅު ފަރާތްތަކަށް މިސަރުކާރު ކަމުނުދާނެކަން އެނގިތިބެއެވެ. ވީމައި މިޔަކީ އަޖާބުވާވަރުގެ ވާހަކައެއް ނޫނެވެ. ސަރުކާރު ކަމުދާކަމާ ނުދާކަން އެނގޭނީ އަނެއްކާވެސް ރިޔާސީ އިންތިޚާބަކުންނެވެ. މިއީ ގާނޫނީ ގޮތުން މިކަން ކަނޑައެޅިފައިވާ ގޮތެވެ. އަޅުގަނޑުމެން އެމައްޗަށް ބުރަވެތިބި ބަރުލަމާނީ ދުސްތޫރު ކަނޑައަޅާ ބުނެދޭ ގޮތެވެ. ހަމަޔާ އިންސާފަށް ލޯބިކުރާ ކޮންމެ މީހަކުމެ ގަބޫލުކުރާންޖެހޭނެ ހަގީގަތެވެ. ކަންމިހެން އޮތްއިރު ސަރުކާރުންވިޔަސް ރައްޔިތުންގެ މަޖިލީހުން ވިޔަސް ރައްޔިތުންގެ އިހުސާސްތަކާ ދިމާއިދިކޮޅަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ސަރުކާރު ހުއްޓުވާނުލައި ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ބޮލުގައި ރައްޔިތުން އަޅުވާފައިވާ ޒިންމާ އެމަޖުލީހުން ފުރިހަމަޔަށް އަދާކުރާން ޖެހޭނެއެވެ. ހަމައެހެންމެ ރައްޔިތުންގެ މަޖިލީހަށް އެންމެ އެކަށީގެންވާ ވެއްޓެއް ސަރުކާރުންވެސް ގާއިމުކޮށްދޭން ޖެހޭނެއެވެ. އެހެނީ ދައުލަތުގެ ބާރުތައް ހިނގާ ނުހިނގާގޮތް ބަލައި ފުރިހަމައަށް ކަންކުރޭތޯ ބެލުމުގެ ޒިންމާ ގާނޫނުން އެވަނީ ސަރުކާރަށް ދީފައެވެ. މުޅިގައުމު ހުއްޓުވާލައި ސަރުކާރު ހިންގުމަށް ދަތިކޮށް ރައްޔިތުންގެ އިހުސާސްތަކާއި ބަޔަކު ބޭނުންހާ ގޮތަކަށް ކުޅެމުން ގެންދާއިރު ސަރުކާރުން ބަލަހައްޓައިގެން އޮވެގެން ނުވާނެއެވެ. ސިފައިންނާއި ފުލުހުން ނެރެގެން ވިޔަސް ރައްޔިތުން ސަރުކާރާ ހަވާލުކޮށްފައިވާ ވާޖިބު އަދާކުރުމަށް ފަސްޖެހިގެން ނުވާނެއެވެ. ރައްޔިތުން އެދިއެދި ތިބޭނީ އަބަދުވެސް ގައުމު ކުރިއަށްގޮސް ކަންކަން ފަހިވުމަށެވެ. އުފާވެރި ދިރިއުޅުމަކަށެވެ. ބޮޑުދެގެރި ތަޅައި ކަށްގަލަށް ބާރުބޮޑުވެ ދިއުމަކަށް ނޫނެވެ. ރައްޔިތުން ކަނޑައެޅި ނިޒާމު ފުނޑުފުނޑުވެ ދާކަށް ނޫނެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި އިރުއިރުކޮޅުން ބޮޑުތަޅު އަޅުވައި ހުއްޓުމަކަށް ގެނައުމަށް އެމަޖިލީހުގެ ތެރެއިން އެކުރަމުން ގެންދާ މަސައްކަތް ވަގުތުން ވަގުތަށް ހުއްޓުވައި ރައްޔިތުންނާއި ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަކީ ސަރުކާރުގެ މައްޗަށް އޮތް ވާޖިބެކެވެ. އިދިކޮޅު ފަރާތްތަކަށް އަޣުލަބިއްޔަތު އޮވެގެން މިހުރިހައި ދުވަހު މަޖިލީހުގެ ކޮމެޓީތައް އެފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް ފަދައިން ސަރުކާރަށް އެމަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުން އަންނާންޖެހޭ ބަދަލުތައް އަންނާންޖެހެއެވެ. މިއީ ކަނޑައެޅި ތަޖުރިބާއިން އެނގޭ ކަމެކެވެ. މިކަން މިގޮތައް ނުކޮށް ގައުމެއްގެ ހަޔާތުން ދެތިން ހަފުތާ ގެއްލުވާލައި މަޖިލީސް ހުއްޓުމަކަށް ގެނައުމުގެ ނަތީޖާއަކީ މިއަދު އަނެއްކާވެސް އެމަޖިލީހުގެ އަޣުލަބިއްޔަތު ލިބޭތޯ އިދިކޮޅު ފަރާތްތަކުން އެކުރާ މަސައްކަތް ކާމިޔާބު ވެއްޖެނަމަ އަޣުލަބިއްޔަތު ގެއްލޭ ފަރާތްތަކުން ހަމަމިގޮތައް ގޮތްދޫނުކޮށް އެމަޖިލީހުގައި މަރުތަޅު އަޅުވާން ދެވޭ ފުރުސަތެއް ކަމުގައިވުމަކީ ރައްޔިތުން އެދޭނެ ގޮތެއް ނޫނެވެ. އަދި މިކަމަކީ ސަރުކާރު ވައްޓާލުމަށް ފާޅުގައި މަޖިލީހުގެ ތެރެއިން ހިންގާ މުޑުދާރު އަމަލެއް ކަމުގައި ވާނަމަ މިއީ މިއަށްވުރެ ބިރުވެރި ކަމެކެވެ. މިކަމާމެދު ސަރުކާރުން ވިސްނާ އަވަސް ފިޔަވަޅެއް އަޅާން ޖެހޭނެއެވެ. ދައުލަތުގެ އެންމެ އިސްވެރިޔާގެ ބަހެއް ރައްޔިތުންނަށް އިވޭންޖެހެއެވެ.