ރައީސުލްޖުމްހޫރިއްޔާ ބައެއް އިސްލާމީ ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

20 މެއި 2010

hep

ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، 6 ވަނަ ވޯރލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައެއް އިސްލާމީ ގައުމުތަކުގެ އިސްވެރިންނާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.
މިގޮތުން ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ބުރޫނާއީގެ ރަސްގެފާނު ޙަސަނުލް ބުލްކިއާ، މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސެރީ ނަޖީބު ޓުން ޢަބްދުއްރައްޒާޤް އަދި ވޯރލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމްގެ ޗެއަރމަން އަދި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު މޫސާ ޙިތާމް ހިމެނި ވަޑައިގަންނަވައެވެ.
ބުރޫނާއީގެ ރަސްގެފާނު ޙަސަނުލް ބުލްކިއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބްރޫނާއީއަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ބޮޑެތި އެހީތަކެއްދޭ ޤައުމެއްކަން ފާހަގަކުރައްވައި، ރާއްޖެއަށް ދެމުން ގެންދާ މިފަދަ އެހީތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބްރޫނާއީގެ ރަސްގެފާނަށާއި، ސަރުކާރަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ. އަދި، ރާއްޖެއާއި ބުރޫނާއީއާ ދެޤައުމުގެ ދެމެދުގައި ވަރަށް އެއްގޮތް ކަންތައްތަކެއް ހުރިކަމަށް ވިދާޅުވެ، ދެޤައުމުގެ ދެމެދުގައި ކުރިއަށްވުރެ ބޮޑަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ބްރޫނާއީގެ ރަސްގެފާނާ މަޝްވަރާ ކުރެއްވިއެވެ.
ބުރޫނާއީގެ ރަސްގެފާނު ޙަސަނުލް ބުލްކިއާ ދެއްކެވި ވާހަކަފުޅުގައި، ބުރޫނާއީ އިން ރާއްޖެއާ މެދު އަބަދުވެސް ދެކެނީ ވަރަށް ގާތް ގޮތަކަށް ކަމަށާއި، ރާއްޖެއަށް ވެދެއްވެން އޮތް އެހީއެއް ވެދެއްވުމަކީ، ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފާފުޅެއް ކަމަށް ވިދާޅުވިއެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސެރީ ނަޖީބު ޓުން ޢަބްދުއްރައްޒާޤާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މެލޭޝިޔާއަށް ދަތުރުފުޅެއް ކުރެއްވުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފާފުޅެއް ކަމަށާއި، މިއީ ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ލިބިވަޑައިގެންނެވި ވަރަށް ރަގަޅު ފުރުސަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި މެލޭޝިޔާއަކީ ދިވެހި ވަރަށް ގިނަ ކިޔަވާކުދިން ދިރިއުޅެމުންދާ ޤައުމެއް ކަމާއި ވަރަށް ގިނަ ދިވެހިން ޗުއްޓީ ހޭދަކުރުމަށްވެސް ދާ ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވިއެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. އަދި، މެލޭޝިޔާގައި މިހާރު ހިނގަމުންދާ ވަރލްޑް އިސްލާމިކް ފޯރަމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއަށް ބޮޑުވަޒީރު މަޢުލޫމާތު ދެއްވިއެވެ.
ވޯރލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމްގެ ޗެއަރމަން އަދި މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު މޫސާ ޙިތާމާ އެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވި ބައްދަލުކުރެއްވުމުގައި، އެ ފޯރަމް އިތުރަށް ފުޅާކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އަދި ފޯރަމް އިތުރަށް ފުރިހަމަ ކުރެއްވުމަށް ބޭނުންވާ އެއްބާރުލުން ރާއްޖެއިން ދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖެއަށް ޑިމޮކްރެޓިކް އިސްލާހީ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރެވެމުން ދިޔަ ދުވަސްވަރު، ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލްގެ ސްޕެޝަލް އެންވޯއީގެ ގޮތުން 2005 ވަނަ އަހަރުން ފެށިގެން މަސައްކަތްޕުޅު ކުރައްވަމުން ގެންދެވި، މޫސާ ޙިތާމުގެ ފަރާތްޕުޅުން ރާއްޖެއަށް ލިބިގެންދިޔަ އެހީތެރިކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، މޫސާ ޙިތާމް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވައި، މި ފޯރަމަށް ރާއްޖޭގެ އެއްބާރުލުން ފުރިހަމައަށް ލިބެމުންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މި ފޯރަމަކީ ކޮންމެ އަހަރަކު ބޭއްވޭ ފޯރަމަކަށް ހެއްދެވުމަށާއި، މިއީ މިހާރަށްވުރެ ފައިދާ ހުރި، އަދި ހަރުދަނާ ނަތީޖާ ނެރެވޭ ފަދަ ފޯރަމަކަށް ހެއްދެވުމަށް ބޭނުންފުޅުވާ ކަމުގައި ވެސް މޫސާ ޙިތާމް ވިދާޅުވިއެވެ.