ދުނިޔޭގެ ގައުމުތަކުން ކޮސޯވޯއަކީ މިނިވަން ޤައުމެއްގެ ގޮތުގައި ގަބޫލުކުރުމަށް ބާރުއަޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެގައުމުގެ ރައީސް އެދިވަޑައިގެންފި

20 މެއި 2010

maldives-flagkosovo_flag

ދުނިޔޭގެ ގައުމުތަކުން ކޮސޯވޯއަކީ މިނިވަން ޤައުމެއްގެ ގޮތުގައި ގަބޫލުކުރުމަށް ބާރުއަޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެގައުމުގެ ރައީސް ޑޮކްޓަރ ފާތިމީރު ސީޑިއޯ އެދިވަޑައިގެންފިއެވެ.
މެލޭޝިޔާގެ ކުއާލަމްޕޫރުގައި އިއްޔެ މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކޮސޯވޯގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ކޮސޯވޯގެ މިނިވަންކަން ޤަބޫލުކުރި އެންމެ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިފައިވުމާއެކު، އެކަމަށްޓަކައި ރައީސް ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ.
ރާއްޖޭގެ މި ނިންމުމަކީ، އެވަގުތު ކޮސޯވޯއަށް ވަރަށް މުހިންމު ނިންމުމެއް ކަމަށާއި، އެހެން ޤައުމުތަކުންވެސް ކޮސޯވޯއަކީ ވަކި މިނިވަން ޤައުމެއްގެ ގޮތުގައި ގަބޫލުކުރުމަށް ބާރުއަޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން، ރައީސް ޑޮކްޓަރ ފާތިމީރު ސީޑިއޯ އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ރާއްޖެއާއި ކޮސޯވޯއާ ދެމެދު މިހާރަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ކޮސޯވޯއިން މިނިވަންކަން އިޢުލާންކޮށްފައި ވަނީ މަޝްހޫރު ކޮސޯވޯ ހަނގުރާމަ ނިމުނުތާ 9 އަހަރު ފަހުން، ފެބްރުއަރީ 2008 ގައެވެ. މިހާތަނަށް އދ.ގެ މެންބަރު 69 ގައުމަކުން ކޮސޯވޯ އަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ވަނީ ގަބޫލުކޮށްފައެވެ. ރާއްޖެއާ ކޮސޯވޯ އާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރެވުނީ 19 ފެބްރުއަރީ 2009 ގައެވެ. ރާއްޖެއަކީ 55 ވަނަ އަށް ކޮސޯވޯގެ މިނިވަންކަން ގަބޫލުކުރި ގައުމެވެ. ރާއްޖެއިން ކޮސޯވޯގެ މިނިވަންކަން ގަބޫލުކުރިފަހުން، ސައޫދީ އަރަބިއާ ބަހުރައިން އަދި އުރުދުން ފަދަ އިސްލާމީ ގައުމުތަކުން ވެސް ވަނީ ކޮސޯވޯގެ އަކީ މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގެންފައެވެ.